ފުއްލާތަކެއް މެރި މީހަކަށް އަދަބެއްގެ ގޮތުގައި އެނިމޭޓެޑް ކާޓޫން ފިލްމެއް ކަމަށްވާ ''ބޭމްބީ'' ފިލްމު ބެލުމަށް އެމެރިކާގެ ކޯޓަކުން އަމުރުކޮށްފިއެވެ.
ގަވާއިދާ ހިލާފަށް ފުއްލާތަކެއް މަރާލިކަމުގެ ކަމުގެ ކުށުގައި އެމެރިކާގައި ހައްޔަރު ކޮށްފައިވާ މީހަކަށް އޭނާ ޖަލުގައި ހޭދަކުރާ ދުވަސްތަކުގައި ޑިޒްނީގެ އެނިމޭޓެޑް ފިލްމު "ބޭމްބީ'' ކޮންމެ މަހަކު އެއް ފަހަރު ބަލަން ކޯޓުން ހުކުމް ކޮށްފައި ވަނީ އަންގާރަ ދުވަހުއެވެ.
އެމެރިކާގެ މިޒޫރީ ސްޓޭޓްގެ ކޯޓުން އަންގާރަ ދުވަހު ހުކުމް ކޮށްފައި ވަނީ ޑޭވިޑް ބެރީ ނަމަކަށް ކިޔާ މިހަކަށެވެ.
އޭނާ މައްޗަށް ކުށް ސާބިތުވެފައި ވަނީ އާއިލާ މެމްބަރުންތަކަކާ ގުޅިގެން 100 އަށް ވުރެ ގިނަ ފުއްލާ މެރިކަމުގެ ތުހުމަތެވެ.
ބެރީގެ ޝަރީޔަތް ފަށާފައި ވަނީ 2015 ވަނަ އަހަރުއެވެ. އުމުރުން 26 އަހަރުގެ ބެރީ ވަނީ 120 ދުވަހަށް ޖަލަށްލާފައެވެ.
ޖަލުގައި އޭނާ ހޭދަކުރާ ދުވަސްތަކުގެ ތެރެއިން ޑިސެމްބަރު މަހުގެ 23 ކުރިން "ބޭމްބީ" ފިލްމު ބަލަންޖެހެއެވެ. ޖަލުގައި ހުއްޓަސް ފިލްމު ބެލުމުގެ އިންތިޒާމް ހަމަޖެހޭނެ ކަމަށް ނިންމާލަމުން ޕޮރޮސިކިއުޓާ ވަނީ ބުނެފައެވެ.
މި ފަދަ އާދަޔާ ހިލާފު ނިންމުމެއް ނިންމަމުން ޕޮރްސިކިއުޓާ ބުނީ "ބޭމްބީ" ބަލަން އޭނާއަށް ލާޒިމު ކޮށްފައި ވަނީ އެ ފިލްމުގައި "ބޭމްބީ"ގެ މަންމަ މަރުވާ އިރު، "ބޭމްބީ" ކުރާ ހިތާމަ އޭނާއަށް އަންގައިދިނުމުގެ ގޮތުން ކަމަށެވެ.
"ބޭމްބީ" މި ފިލްމަކީ 1942 ވަނަ އަހަރު ނެރެފައިވާ ޑިޒްނީގެ ފަސްވަނަ އެނިމޭޓެޑް ފިލްމެވެ.
މި ފިލްމުގައި ދައްކުވައިދެނީ ޖަންގަލީގައި އުޅޭ "ބޭމްބީ" ކިޔާ ފުއްލާއެއްގެ ދިރިއުޅުމެވެ. މަންމަގެ ލޯބި ލިބިގެން ބޮޑުވާ "ބޭމްބީ" އާ ދިމާވާ އެންމެ ހިތާމަވެރި ކަމަކީ ޝިކާރާކުރަން އުޅޭ މީހެއްގެ އަތްދަށުވެ އޭނާގެ މަންމަ މަރުވުންއެވެ.. މަންމަ މަރުވާ ފަހުން "ބޭމްބީ" އަށް އޭނާގެ އަސްލު ބައްޕައާ ދިމާވެއެވެ.
"ބޭމްބީ" ފިލްމަކީ 1923 ވަނަ އަހަރު އޮސްޓްރޭލިއާގެ ފެލިކްސް ސާލްޓެން ލިޔެފައިވާ ''ބޭމްބީ އަލައިފް އިން ދަ ވޫޑްސް" ފޮތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.