ކ. މާލެ
|
24 ޑިސެންބަރ 2018 | ހޯމަ 18:38
ވިކްޓްރީގެ ބޯޑަށް ހޮވުނު މެމްބަރުން
ވިކްޓްރީގެ ބޯޑަށް ހޮވުނު މެމްބަރުން
ޓްވިޓަރ
ވިކްޓްރީގެ އިންތިހާބު
ވިކްޓީގެ ޗެއާމަނަކަށް ނާޝިދު، ނައިބުންނަށް މާއްޓެ އާއި އުމަރުބެ ހޮވައިފި
މަޝްހޫރު ކުރީގެ ކުޅުންތެރިން ވަނީ ބޯޑަށް އިންތިހާބުވެވަޑައިގެންފައި

ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ޗެއާމަނަކަށް ޑރ. އިބްރާހިމް ނާޝިދު އަދި ވައިސް ޗެއާމަނުންނަށް ކުރީގެ ކީޕަރު އަދި ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) އާއި މުހައްމަދު ހަމީދު (އުމަރުބެ) އިންތިހާބުކޮށްފިއެވެ.

ގަލޮޅު މަދުރަސާގައި ބޭއްވި ކްލަބްގެ އާއްމު ޖަލްސާގައި ޗެއާމަން ކަމަށް އިންތިހާބުވެވަޑައިގެންނެވި ނާޝިދަކީ ވިކްޓްރީ ކުރިން ހިންގެވުމުގައި އިސް ދައުރެއް އަދާކުރެއްވި ކެނެރީ އަބްދުއްސައްތާރުގެ ބޭފުޅެކެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޭބޭފުޅެވެ.

ސްޕޯޓްސް އެންޑް ޓެކްނިކަލް ވައިސް ޗެއާމަން ކަމަށް އިންތިހާބުވެވަޑައިގެންނެވި އުމަރުބެއަކީ ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވެ ވަޑައިގެންފައިވާ ބޭފުޅެކެވެ.

ކްލަބުގެ ވައިސް ޗެއާމަން، ފިނޭންސް އެންޑް މާކެޓިންގެ މަގާމަށް އިންތިހާބުވެ ވަޑައިގެންނެވި މާއްޓޭއަކީ އެ ކްލަބަށް މީގެ ކުރިން ކުޅުއްވުމުގެ އިތުރުން އެ ކްލަބަށް ކޯޗުކަން ވެސް ކޮށްދެއްވި ބޭފުޅެކެވެ. މާއްޓޭއަކީ ފުޓުބޯޅައިގެ ޓެކްނިކަލް ދާއިރާގެ ތަޖުރިބާކާރެކެވެ. އަދި މާއްޓޭ ވަނީ ފުޓުބޯޅައިގެ ހިންގުމާއި، މާކެޓްކުރުމުގެ ދާއިރާއިން ރާއްޖޭން ބޭރުން މަތީ ތިން ފާހެއް ނަންގަވާފައެވެ.

ވިކްޓްރީގެ އާއްމު ޖަލްސާގައި ބޯޑުގެ އެހެން މަގާމްތަކަށް މެމްބަރުން އިންތިހާބުވީ، ކޮންމެ މަގާމަކަށް ވެސް އެންމެ ބޭފުޅަކު ކުރިމަތިލައްވާފައިވާތީ ވޯޓަކާ ނުލައެވެ.

އެގޮތުން ބޯޑް ޑިރެކްޓަރުންނަށް ހޮވުނު ނުވަ ބޭފުޅުންގެ ތެރޭގައި ކުރީގެ ފޯވާޑް އިބްރާހިމް މުހައްމަދު (ފާއިގް) އާއި ކުރީގެ ގޯލުކީޕަރު އިސްމާއިލް ޒަރިޔަންދު އަދި ގޯލު ކީޕަރު ޓްރެއިނަރު އަހުމަދު ރިޔާޒް (ގާނާ) ހިމެނެއެވެ.

ބޯޑަށް ހޮވުނު އިތުރުން މެމްބަރުންގެ ތެރޭގައި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުލްމާޖިދު (ލެކިއުޓް މާޖިދު) އާއި މަޝްހޫރު ޓީވީ ޕްރެޒެންޓަރު މަރިޔަމް ވަހީދާ އާއި އިސްމާއިލް ލަތީފާއި، ހިސާން ނަސީމާއި، ޝެހެނޭޒް ވާފިރު އަދި ފާތިމަތު ރިޒްމާ ވަލީދު ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް