އެއްގަމު ދަތުރުފަތުރަށާއި ހިނގާ މީހުންނަށް އުނދަގޫވާ ގޮތަށް ގިނަ ދުވަސްތަކެއްވަންދެން މާލޭގެ މަގުމަތީގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި އުޅަނދުތައް ނެގުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަނެއްކާ ވެސް ޚާއްސަ މަސައްކަތްތަކެއް ފަށައިފި އެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ މާލޭގެ އެކި ސަރައްހައްދުތަކުގައި، ހާއްސަކޮށް ކާރުބާރު ބޮޑުވާ ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުންނަ އުޅަނދުތަކާއި ގިނަ ދުވަސްވަންދެން ބަހައްޓާފައި ހުންނަ، ބާވެ ހަލާކުވެފައިވާ އުޅަނދުތައް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައި ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތް އެކި ދުވަސްމަތިން ފުލުހުން ކުރަމުން ގެންދާނެ ކަމަށް އެ އިދާރާ އިން ހާމަކުރެ އެވެ.
މި މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މަގުމަތީގެ ކާރުބާރު ބޮޑުވެ ތޮއްޖެހުން އިތުރުވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައި ދިނުމުގެ ގޮތުން ކަމަށް ފުލުހުން ބުނެއެވެ.
އެހެންކަމުން ގަވާއިދާ ހިލާފަށް މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިހުރި އުޅަނދުތަކުގެ ވެރިފަރާތްތަކުން އެ އުޅަނދުތައް ނެގުމަށް ފުލުހުން ވަނީ އިލްތިމަސްކޮށްފަ އެވެ.
މިފަދަ އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުނަގައި ހުރި އުޅަނދުތައް ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލައިގެން އެއުޅަނދެއް ޓޯވް ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ފުލުހުން ހާމަކުރެ އެވެ.
އަަދި އުޅަނދު ޓޯވް ކުރުމުގައި ލިބޭ ގެއްލުމަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޒިންމާ ނުވާނެ ކަމަށް ފުލުހުން ބުނެއެވެ.