ހޮލީވުޑްގެ މަޝްހޫެރު ޖޯޑެއްކަމަށްވާ މައިލީ ސައިރަސްއާއި ލިއަމް ހެމްސްވޯތު ކައިވެނި ކުރިކަމުގެ އަޑުތައް ފެތުރެން ފަށައިފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ދެ މީހުން ކައިވެނިކޮށްފައިވަނީ ނިމިގެންދިޔަ ހަފްތާ ބަންދުގައެވެ.
މިގޮތަށް އަޑުފެތުރެން ފެށީ އެމީހުންގެ އެކުވެރިއެއްކަމަށްވާ ކޮންރެޑް ޖެކް ކާރ އިންސްޓަގްރާމް ސްޓޯރީއަށް ޕޯސްޓްކޮށްފައިވާ ފޮޓޯއަކާއި ވީޑިއޯއެއްގެ ސަބަބުންނެވެ.
އެގޮތުން ކާރ ފުރަތަމަ ޕޯސްޓްކޮށްފައިވާ ފޮޓޯއިން ފެންނަނީ މައިލީ، 26، އާއި ލިއަމް، 28، ވެޑިންގެ ކޭކެއް ފަޅަން ތައްޔާރަށް ހުންނަ މަންޒަރެވެ. ފޮޓޯގައި މައިލީ ފެންނަނީ ހުދު ހެދުމެއް ލައިގެންނެވެ. އަދި ލިއަމް ހުރީ ޓަކްސްއެއް ލައިގެންނެވެ. ފޮޓޯގައި މައިލީގެ މަންމަ، ޓްރިޝްވެސް ފެނެއެވެ.
ކާރ ޕޯސްޓްކޮށްފައިވާ ވީޑިއޯއިން ފެންނަނީ ލިއަމް އޭނާގެ ބައްޕައާއި ބޭބެމެން -އޭގެ ތެރޭގައި 'ތޯރ'ގެ ރޯލުން ފެންނަ ކްރިސް ހެމްސްވޯތު- އާއެކުއެވެ. އަދި ފަހަތުގައި 'މިސްޓަރ އެންޑް މިސިސް' ޖަހާފައިވާ ޑެކަރޭޝަނެެއް ފެނެއެވެ.
އެއަށްފަހު މައިލީގެ ކޮއްކޮ، ނޯއާ ސައިރަސްވެސް މި ޑެކަރޭޝަން ފެންނަގޮތަށްވަނީ ޕޯސްޓެއްކޮށްފައެވެ. އަދި މައިލީ ހުދު ހެދުމެއް ލައިގެން ފެންނަ ފޮޓޯއެއްވެސް އޭނާވަނީ ޝެއާކޮށްފައެވެ.
2009 ވަނަ އަހަރު ރިލީޒްކުރި "ދަ ލާސްޓް ސޯންގް"އިން ފެނިގެންދިޔަ މައިލީއާ ލިއަމްގެ ލޯބީގެ ގުޅުން ފެށިގެން ދިޔައީވެސް އެހިސާބުންނެވެ. އަދި 2012 ވާނަ އަހަރު ކައިވެނި ކުރަން އެންގޭޖްވުމަށްފަހު ދެ މީހުންވަނީ 2013 ވަނަ އަހަރު ވަކިވެފައެވެ.
އެއަށްފަހު، 2016 ވަނަ އަހަރު އަނެއްކާވެސް ދެ މީހުން ގުޅުނެވެ.
މި މަހު އެމެރިކާގެ މަލިބޫގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއަށް ފަހު މައިލީއާއި ލިއަމްގެ ގެ އަނދާފައިވާއިރު، އެ ހާދިސާއަށް ފަހު ދެ މީހުންގެ ގުޅުން އިތުރަށް ވަރުގަދަވެގެން ދިޔަކަމަށް ރިޕޯޓްތަކުން ބުނެއެވެ.
މައިލީއާއި ލިއަމް ސިއްރުން ކައިވެނިކޮށްފައިވާކަމުގެ ހަބަރުތައް ފެތުރެމުންދާއިރު، ދާދި ފަހުން އޭންޑޯ ކޯހަންއަށް ދިން އިންޓަވިއުއްގައި މައިލީ ބުނެފައިވަނީ މި ވަގުތު ކައިވެނި ކުރުމާމެދު ވިސްނާވަރަށް ވުރެ ދެ މީހުންވެސް "މާ ބިޒީ"ކަމަށެވެ.