ކ. މާލެ
|
18 ޑިސެންބަރ 2018 | އަންގާރަ 18:19
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ޓްވިޓަރ
ރިޕޯޓް
'ގުންޑާއިންނަށް' ވެސް މަޖިލީހަށް ކުރިމަތިލެވޭ!؟
ގާބިލު ފަރާތްތަކަށް ފުރުސަތު ލިބޭ ގޮތަށް ގާނޫނު ބައްޓަން ކުރަންޖެހޭ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކޯރަމް ހަމަނުވެގެން މެދުކަނޑާލަން ޖެހުމާއި ޖަލްސާތައް ނުބޭއްވުމަކީ ދިވެހިންނަށް މާބޮޑު ކަމަކަށް ނުވެދާނެއެވެ. މަޖިލީހުގެ ތަޅުމުގެ ހުރުމަތް ކެނޑޭނެހެން މެމްބަރުން ޒުވާބުކޮށް ތަޅާފޮޅުމަކީ ދިވެހިންނަށް މާބޮޑު ސަމާލުކަމެއްދެވޭ ކަމަކަށް ވެސް ނުވެދާނެއެވެ. އެހެންނަމަވެސް މިއީ ތަންކޮޅެއް ފުންކޮށް ވިސްނާލަންޖެހޭ ވަރުގެ ކަމެކެވެ. މިފަދަ ކަންކަން ދިމާވަނީ ކުފޫ ހަމަނުވާ ގުންޑާއިންނަށް ވޯޓު ދެވޭތީ ނޫންތޯއެވެ

ދިވެހި ރައްޔިތުންގެ ވޯޓުން، މަޖިލީހުގައި އެކިދާއިރާތައް ތަމްސީލު ކުރުމަށް މެމްބަރުން ހޮވަނީ ވަރަށް ފޮނި އުއްމީދުތަކަކާ އެކުގައެވެ. ރައްޔިތުންގެ ކަންބޮޑުވުންތައް މަޖިލީހުގައި ފާޅުކޮށްދޭނެކަމުގެ އުއްމީދުގައެވެ. އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެކަމުގެ އުއްމީދުގައެވެ. ރައްޔިތުންގެ ދެކެމުންދާ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭނެކަމުގެ އުއްމީދުގައެވެ. ވީއިރު، އެ ހުވަފެންތަކުގައި ކުލަ ޖައްސައިދިނުމަށް ކުރެވެން އޮތް އެންމެ ބޮޑަކަށް މަސައްކަތް ކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ކޮންމެ މީހަކު ވެސް ކުރުން ލާޒިމު ކަމެކެވެ. ނަމަވެސް ކަން ހިނގަމުންދަނީ މިގޮތަށްތޯއެވެ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ވާޖިބު އަދާކުރެވެނީ ކިތައް މެމްބަރުންނަށްތޯ ވިސްނާލިކަމުގައިވިޔަސް އަތުގެ އިނގިލިން ގުނާލެވޭހާ މަދުވާނެކަމާ މެދު ޝައްކެއްނެތެވެ. ވަގުތަށް ކަމޭހިތުމަކީ މިބޭފުޅުން ދަންނަ ސިފައެއް ނޫނެވެ. މަޖިލީހުގެ އެއް ޖަލްސާއަށް ހާޒިރުވެއްޖެ ނަމަ ޖެހިގެން އަންނަ ދެ ޖަލްސާއަށް ހާޒިރެއް ނުވެވެއެވެ. ހާޒިރުވެވޭ ޖަލްސާއަށް ވެސް ހާޒިރުވެވެނީ ބައިގަޑިއިރު ފަހުންނެވެ. މަޖިލީހަށް ވަޑައިގެން ކޮންމެވެސް ކަމަކާ ދެބަސްވެ ހަމަނުޖެހުމެއް ހިންގެވުމަށް ފަހު ވަޑައިގަންނަވަނީ ގެއަށެވެ. ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހެކޭ މާލޭ މަސްމާރުކޭޓެކޭ ތަފާތެއް ނެތެވެ. މަޖިލީހަށް އައްޔަން ކޮށްފައި ތިއްބަވާ މެމްބަރުންގެ އަހްލާގީ ފެންވަރު ހުރި ހިސާބަކީ މިއީއެވެ. ވީއިރު ދާއިރާގެ ރައްޔިތުން ތަމްސީލް ކޮށްދޭނީ ކިހިނަކުން ކޮން ވަގުތެއްގައި ހެއްޔެވެ؟

ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ތަމްސީލުކުރަމުންދާ ކޮންމެ މެމްބަރެއް ވެސް، މަޤާމަށް ހޮވުމުގެ ކުރިން ރައްޔިތުންނަށް އެތަކެއް ވައުދުތަކަކާ ހުވާތަކެއްކޮށް ރައްޔިތުންގެ ލޮލުގައި އެތަކެއް އަނދުނެއް އަޅުވައެވެ. ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރެއެވެ. ނަމަވެސް ދާއިރާގެ ގޮނޑި ކާމިޔާބުވުމަށް ފަހު ރައްޔިތުންގެ އެ އިތުބާރު ހިފަހައްޓަންޖެހޭނެ ކަމެއް ހަނދާނެއް ނުހުރެއެވެ. ރައްޔިތުންގެ ހައްގުގައި އަދާކޮށްދޭންޖެހޭ ޒިންމާއެއް ތިމާގެ ބޮލުގައި އެޅިފައި އޮތް ކަމެއް ހަނދާނެއް ނުހުރެއެވެ. ރައްޔިތުންނަށް ލިބެނީ ފެންކައްކާ ބޮލީގެ އިއްޒަތެވެ. އަދި މިވަރަކުން ނުފުދެއެވެ. ރައްޔިތުންނަށް ވެފައިވާ ވައުދުތަކަށް އިހުމާލުވަމުންދާއިރު، ތިމާގެ ގޮނޑިއަށާއި ދާއިރާއަށް، އަދި ދާއިރާގެ ރައްޔިތުންނަށް ވަފާތެރިވާން ދަންނަ މެމްބަރަކު ވެސް މަދެވެ. ލާރިކޮޅެއް ދިނީމައި ގޮނޑި ވިއްކާލަން ފަސްނުޖެހޭއިރު ތިމާއަށް އެ ގޮނޑި ހޯދައިދިނުމަށް މަސައްކަތް ކުރި ރައްޔިތުން ކުރި ހިތްވަރަކަށް އިހްތިރާމްކުރުމެއް ވެސް ނެތެވެ. 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީސް އިންތިހާބަށް ފަހު ޖުމްހޫރީ ޕާޓީއަށް 15 ގޮނޑި ކާމިޔާބު ވެފައިވާއިރު އެމްޑީއޭ އަށް ފަސް ގޮނޑި ، ޕީޕީއެމް އަށް 33 ގޮނޑި ، އެމްޑީޕީ އަށް 26 ގޮނޑި ، އަދާލަތު ޕާޓީއަށް އެއް ގޮނޑި އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާ ފަސް ގޮނޑި ހިމެނެއެވެ. ނަމަވެސް މިހާރު އެއަދަދުތަކަށް ވަނީ ބަދަލު އައިސްފައެވެ. އެގޮތުން މިހާރު ޖުމްހުރީ ޕާޓީއަށް 22 ގޮނޑި، ޕީޕީއެމް އަށް 30 ، އެމްޑީއޭއަށް ހަތަރު އެމްޑީޕީއަށް 19 އަދާލަތު ޕާޓީއަށް އެކެއް އަދި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ތިން ގޮނޑި ހިމެނެއެވެ. މި ހިސާބުތަކަށް އެކަނި ބަލައިލުމުން ވެސް މެންބަރުން ކުލަ ބަދަލުކުރި މިންވަރު އެނގެއެވެ. މި މެމްބަރުންގެ ތެރެއިން ދާއިރާގެ ރައްޔިތުންނަށް ހުތުރު ނުވާނޭހެން މަޖިލީހުގެ ތަޅުމުގައި އަހްލާގީ މިންގަޑުތަކެއް ހިފަހައްޓަންޖެހޭނެކަން ދަންނަ މެމްބަރަކު ވެސް މަދެވެ. 28 ނޮވެމްބަރު 2018 ވީ ބުދަ ދުވަހު ޕެޑުން ޓެކްސް ނެގުން ހުއްޓުމުގެ ބިލަށް މަޖިލީހުގައި އެއްބައި މެމްބަރުން ބަހުސްކުރައްވަމުން ގެންދެވިއިރު އެމެމްބަރުންނަށް އުނދަގޫވާނޭހެން އަނެއް ބައި މެމްބަރުން އަޑުން އަޑުނަގައި ހީސަމާސާކޮށް މަލާމާތްކުރަމުންދިޔައިރު ޕެޑަކީ ހަމަ އެ މެމްބަރުންގެ ވެސް އަނބިންނާއި ދަރިންގެ ޒަރޫރީ ބޭނުމަކާ ގުޅިފައިވާ އެއްޗެއްކަން ނުވިސްނުންކަމީ މީގެ ސާބިތު ހެއްކެކެވެ. މިފަދަ ޕްރޮފެޝަނަލިޒަމެއް ނެތް މެމެބްބަރުންނަށް އެމެމްބަރުންގެ ގޮނޑި ހަމަ ހައްގުތޯއެވެ؟

ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް ޝަރުތު ހަމަވާ ވަކި މިންގަނޑުތަކެއް ކަނޑައެޅެން ޖެހެޔޭ ދަންނަވަން މިޖެހެނީ މިކަހަލަ ސަބަބުތަކަށްޓަކައެވެ. މަޖިލީހަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރެގައި ހިމެނެނީ މައިގަނޑު ފަސް ޝަރުތުތަކެކެވެ. އެއީ ދިވެހި ރައްޔިތަކަށް ވުމާއި ބޭރުގައުމުގެ ރައްޔިތަކަށް ނުވުމާއި މުސްލިމަކު ކަމުގައި ވުމާއި ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައި ވުމުގެ އިތުރުން އުމުރުން 18 އަހަރު ފުރިފައިވުމާއި ބުއްދި ހަމަޔަށް ހުރި މީހަކު ކަމުގައި ވުމެވެ. މަޖިލީހަށް ކުރިމަތިލުމަށްޓަކައި މަގާމާ ގުޅޭ ދާއިރާއަކުން ލިބެންޖެހޭ ތައުލީމާއި ތަޖުރިބާ އަދި ފުރެންޖެހޭ އުމުރުގެ އެންމެ ކުޑަ މިންވަރެއް ކަނޑައެޅެން އެބަޖެހެއެވެ. ގާބިލް ފަރާތްތަކަށް ފުރުސަތު ލިބޭ ގޮތަށް ގާނޫނު ބައްޓަން ކުރަން އެބްޖެހެއެވެ. އަޑުގަދަމީހާ ރުއްގިނަވާ އުސޫލުން ސިޔާސީ ޕޯޑިއަމްތަކުގައި ހަޅޭލެވުމުގެ ދެއަހަރު ދުވަހުގެ ތަޖުރިބާއާއިއެކު މަޖިލީހުގެ ގޮނޑި ކަށަވަރުވެގެން ނުވާނެއެވެ. ގުންޑާއިންނަށް ގޮނޑިދޭން ހެޔޮނުވާނެއެވެ  މިކަން މިހެން ވެގެންދާއިރު މަޤާމަށް ކުފޫ ހަމަވާ ގާބިލް ކެންޑިޑޭޓުގެ ޙައްގު ކޮބައިތޯއެވެ؟ އެ ކެންޑިޑޭޓުންގެ ކިބައިގައި މަގާމުގެ ޒިންމާ އަދާކުރުމުގެ ހުނަރާއި ހޭލުންތެރިކަމުގެ އިތުރުން ކޮންމެ ވެސް ވަރެއްގެ އަހުލާގެއް ހުންނާނެކަން ޔަގީނެވެ.

