މިއަހަރުގެ ފެބްރުއަރީ މަހު ކުއްލި ގޮތަކަށް މަރުވި ބޮލީވުޑް ގެ ފުރަތަމަ އަންހެން ސުޕަރ ސްޓާ ސްރީދޭވީ އާއި ބޮނޭ ކަޕޫރުގެ ހަގު އަންހެން ދަރިފުޅު އަންނަ އަހަރު ބޮލީވޫޑަށް ތަޢާރަފް ވެގެން ދާނެ ކަމަށް ފިލްމް ޕްރޮޑިއުސަރ ކަރަން ޖޯހަރު ބުނެފިއެވެ.
ޒުވާން ގިނަ ތަރިންތަކެއް ބޮލީވުޑަށް ތަޢާރަފް ކޮށްފައިވާ ކަރަން، "ނޯ ފިލްޓަރ ނޭހާ" ރޭޑިއޯ ޗެޓް ޝޯގައި ބޮލީވުޑް ސްޓާރުންގެ ދަރިންގެ ތެރެއިން އަންނަ އަހަރު ބޮލީވުޑަށް ތަޢާރަފް ވެގެން ދާނީ ކޮންތަރިންނެއްތޯ ސުވާލު ކުރުމުން ބުނެފައިވަނީ ފިލްމް މޭކަރ ޖާވިދް ޖެފްރީގެ ފިރިހެން ދަރިފުޅު މިޒާން އާއި، ބޮނޭ ކަޕޫރުގެ އަންހެން ދަރިފުޅު ހުޝީ ކަޕޫރު ކަމަށެވެ.
މި ދެކުދިންނާއި ބެހޭގޮތުން ވާހަކަ ދައްކަމުން ކަރަން ބުނެފައިވަނީ މިޒާން އަކީ މޮޅު ނެށުންތެރިއެއް ކަމަށާއި އޭނާއަށް ބިގް ސްޓާރަކަށް ވުމުގެ ގާބިލްކަން އެބަހުރި ކަމަށެވެ. އަދި ހުޝީ އަކީވެސް ވަރަށް ރީތި އަދި އެހާމެ ލޯބި ކުއްޖެއް ކަމަށް ކަރަން ވަނީ ބުނެފައެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުން މިޒާން ފެނިގެންދާނީ "ޕަދްމަވަތީ"ގެ ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީގެ އަންނަން އޮތް ފިލްމުންނެވެ. ނަމަވެސް ހުޝީ ބޮލީވުޑަށް ތަޢާރަފް ވެގެން ދާނީ ކޮން ފިލްމަކުން ކަމެއް ކަރަން ހާމަކޮށްފައެއް ނުވެއެވެ.
ހުޝީ ވެގެން ގޮސްފައިވަނީ އެހާމެ ފެޝަނަބަލް އަދި ސޯޝަލް މީޑިއާގައި ވަރަށް ޕޮޕިއުލާ ކުއްޖަކަށެވެ.
ހުޝީގެ ދައްތަ ޖާންވީ ކަޕޫރު ބޮލީވުޑަށް ތަޢާރަފް ވެގެން ގޮސްފައިވަނީ މިއަހަރު ރިލީޒް ކުރި ފިލްމް "ދަޅަކް" އިންނެވެ. ޖާންވީ އޭނާގެ ކޮއްކޮގެ މުސްތަގްބަލާއި ގުޅޭގޮތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ކަރަން ވަނީ 2012 ވަނަ އަހަރު އޭނާގެ ފިލްމް "ސްޓޫޑެންޓް އޮފް ދަ އިޔާ" އިން ވަރުން ދަވަން، ސިދާތް މަލޯތްރާ އަދި އާލިއާ ބަޓް ބޮލީވުޑަށް ތައާރަފް ކޮށްފައެވެ. އަދި އޭނާ ދަނީ މިއަހަރު އުފައްދާ "ސްޓޫޑެންޓް އޮފް ދަ އިޔާ 2" އިން ޗަންކީ ޕާންޑޭ ގެ އަންހެން ދަރިފުޅު އަނަންޔާ ޕާންޑޭ ބޮލީވުޑަށް ތަޢާރަފް ކުރުމަށް ތައްޔާރު ވަމުންނެވެ.