ކ. މާލެ
|
19 ޑިސެންބަރ 2018 | ބުދަ 21:04
އެފްއޭއެމްގެ ރައީސް ބައްސާމް (ކ) އަދި އޭއެފްސީގެ ރައީސް ސަލްމާން (ވ)
އެފްއޭއެމްގެ ރައީސް ބައްސާމް (ކ) އަދި އޭއެފްސީގެ ރައީސް ސަލްމާން (ވ)
އަވަސް
އޭއެފްސީ - އެފްއޭއެމް
އެފްއޭއެމްގެ ހާލަތު މިދަނީ ވަރަށް ގާތުން ބަލަމުން: އޭއެފްސީ
އޭއެފްސީން މިހެން ބުނީ އެފްއޭއެމް އަށް ފޮނުވި ސިޓީއެއްގައި

ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށް އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ބުނެފިއެވެ.

އޭއެފްސީން މިހެން ބުނެފައިވަނީ އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބްތަކަށް ފުރުސަތު ނުލިބުނު މައްސަލަ ކުޅިވަރާ ބެހޭ މިނިސްޓްރީން ބަލަން މަސައްކަތް ފަށާފައިވާތީ، އެކަމުގައި ލަފައަކަށް އެދި އެފްއޭއެމުން އޭއެފްސީ އަށް ފޮނުވި ސިޓީގެ ޖަވާބުގައެވެ.

އޭއެފްސީން އެފްއޭއެމްއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، އެފްއޭއެމްގެ އެއްވެސް ކަމެއްގެ ތެރެއަށް ތިންވަނަ ފަރާތަކަށް ނުވަދެވޭނެ ކަމަށާއި، ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

އެގޮތުން އޭއެފްސީން ބުނީ އެފްއޭއެމް އަކީ މިނިވަން، ނޮން ގަވަމެންޓަލް އޯގަނައިޒޭޝަނެއްކަން ސަމާލުކަމަށް ގެންނަ ކަމަށާއި، ތިން ވަނަ ފަރާތެއްގެ އެއްވެސް ނުފޫޒެއް އަންނަ އައުން ތަހައްމަލުނުކުރާނެކަން ކަމަށެވެ.

ފުޓްބޯޅަ އެސޯސިއޭޝަނެއްގެ މައްޗަށް ސަރުކާރަކަށް އެއްވެސް ނުފޫޒެއް ނުފޯރުވޭއިރު، އެފަދަ ކަމެއް ފެންމަތިވެއްޖެ ނަމަ އެ ގައުމެއް ސަސްޕެންޑްކުރާނެ އެވެ. އެގޮތުން މައްސަލައެއް ދިމާވެއްޖެ ނަމަ ބަލާނީ އޭއެފްސީ ނުވަތަ ފީފާ އިންނެވެ.

އެފްއޭއެމް ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، އޭއެފްސީގެ މައްސަލަ ކުޅިވަރާ ބެހޭ ވަޒީރު ބައްލަވާނެ ކަމަށް ވިދާޅުވުމުން، އެކަމުގެ މައުލޫމާތު ސާފުކުރަން މި މަހުގެ 13 ވަނަ ދުވަހު ރައީސް ބައްސާމް ވަނީ މަހްލޫފްއާ ބައްދަލުކުރައްވާފައި ކަމަށެވެ.

އޭއެފްސީކަޕުން ރާއްޖެއަށް ފުރުސަތު ގެއްލުމާ ގުޅިގެން އެ މައްސަލަ ވީގޮތެއް ބެލުމަށް މިނިސްޓަރު މަހްލޫފް ވަނީ ކޮމިޓީއެއް އެކުލަވާލާފައެވެ. އެ ކޮމިޓީގައި ހިމެނެނީ ތަޖުރިބާކާރު މެޗު ކޮމިޝަނަރު އަދި އެފްއޭއެމްގެ އިންޓަރިމް ކޮމިޓީގެ ކުރީގެ ޗެއާމަން އަހުމަދު ޝާހިރާއި އަބްދުލް ހަމީދު އަބްދުލް ގަފޫރު (އައްޑޯ)ގެ އިތުރުން ނިއު ރޭޑިއަންޓުގެ ކުރީގެ މަސްއޫލުވެރިޔާ ކާމިނީޕޫލް ހަސަން މަނިކާއި ވިކްޓަރީގެ އަހުމަދު ނަސީމް (ޕެރިސް) އަދި ކްލަބް ވެލެންސިއާ އާއި އެފްއޭއެމްގައި ގިނަ މަސައްކަތްތަކެއް ކުރި އަހުމަދު މުހައްމަދު (ދޮނާ) އެވެ.

އޭއެފްސީ ކަޕުން ރާއްޖެއަށް ޖާގަ ގެއްލުނީ އޭއެފްސީ އަށް ހުށަހަޅަންޖެހޭ ލިޔުންތައް މުއްދަތު ހަމަވުމުގެ ކުރިން ހުށަހަނާޅައިގެންނެވެ. މިކަމުގައި ބައެއް ކްލަބްތަކުން ބުނީ އެފްއޭއެމުން އެޕްރޫވް ކުރަންޖެހޭ ބައެއް ލިޔުންތައް އެޕްރޫވްކޮށްފައިނުވާ ކަމަށާއި، ފުރުސަތު ގެއްލުނީ އެކަމުގެ ސަބަބުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް