ކ. މާލެ
|
27 ޑިސެންބަރ 2018 | ބުރާސްފަތި 20:06
ޝުމައިކަލްއަށް މަރުހަބާ ކިޔުމުގެ ތެރެއިން
ޝުމައިކަލްއަށް މަރުހަބާ ކިޔުމުގެ ތެރެއިން
އެފްއޭއެމް
މޯލްޑިވްސް ފުޓްބޯލް އެވޯޑްސް
އެވޯޑަށާއި، އިންމަ ރިޓަޔާކުރާ މެޗަށް ޝުމައިކަލް ރާއްޖެ އައިސްފި
 
ޝުމައިކަލް ރާއްޖެ އައީ ބުރާސްފަތި ދުވަހު

މޯލްޑިވްސް ފުޓްބޯލް އެވޯޑްސް އަށާއި، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލު ކީޕަރު އިމްރާން މުހައްމަދު (އިންމަ) ރިޓަޔާކުރާ މެޗަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު ގޯލު ކީޕަރު ޕީޓާ ޝުމައިކަލް ރާއްޖެ އައިސްފިއެވެ.

ޝުމައިކަލް ރާއްޖެ އައިސްފައިވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ. އޭނާ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔާފައިވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު އާއި އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް އާއި މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމްގެ ފައުންޑަރ ޝިމާޒް އަލީ އަދި ކީޕަރު އިންމައެވެ. 

މީގެއިތުރުން ރާއްޖޭގައި ތިބޭ މެންޗެސްޓާ ޔުނައިޓެޑުގެ ބައެއް ސަޕޯޓަރުންވެސް ޝުމައިކަލްއަށް މަރުހަބާ ކިޔުމަށް އެއާޕޯޓަށް ދިޔައެވެ. އަދި އެ ސަޕޯޓަރުން ވަނީ ޝުމައިކަލްއަށް ހަނދާނީ ފިލައެއް ދިނުމުގެ އިތުރުން އޮޓޯގްރާފްސްވެސް ހޯދާފައެވެ. 

އިންމަ ރިޓަޔާކުރާ މެޗުގައި އިންމަގެ ޓީމަކާއި، އެފްއޭއެމް ޓީމެއް ބައްދަލުކުރާއިރު، ޝުމައިކަލް ކުޅޭނީ އެފްއޭއެމް ޓީމަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުއެވެ. މެޗު ބެލުމަށް ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަނުމަށް އެފްއޭއެމް އަދި އިންމަވެސް އެދެއެވެ.

އެފްއޭއެމް އެވޯޑްސް އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި އެވޯޑުގައި ޝުމައިކަލްގެ އިތުރުން ރެއާލް މެޑްރިޑްގެ ކުރީގެ ލެޖެންޑް މިޝެލް ސަލްގާޑޯވެސް ބައިވެރިވާނެއެވެ. އިންމަ ރިޓަޔާކުރާ މެޗުގައި ސަލްގާޑޯ ކުޅޭއިރު، އޭނާވެސް ފެނިގެންދާނީ އެފްއޭއެމް ޓީމުންނެވެ. ސަލްގާޑޯ ވަނީ އަންގާރަ ދުވަހު ރާއްޖެ އައިސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް