ކ. މާލެ
|
11 ފެބްރުއަރީ 2017 | ހޮނިހިރު 09:43
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްގެ ވަގުތީ ނަތީޖާ އިއުލާންކުރި ވަގުތު ހަސަން ލަތީފް ހަރުގޭގައި
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްގެ ވަގުތީ ނަތީޖާ އިއުލާންކުރި ވަގުތު ހަސަން ލަތީފް ހަރުގޭގައި
މުހައްމަދު ޝަރުހާން
އެމްޑީޕީ
"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"
އަތޮޅުތޭގައި ޕާޓީގެ ގޮފިތައް އަލުން ހަދާނަން
ކައުންސިލް އިންތިހާބު ކެންޕޭން ލޯންޗުކޮށް، ކެންޕޭން ހަރަކާތައް މުޅި ރާއްޖޭގައި ހިންގާނަން
އެންމެ އިސް ވާޖިބަކީ ރައީސް ނަޝީދަށް ރިޔާސީ ކެންޑިޑެންސީ ހޯދައިދިނުން

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން އަލީ ވަހީދު އިސްތިއުފާ ދެއްވީ ޕާޓީ އާއި ރާއްޖޭގެ މިވަގުތުގެ ހާލަތަށް ބައްލަވައި، ރާއްޖޭން ބޭރުގައި ހުންނަވައިގެން މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެއްވޭނެތީ އެވެ. އިނގިރޭސި ވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވުމުން، ހުކުރު ދުވަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވީ އެ މަގާމަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓް ހަސަން ލަތީފެވެ. އިދާރީ ތަޖްރިބާވެސް ހުންނެވި ގާނޫނީ ވަކީލެކެވެ. ޗެއާޕާސަންގެ މަގާމް ކަށަވަރުކުރެއްވި ހަސަން ލަތީފް ދެކެވަޑައިގަންނަވާ ގޮތުގައި އޭނާގެ އެންމެ އިސްކަން ދެއްވަންވީ ޕާޓީގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށެވެ. އޭގެ އިތުރަށް އެންމެ އިސް ވާޖިބެއްކަމުގައި އޭނާ ދެކެވަޑައިގަންނަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެ ގޮތް ތަނަވަސްކޮށް، އެ އިންތިހާބު ކާމިޔާބު ކުރުމެވެ. 

ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި އަދި ފަހުން ރައީސް ނަޝީދުގެ ގާނޫނު ވަކީލުންގެ ޓީމްގައި ހިމެނިވަަޑައިގެންނެވި ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވައިދު ބުނެފައިވާ ގޮތުން ޗެއާޕާސަންގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެންމެ އިސްކަންދޭންޖެހޭނީ އެޕާޓީގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ކަމަށެވެ. އެކަމަށް ހުރަސް އެޅޭ ގޮތަށް އެއްވެސް ކަމެއް ޗެއަޕާސަންގެ މަގާމުގައި ހުންނަވާ ބޭފުޅަކު ކުރައްވައިގެން ނުވާނެ ކަމަށާއި މަގުމަތީ ހަރަކާތްތަކުގައި އެންމެ އިސްކޮށް ހުންނަވަންޖެހޭ ބޭފުޅަކީ ޗެއާޕާސަން ކަމަށް ގަބޫލެއްނުރައްވައެވެ.

"ޗެއާޕާސަންގެ މައި މަސައްކަތަކީ އިދާރީ ހިންގުން، މަގުމަތީ ހަރަކާތް ލީޑް ކުރާ އިސް ފަރާތަކީ ޗެއާޕާސަން ކަމަށް އަޅުގަޑެއް ނުދެކެން" ހަސަން ލަތީފް ވިދާޅުވީއެވެ.

 ހަސަން ލަތީފް ވިދާޅުވި ގޮތުން މަގުމަތީ ހަރަކާތަށް އިތުރު ކުރެވޭނީ ޕާޓީގެ އިދާރީ އޮނިގަނޑު ޙަރުދަނާކޮށް ހިގަން ފެށުމުން ކަމަށެވެ. އަސާސީ ގަވައިދު ބުނާ ގޮތަށް ކޮމެޓީ ބައްދަލުވުންތަށް ގަވައިދުން ބާއްވައި، އަތޮޅުތެރޭގައި ހަރަކާތައް ވަރުގަދަކޮށްގެން ނޫނީ މަގުމަތީ ހަރަކާތައް ކާމިޔާބުކަމާއެކު ކުރިއަށް ނުގެންދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމް ހަސަން ލަތީފަށް ކަށަވަރުވި ވަގުތު އެޕާޓީގެ މެންބަރުން މަރުޚަބާ ކިޔަނީ

" އަތޮޅުތޭގައި ޕާޓީގެ ގޮފިތަށް އަލުން ހަދާނަން"

އަތޮޅުތެރޭގައި އެމްޑީޕީގެ ހަރަކާތަށް ވަރުގަދަ ކުރުމަށް 2005 ވަނަ އަހަރު ވަނީ ގޮފި ތަކެއް އުފައްދާފައެވެ. އެހެންނަމަވެސް މިވަގުތު އެ ގޮފިތަކަކީ ހަރަކާތެރި ގޮފިތަކެއް ނޫނެވެ. އެމްޑީޕީގެ މެމްބަރުންގެ ތާއިދު ހޯދުމަށް އަތޮޅުތެރޭގެ ގިނަ ރަށްތަކަށް ހަސަން ދަތުރުކުރިއެވެ. އޭނާ ދެކޭ ގޮތުގައި އަތޮޅުތެރޭގެ ރައްޔިތުން އުންމީދަކީ "ޕާޓީގެ ހިންގުން" ހަރުދަނާވުން ކަމަށެވެ. ހަރަކާތައް އިތުރުވުމުވެ. އެކަން ކުރެވޭނެ ކަމަށް ހަސަން ލަތީފް ގަބޫލުކުރައްވަނީ ގޮފިތައް ރުކުރުވާލައިގެންނެވެ. 

" މުޅި ރާއްޖޭގައި އަޅުގަނޑުމެން 2005 ވަނަ އަހަރު ހެދި ގޮފިތަށް މިހާރު ނުވެސް ނެތް، އަލުން އެގޮފިތަށް ހެދަންޖެހޭ، ހަމަ އެއާއެކު ޕާޓީގެ އޮނިގަނޑު އަޅުގަނޑުމެން އެބަޖެހޭ ވަރުގަދަ ކުރަން،" ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވައިދު ބައްޓަން ވެފައި އޮތީ ގޮފިތަކެއް ހަދައިގެން އެ ގޮފިތަކުގެ މަސައްކަތާއެކު ޕާޓީގެ ހަރަކާތައް މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ގޮތަށް ކަމަށެވެ.

"ގޮފިތައް ބައްޓަން ކުރެވިއްޖެނަމަ މުޅި ރާއްޖޭގައި އެމްޑީޕީގެ ހަރަކާތަށް ހިނގާނެ،" ހަސަން ވިދާޅުވިއެވެ.

 

އެމްޑީޕީގެ މެމްބަރުންގެ ތާއިދު ހޯދުމަށް އަތޮޅުތެރޭގެ ރަށްތަަކަށް ހަސަން ކުރެއްވި ދަތުރުތަކުގެ ތެރެއިން 

"ކައުންސިލް އިންތިހާބު ކެންޕޭން ލޯންޗުކޮށް، ކެންޕޭން ހަރަކާތައް މުޅި ރާއްޖޭގައި ހިންގާނަން"

ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ދެ ފަރަށް ފަސްކުރުމުން ވެސް އެމްޑީޕީން ދަނީ ވަރުބަލި ކަމެށް ނެތި ކެމްޕޭން ކުރަމުންނެވެ. ވެރިންކަން ކުރާ ޕީޕީއެމަށް އިންތިހާބަށް ތައްޔާރު ނުވެވޭކަމަށް ބުނެ ސިވިލް ކޯޓުން އިންތިހާބު ފަސްކުރުމަށް އިލެކްޝަން ކޮމިޝަންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އެކޮމިޝަނުން އޭޕްރީލް އަށެއްގައި އިންތިހާބު ބާއްވަން ނިންމުމަށް ފަހު އޭޕްރިލް 15 އަށް ވަނީ ފަސްކޮށްފައެވެ. ކައުންސިލް އިންތިހާބުގެ ވޯޓުން ރައީސް ޔާމީނަން ތާއިދު ނެތް ކަން މުޅި ދުނިޔެއަށް ހާމަކޮށްދިނުމުގެ ގޮތުން އިންތިހާބު ކާމިޔާބު ކުރުމަށް "ވަރުގަދަ ކެންޕޭނެން" ކުރަންޖެހޭ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

