ސްމާޓް ފޯނު އުފައްދާ ޗައިނާގެ މަޝްހޫރު ކުންފުނި ވާވޭގެ ސިއެފްއޯ މެންގް ވަންޒޫ ވަނީ މި މަހުގެ އެއްވަނަ ދުވަހު ހައްޔަރު ކޮށްފައެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ކެނެޑާގެ އެއާޕޯޓުން މެކްސިކޯއަށް ދިއުމަށް ފުރަންގޮސް ހުއްޓައެވެ. މީޑިއާ އާއި ބީރައްޓެހި މެންގްއަކީ ބިޒްނަޒް ކޮންފަރެންސްތަކުން ނޫނީ ފެންނަ މޫނެއް ނޫނެވެ.
އެހެންކަމުން އޭނާއަކީ ކާކުތޯ ބަލަން ގިނަ ބަޔަކު ބޭނުންވެއެވެ.
ކެނެޑާއިން މެންގް ހައްޔަރު ކޮށްފައިވަނީ އެމެރިކާގެ އެދުމުގެ މަތިންނެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރަނީ "ސްކައި ކޮމް" ގެ ނަމުގައި ވާވޭގެ ސަބްސިޑަރީ ކުންފުންޏެއް ހަދައި، އެމެރިކާގެ ބޭންކް ތަކަށް އޮޅުވާލައިގެން އީރާނާއި ވިޔަފާރި ކުރި ކަމަށެވެ.
ކެނެޑާގެ ވެންކޫވަރ އެއާޕޯޓުން މެންގް ހައްޔަރު ކުރުމަށް ފަހު އޭނާއަށް ވަނީ ކެނެޑާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އޭނާ ހައްޔަރު ކުރުމުގެ އަމުރެއް އެމެރިކާގެ ކޯޓަކުން ނެރެފައިވަނީ އޮގަސްޓު މަހުގެ 22 ވަނަ ދުވަހުއެވެ. އޭނާ ގޭ ބަންދުގައި ބަހައްޓަން ފެނޭތޯ ބެލުމަށް ވެންކޫވަރ ގެ ކޯޓުގައި މި މަހުގެ ހަތަކުން އެގާރައަށް ބޭއްވި އަޑުއެހުން ތަކުގައި އޭނާގެ ވަކީލް ވަނީ މެންގްގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ. މެންގްގެ ވަކީލް ބުނީ ''ސްކައި ކޮމް" އާއި ވާވޭ އަކީ އެއްވެސް ގުޅުމެއް ނޯންނަ ދެ ކުންފުނި ކަމަށެވެ. އަޑުއެހުމަށްފަހު މެންގް ދޫކޮށްލާފައިވަނީ 7.5 މިލިއަން ޑޮލަރުގެ ކަފާލާތެއްގެ ދަށުންނެވެ.
އޭނާ ދޫކޮށްލީ ޝަރުތުތަކެއް ކަނޑައެޅުމަށްފަހުއެވެ. އޭގެ ތެރޭގައި އޭނާ ގެންގުޅޭ ދެ ޕާސްޕޯޓް ކޯޓާއި ހަވާލުކުރުމުގެ އިތުރުން ފުލުހުން ދީފައިވާ އިލެކްޓްރޯނިކް ޓެގް ބްރެސްލެޓް އަޅައިގެން އުޅުމަށް ކޯޓުން ވަނީ ޝަރުތު ކޮށްފައެވެ.
މެންގް އެމެރިކާއާ ހަވާލުކުރުމަށް އެމެރިކާއިން ދަނީ ކެނެޑާގައި އެދެމުންނެވެ.
ކެނެޑާއިން މެންގް އެމެރިކާއާއި އަދި ހަވާލުކޮށްފައި ނުވި ނަމަވެސް އެކަމުގައި ގޮތް ނިންމާނީ ކެނެޑާގެ ޖަސްޓިސް މިނިސްޓަރެވެ. އެމެރިކާ އިސްވެއޮވެ މެންގް ހައްޔަރު ކުރުމަކީ، އިންސާނީ ހައްގުތަކާއި ޚިލާފް އަމަލެއް ކަމަށް ޗައިނާއިން ވަނީ ތުހުމަތުކޮށްފައެވެ. މެންގް ހައްޔަރު ކުރުމާއި އެކު ޗައިނާއިން ކެނެޑާ އާއި އެމެރިކާ އާއި ދެމެދު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.
މި ކަންތައް ހިނގާފައިވަނީ ކެނެޑާއިން ޗައިނާއަށް ވިޔަފާރިގެ ގޮތުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނެގުމާއި ބެހޭ ގޮތުން މަޝްވަރާ ކޮށްފައި ވަނިކޮށެވެ. ޗައިނާއިން ވަނީ އެ ގައުމުގެ ގައުމީ ސަލާމަަތަށް ނުރައްކާ ވާކަމަށް ޝައްކުކޮށް ކެނެޑާގެ ދެ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.
އުމުރުން 46 އަހަރުގެ މެންގްގެ މައްޗަށް ދައުވާ ސާބިތުވެއްޖެ ނަމަ އޭނާ 30 އަހަރަށް ޖަލަށް ދާންޖެހޭނެއެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީގައެވެ.
މެންގް ވަންޒޫ އުފަންވީ 13 ފެބްރުއަރީ 1972 ގައެވެ. އޭނާގެ ބައްޕަ އަކީ ވާވޭ ކުންފުނީގެ ބާނީ، ރެން ޒެންފޭއެވެ. އޭނާގެ މަންމަ އަކީ ޗައިނާގެ ސީޗުއާން ޕޮރޮވިންސްގެ ކުރީގެ ޑެޕީއުޓީ ގަވަރުނަރުގެ ދަރިފުޅު މެންގް ޖުންއެވެ. މެންގްއަކީ ރެންއަށް ލިބުނު ތިން ކުދިންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅެވެ.
ހުއާޒޮންގް ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއިން 1992 ވަނަ އަހަރު މާސްޓާސް ޑިގްރީ ހާސިލް ކުރުމަށް ފަހު މެންގް އެންމެ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ، ޗައިނާގެ އެންމެ ވަރުގަދަ އެއް ބޭންކު ކަމަށްވާ ޗައިނާ ކޮންސްޓަރްކްޝަން ބޭންކުގައެވެ.
އަހަރެއްހާ ދުވަސް ބޭންކްގައި މަސައްކަތް ކުރުމަށް ފަހު 1993 ވަނަ އަހަރު މެންގް އޭނާގެ ބައްޕަގެ ކުންފުނި ވާވޭއާ ގުޅުނެވެ. ވާވޭގައި އޭނާ އެންމެ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ ފޯނު އޮޕަރޭޓަރެއްގެ މަގާމުގައެވެ.
އެގޭ އިތުރުން އޭނާ ވަނީ އެ ކުންފުނީގެ ހެޑް އޮފް އިންޓަނޭޝަނަލްގެ އެކައުންޓިން، ސީއެފްއޯ އޮފް ވާވޭ ހޮންގް ކޮންގްގެ އިތުރުން ޑައިރެކްޓަރ އޮފް އެކައުންޓިންގެ މެނޭޖްމެންޓުގެ މަގާމުވެސް އަދާ ކޮށްފައެވެ. ވާވޭ އިން 2011 ވަނަ އަހަރު މެންގަކީ އެ ކުންފުނީގެ ޓޮޕް އެކްޒެކިއުޓިވްގެ ގޮތުގައި އައްޔަންކޮށް، ވާވޭގެ ސީއެފްއޯގެ މަގާމްވެސް މެންގްއާ ހަވާލުކުރިއެވެ.
މެންގަށް 2018 ވަނަ އަހަރު ވާވޭގެ ޑެޕިއުޓީ ޗެއާމަންގެ މަގާމު އެ ކުންފުނިން ދިނެވެ. އެއާ އެކު އޭނާ ވެގެން ދިޔައީ ޗައިނާގެ އެންމެ ވަރުގަދަ އެއް އަންހެން ވިޔަފާރިވެރިޔާއަށެވެ. އެމެރިކާގެ ފޯބްސް މަޖައްލާ އިން 2017 ވަނަ އަހަރު ނެރުނު އެންމެ ނުފޫޒު ގަދަ އަންހެނުންގެ ލިސްޓްގައި މެންގް ހިމެނެނީ 8 ވަނައަށް ޗައިނާގެ އެންމެ ވަރުގަދަ އަންހެން ވިޔަފާރިވެރިޔާގެ ގޮތުގައެވެ. މެންގެ ބައްޕަ ބިލިއަނަރު ރެންއަކީ ދުނިޔޭގެ 83 ވަނައަށް އެންމެ މުއްސަނދި މީހާއެވެ.
ޗައިނާގެ އިތުރުން ހޮންކޮންގް އަދި ކެނެޑާގައި މެންގް ވަނީ ގިނަ ދުވަސްތަކެއް ހޭދަކޮށްފައެވެ. މެންގް އާއި އޭނާ ފިރިމީހާ ވަނީ ކެނެޑާއިން ބޮޑު އަގުގައި ދެ ގެ ގަނެފައެވެ.
ޗައިނާއިން އަޑުހަރުކޮށް މެންގް ދޫކޮށްލުމަށް ގޮވާލަމުންދާއިރު، މެންގްގެ ބައްޕައަކީ ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ އިތުރުން ޗައިނާގެ މިލިޓަރީގައި ނުފުޒޫ އޮންނަ މީހެކެވެ.
އެމެރިކާއިން ކެނެޑާގެ ގާތު މެންގް ހަވާލު ކުރަން އެދެމުންދާއިރު ކެނެޑާއިން މެންގް ދޫކޮށްލާނެތޯ އަދިވެސް ދަނީ ސުވާލު ކުރެވެމުންނެވެ.