މިކަމުގައި އޮތީ ސަރުކާރުގެ އިހުމާލު އެކަންޏެއް ނޫނެވެ. ރައްޔިތުންގެ އިހުމާލު ވެސް އެބައޮތެވެ. މަގާމުގެ ޒިންމާ މެމްބަރުން އަދާ ނުކުރުމުން ޝަކުވާކުރާއިރު، މިފަދަ މެމްބަރުންނަށް ގޮނޑި ހައްގުތޯ ނުވަތަ ނޫންތޯ ބަލަން ރައްޔިތުން ވެސް ހަމަ ބޭނުންނުވަނީއެވެ. މަގާމުގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާ ކެބިނެޓަށް ފާޑު ކިޔާއިރު، ތިމާގެ އަމިއްލަ ވޯޓުން ހޮވާ މެމްބަރުގެ ކިބައިގައި ޝަރުތު ހަމަވޭތޯއެވެ؟ އެ މެމްބަރުންނަށް އިތުބާރު ކުރެވޭތޯއެވެ؟ ރަހުމަތްތެރިއަކަށް ވީތީ ބަލާނުލާ ވޯޓު ދޭއިރު، ނުވަތަ ހަކުރު އޮތްތާކަށް ހިނި ދާހެން ލާރީގެ ދަޅައިގައި ޖެހި ތިމާގެ ވޯޓު ވިއްކާލާއިރު ރައްޔިތުން ވެސް މިކަމާ ވިސްނާލަންވީއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެކަންޏެއް ނޫނެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް މެއެވެ.

އަންނަ އަހަރު މަޖިލީސް އިންތިހާބު ބާއްވާއިރު ރައްޔަތުން މިފަދަ ބޭފުޅުންނަށް ނޫނެކޭ ބުނަން އެބަޖެހެއެވެ. ތިމާގެ މަސްލަހަތަށް ވުރެ ދާއިރާގެ މަސްލަހަތާއި ގައުމުގެ މަސްލަހަތު އިސްކުރަންވީއެވެ . މަޖިލީސް އިންތިހާބު ބޯމަތި ވެފައިވާއިރު ކުރިމަތިލާ ކެންޑިޑޭޓުންނަކީ ކިހާ ފެންވަރެއްގެ ބައެއްތޯ ބެލުމަކީ ތިމާގެ ޒިންމާއެއްކަމުގައި ދެކޭށެވެ. ފާއިތުވި ސަރުކާރުގައި ދައުލަތުގެ ކުންފުނިތައް އިނދެ ޖައްސުމަށް ފަހު މަޖިލީހަށް ކުރިމަތިލައިގެން ރައްޔިތުން ގުނބޯހައްދަން ކިތަންމެހާ ބަޔަކު ކުރިމަތިލާން އިއުލާނުކޮށްފިއެވެ. ގައުމަށް ޢައްދާރުވެ ރައްޔަތުންނަށް ޢައްދާރުވެފައިވާ ހާއިނުންނަށް ރައްޔަތުން ނޫނެކޭ ބުނަން އެބަޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
18 ޑިސެންބަރ 2018 | އަންގާރަ 14:16
މޮހޮނާ
ގުނޑާ އިން ނާ ރާބޯ މީހުންނާ ގަންޖާ ބޯމީހުންނާ 13ތޭރައަހަރު ޖަލު ހުކުން އައިސްސަތިބޭމީހުންނާ. އެއީ ކީ މައްސަލައެއްނޫން. އިސްލާން ދީނައް ފުރައްސާރަކުރާމީހުންނާ ރަސޫލާއައް ހަޖޫޖަހާ މީހުންނާ. އިސްލާމްދީނުގަ އޮންނަގޮތްނޫން އެހެން ގޮތެއް ހޯދަން ބޭނުންވާމީހުންނާ . ގުންޑާއިއް ކުރިމަތިލާން އުޅޭތީ މިހިތްފެޅުނީ. މިލިޔުން ކޮޅު ޕޯސްޓު ކޮއްލަބަލަ ކެރެންޏާ. ތިޔަ ކިޔާ މިނިވަންކަންމަތީގަ ތިބިއްޔާ ހިޔާލު ފާޅުކުރުމުގެ.