"ސަރުކާރުގެ ބޭނުކަމަށް ވާނީ އަޅުގަނޑުމެން ވަރުބަލިކޮށްލުން، ފޫހިކޮށްލުން، މި އިންތިހާބު ކާމިޔާބުކުރުން ނޫންގޮތެއް ނެތް،" ހަސަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ކައުންސިލް އިންތިހާބު ދެ ފަހަރެއްގެ މަތިން ފަސްކުރީ އެމްޑީޕީގެ ކެންޑިޑޭޓުން އިންތިހާބުގެ މަތިން ފޫހިކޮށްލުމަށެވެ. އެހެން ނަމަވެސް އަތޮޅުތެރޭގައި ތިބި އެޕާޓީގެ މެމްބަރުން އަދި ކެންޑިޑޭޓުން ދަނީ ވަރުބަލިކަމެއް ނެތި އިންތިހާބު ކާމިޔާބުކުރުމަށް މަސައްކަތް ކުރަމުންކަމަށް ހަސަން ވިދާޅުވިއެވެ. އެއީ ޕާޓީއަށް ލިބޭ ހިތްވަރެއް ކަމަށް އޭނާ ދެކެއެވެ.

އެގޮތުން ކުރިއަށް އޮތް ތަނުގައި ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ރަސްމީކޮށް ލޯންޗުކޮށް ، ކެންޕޭން ހަރަކާތައް މުޅި ރާއްޖޭގައި ކުރިއަށްގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށް ހަސަން ވިދާޅުވިއެވެ.

ޗެއާޕާސަން އިންތިހާބު ކުރިއަށް ދިޔަ އިރު، ހަސަން ލަތީފް އެމްޑީޕީގެ މެމްބަރަކާއި ވާހަކަ ދައްކަވަނީ

"އެންމެ އިސް ވާޖިބަކީ ރައީސް ނަޝީދަށް ރިޔާސީ ކެނޑިޑެންސީ ހޯދާދިނުން"

ކުރިއަށް އޮތް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަނުކުރެވިއްޖެނަމަ އެމްޑީޕީ އިން ރިޔާސީ އިންތިހާބުގައި ބައިވެރިނުވާނެ ކަމަށް އެމަނިކުފާން ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދަށް ރިޔާސީ އިންތިހާބުގެ ކެންޑިޑެންސީ ހޯދާނީ ބައިނަލްއަގްވަމީ ދުނިޔޭގެ އެހީތެރިކަމާއި އެކުގައި ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. 

ހަސަން ވިދާޅުވީ މުޅި އެމްޑީޕީ ގަބޫލުކުރާ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ނަޝިދު ކަމަށެވެ. އެމަނިކުފާނަން ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ގޮތަކަށް ޕާޓީގެ ހަރަކަތަށް ބައްޓަން ކުރަންޖެހޭ ކަމަށް ހަސަން ވިދާޅުވިއެވެ.

ޗެއާޕާސަން އިންތިހާބުގައި ރައީސް ނަޝީދު ވަނީ ކޮލަންބޯގައި ވޯޓް ލައްވާފައި، އެމަނިކުފާން ވޯޓްލެއްވުމަށް ވަޑައިގަންނަވަނީ

"ރައީސް ނަޝީދަށް 2018 ގައި ވާދަކުރެވޭނެ ، އަޅުގަނޑުމެންނަން އެ މަންޒަރު އެބަ ފެނޭ" ހަސަން ވިދާޅުވިއެވެ.

ހަސަން ލަތީފަކީ ރައީސް މުހައްމަދުގެ ވެރިކަމުގައި ވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކަށް ވުމުގެ އިތުރުން އެމްޑީޕީގެ ޤާނޫނީ ކޮމިޓީގެ މެމްބަރެއް ވެސް މެއެވެ. ދިވެހިރާއްޖެ މިހާރު އަމަލުކުރަމުންދާ ޤާނޫނު އަސާސީ ޑްރާފްޓްކުރުމުގައި ވެސް އޭނާ ބައިވެރިވެވަޑައިގެންނެވި އެވެ. ހެންވޭރު އުތުރު ދާއިރާގެ ރައީސްއަކީ ވެސް އޭނާ އެވެ. ހަސަނަކީ އިދާރީ ހިންގުން ހަރުދަނާ ކުރެވޭނެ ބޭފޫޅެއް ކަން ޕާޓީގެ މެމްބަރުން މިއަދު ގަބޫލްކޮށްފިއެވެ. އެމްޑީޕީގެ އާންމު މެމްބަރުން ބޭނުންވާ އަމަލީ ގޮތުން އެކަން ފެނުމެވެ.

- ކޮމެންޓް