ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވަޒީރުންނަށް ރަސްމީ ގަޑި ނިންމާ އޮފީހުގެ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވޭނީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނލުން މެޑަމް ފާތުމަތު އިބްރާހީމްގެ މަސައްކަތްތައް ނިމުމުން ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ އޮފީސް ރަސްމީކޮށް ހުޅުވުމަށް ބުރާސްފަތި ދުވަހުގެ ރޭ އެ އޮފީސް ކުރިމަތީގައި ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވީ މިއަދު ޕީޕީއެމް އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަދި ސަރުކާރުގެ ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ ޕާޓީގެ ހަރަކާތްތަކުގައި ބައިވެރި ވުމަށް ފަހު ކަމަށެވެ. އަދި އެ ހަރަކާތަކީ މެޑަމް ފާތުންގެ ހަރަކާތްތައް ކަމަށް އަޒްލީން ވިދާޅުވިއެވެ.
ހޯމްމިނިސްޓަރު ވިދާޅުވީ ޕީޕީއެމްގެ ހަރަކާތްތައް ހުއްޓިފައި ވަނިކޮށް އެ ހަރަކާތްތައް ފެއްޓެވީ މެޑަމް ފާތުންގެ އޮފީހުން ކަމަށެވެ. އަދި ޕީޕީއެމްގެ ހަރަކާތްތައް ހުއްޓިފައި ވަނިކޮށް މެޑަމް ފާތުން އަލުން ހަރަކާތްތައް ފެއްޓެވީ ވަރަށް ދަތި ހާލުގައި ކަމަށާއި އެކަމަނާ އަށް އެތައް އނދަގޫތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް މެޑަމް ފާތުން ޕީޕީއެމްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެއްވެސް ވަރަކަށް ފަސްޖެހިވަޑައިގެންފައި ނުވާ ކަމަށާއި ޕީޕީއެމްގެ މައި އޮފީހުން ހިންގާ ހަރަކާތްތަކަށް ވުރެ މެޑަމް ފާތުންގެ އޮފީސް މަ ހަރަކާތްތެރި ކަމަށް އަޒްލީން ވިދާޅުވިއެވެ.
ފަހަކަށް އައިސް ބާއްވާ މިފަދަ ޖަލްސާތަކާއި ހަފްލާތަކުގައި މަޖިލީހުގެ މެންބަރުންނާއި ވަޒީރުން ގެންދަވަނީ ރައީސް އަނބިކަނބަލުންނަށް ވަރަށް ބޮޑަށް ސަނާ ކިޔަމުންނެވެ.