ކ. މާލެ
|
22 ޑިސެންބަރ 2018 | ހޮނިހިރު 23:29
މިނިސްޓަރު މަހުލޫފް (ކ) އަދި ޝައިހް ސަލްމާން
މިނިސްޓަރު މަހުލޫފް (ކ) އަދި ޝައިހް ސަލްމާން
ޓްވިޓަރ
ސަލްމާން - މަހުލޫފް
އޭއެފްސީގެ ރައީސްއާ މިނިސްޓަރު މަހުލޫފް ބައްދަލުކުރައްވައިފި
ބައްދަލުވުން ކުރިޔަށް ގެންގޮސްފައިވަނީ ލަންޑަނުގައި

އޭއެފްސީގެ ރައީސް ޝައިހް ސަލްމާން ބިން އިބްރާހިމް ހަލީފާއާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ބައްދަލުކުރައްވައިފި އެވެ.

މިނިސްޓަރު މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޝައިހް ސަލްމާނާ އެކު ވަރަށް ކާމިޔާބު ބައްދަލުވުމެއް ކުރިއަށް ގެންދެވިފައިވާ ކަމަށާއި، މި ބައްދަލުވުމުގައި ފީފާގެ ގަވައިދުތަކާ ހިލާފަށް އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާނެ ކަމަށެވެ. އަދި އޭއެފްސީގެ ނަސޭހަތް އަބަދުވެސް ބަލައިގަންނާނެ ކަމަށްވެސް މަހުލޫފް ވަނީ ވިދާޅުވެފައެވެ.

ހޮނިހިރު ދުވަހު ލަންޑަނުގައި ޝައިހް ސަލްމާނާ މިނިސްޓަރު މަހުލޫފް ބައްދަލު ކުރައްވާފައިވާއިރު، މިނިސްޓްރީން ދަނީ "ފެކްޓް ފައިންޑިން ކޮމިޓީ"ގެ ނަމުގައި ކޮމިޓީއެއް އުފައްދާ އެފްއޭއެމްގެ މައްސަލަތައް ބަލަމުންނެވެ.

އެ ކޮމިޓީ އުފެއްދުމާ އެކު އެފްއޭއެމުން ވަނީ އޭއެފްސީގައި ބުދަ ދުވަހު ލަފަޔަކަށް އެދިފައެވެ. އެގޮތުން އޭއެފްސީން ޖަވާބުގައި ބުނީ، އެފްއޭއެމްގެ މައްސަލަތައް ބެލޭނީ ހަމައެކަނި އޭއެފްސީ އާއި ފީފާއަށް ކަމަށާއި، ތިން ވަނަ ފަރާތަކުން އެފްއޭއެމްގެ ކަންކަމުގެ ތެރެއަށް ނުވަނުމަށް އެދިފައެވެ.

މީގެ އިތުރުން އޭއެފްސީން ވަނީ ނުސީދާ ގޮތެއްގައި ޔޫތު މިނިސްޓްރީއަށް އިންޒާރު ވެސް ދީފައެވެ. އަދި އެފްއޭއެމްގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށް ވެސް އޭއެފްސީން ވަނީ ބުނެފައެވެ.

ނަމަވެސް މިނިސްޓަރު ހޮނިހިރު ދުވަހު ކުރެއްވި ޓުވީޓްގައި ވިދާޅުވީ، ފެކްޓް ފައިންޑިން ކޮމިޓީން މަސައްކަތް ކުރަމުންދާނީ ކަނޑައެޅިފައިވާ އިމުގެ ތެރެއިން ކަމަށެވެ.

މިނިސްޓަރު މަހުލޫފް ބުދަ ދުވަހު ކުރެއްވި ޓުވީޓްގައި ވެސް އެފްއޭއެމްގެ ކަންކަމުގެ ތެރެއަށް ނުވަންނަކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ. އަދި އެކަން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އަންގާފައިވާނެ ކަމަށްވެސް މިނިސްޓަރު މަހުލޫފް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް