ފުލުހުންގެ މުވައްސަސާއަކީ ތައުރީފާ އެއްވަރަށް އާންމު ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އަމާޒުވެފައިވާ މުވައްސަސާއެކެވެ. ފުލުހުންގެ ފަރާތުން ފެނުން ނުރަނގަޅު އެތައް ކަމެއް ފުލުހުންގެ މުވައްސަސާ އިން ދިފާއު ކުރަމުން އައުމަކީ އެ މުވައްސަސާއާ މެދު މީހުންގެ ހިތުގައި އުފެދުނު ރުޅިވެރިކަމަށް ބަދަލެއް ނައުމުގެ އެއް ސަބަބެވެ. ފުލުހުންގެ ފަރާތުން ގޯސްކަމެއް ހިނގުމުން އެކަމެއް ގަބޫލުނުކޮށް ރައްޔިތުންނަށް ބަހުގެ ހަމަލާތައް ދިނުމަކުން ރައްޔިތު މީހާގެ ހަމަ ލޮލަލަށް ފެނި އަތުން ހިފި ކަންކަން ނުވާ ކަމެއް ކަމަށް ގަބޫލެއް ނުކުރެވޭނެއެވެ.
އަނެއްކާ ވެސް މި އޮތީ އާ ސަރުކާރާ އެކު ފުލުހުންގެ މުވައްސަސާގެ ވެރިން ވެސް ބަދަލުވެފައެވެ. އެތައް ފުލުހަކު ހިންގި ގާނޫނާ ހިލާފު ކަންކަމަށް ފާޑުކީ މީހުން ވެރިކަމުގެ އެންމެ މަތީ ފަންތީގައި އެބަ ތިއްބެވެ. އެ މަގާމުތަކަށް އެ ބޭފުޅުން ވަޑައިގެންނެވީ ފުލުހުންގެ މުވައްސަސާއަކީ ރައްޔިތުންގެ އިތުބާރު ހުރި ތަނަކަށް ހަދައިދޭނެ ކަމަށް ވައުދުވަމުންނެވެ. ސުވާލަކީ އެކަން ކުރެވިދާނެ ހެއްޔެވެ؟
ފުލުހުންގެ މުވައްސަސާއަށް އާންމުންގެ އިތުބާރު ހޯދައި، ފުލުހުންގެ މުވައްސަސާގެ އަގު ހިފެހެއްޓިދާނެ ކަމަށް ބައެއް މީހުން މިއަދު ގަބޫލުކުރެއެވެ. ފުލުހުންގެ މުވައްސަސާ އިސްލާހް ކުރުމަށް އޮތް ހަމަ އެކަނި ގޮތަކީ ކުރެވިފައި އޮތް ކުށެއް އޮތް ނަމަ އެކަން ގަބޫލު ކުރުމެވެ. އެކްޓިން ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ނޫސްވެރިންގެ ކުރިމަތީގައި ވިދާޅުވި ފުލުހުންގެ މުވައްސަސާގައި ގޯސްތަކެއް ހެދިފައި އެބަ ހުރި ކަމަށާއި އެކަން އިސްލާހުކޮށް ރަނގަޅުކުރައްވާނެ ކަމަށެވެ.
އިސްލާހް ކުރަން ބޭނުން ނަމަ އަދި ރައްޔިތުންގެ އިތުބާރު ހޯދަން ބޭނުން ނަމަ ކުރަން ޖެހޭ އެކަމު ކުރަން އުނދަގޫ ކަމަކީ ކުށް ގަބޫލު ކުރުމެވެ. މިއަދު ފުލުހުންގެ އެންމެ އިސްވެރިއަކަށް ހުންނެވި ބޭފުޅަކު އެ މޭރުމުން އެ ވާހަކަ ރައްޔިތުންނާ ހިސާބަށް ގެނައުމަކީ ރަނގަޅު ފާލެއް ކަމަށް ބަލަން ޖެހެ އެވެ. ފުލުހުންގެ މުވައްސަސާ އަށް ރައްޔިތުންގެ އިތުބާރު ހޯދަން ބޭނުން ނަމަ ފުރަތަމަ ހަރުފަތް ގިރާކުރުމަށް ފަހު ކުރަން ޖެހޭ ކަންކަން އަދިވެސް އެތައް ބައިވަރެވެ. މީގެ ކުރިން ގޯސްތައް ހެދި، އަދި އާންމުނަށް އަނިޔާކުރި ފުލުހުންނަށް ގަވައިދުގެ މަތިން ފިޔަވަޅު އަޅަން ވެސް ޖެހެއެވެ.
ފުލުހުންގެ ތެރޭގައި ސީދާ އާންމު ރައްޔިތުންނަށް އަނިޔާ ދިން ކަމަށް ބުނާ މައްސަލަތައް ސީރިއަސް މައްސަލަތައް ގޮތުގައި ބަލަންޖެހެއެވެ. އަމިއްލައަށް ޒިންމާ ވާން ޖެހޭ ގޮތަށް ފުލުހުން ހިންގާފައިވާ ގާނޫނާ ހިލާފު ކަންކަމުގެ މައްސަލަތަކުގައި އަޅާފައިވާ ފިޔަވަޅުތައް އެއީ ސިއްރެއް ގޮތުގައި އޮތުމަކުން ވެސް ނުފުދެއެވެ. ފިޔަވަޅު އެޅީ ކޮން ބަޔަކާ މެދު ކަމާއި އެޅި ކޮން ފިޔަވަޅެއްކަން ވެސް ރައްޔިތުންނަށް އެނގެންޖެހެއެވެ. އިތުބާރު ބޭނުން ނަމަ އަދި ފުލުހުންގެ މުވައްސަސާއަށް މީހުންގެ އިހްތިރާމް ބޭނުން ނަމަ ފެށުން ރަނގަޅުކުރިހެން ކުރިއަށް ދިއުމުގައި ވެސް ކަންކަމާ ކެރިގެން ކުރިމަތިލާން ޖެހެއެވެ.
ކުށް ގަބޫލުކުރާ ނަމަ އެކުށްތައް ތަކުރާރުނުކުރުމަކީ އެންމެ މުހިންމު ކަންތަކެވެ. އާންމުނަށް އަނިޔާ ކުރުމަކީ އެއްވެސް ހާލަތެއްގައި ފުލުހުންގެ ފަރާތުން ފެންނަ ކަމަކަށް ވާ ނަމަ އިސްލާހީ ބަދަލެއް ނާންނާނެއެވެ. ހަމަ އުސޫލު ދޫކޮށްލާ ވަކި ބައެއްގެ މައްސަލަތައް ބަލަން ފުލުހުން ފޫގަޅާލައިފި ނަމަ އަނެއްކާ ވެސް ކުރިން ހެދި ގޯސްތައް ތަކުރާރުވީއެވެ. މީޑިޔާގެ ރޯލް ހަނިކޮށް ނޫސްވެރިންނާ އާންމުންނަށް ފުލުހުންގެ ފުރައްސާރަތައް އުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.