ދެހާސް ސައްބީސް ވަނަ އަހަރު އޮންނަ ދުނިޔޭގެ ތައްޓަށް ކުޅެވޭ ފުޓްބޯޅާ މުބާރާތުގައި ޔޫރަޕުގެ 16 ގައުމަކަށް ޖާގަ ހޯދުމުގެ މަސައްކަތް ޔޫރަޕް ފުޓޫބޯޅައިގެ މައި އިދާރާއިން މަސައްކަތް ފަށައިފިއެވެ.
ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާއިން ބުނެފައިވަނީ 2026 ވަނަ އަހަރު އޮންނަ ވޯލްޑްކަޕް މުބާރާތުގައި ޔޫރަޕަށް ނިސްބަތްވާ 16 ގައުމަކަށް ޖާގަދިނުމަށް ފީފާގައި އެދޭނެ ކަމަށެވެ.
ވޯލްކަޕް ފުޓްބޯޅަ މުބާރާތައް އަލަށް ގެނެވިފައިވަ ބަދަލާއިއެކު 2026 ވަނަ އަހަރު އޮންނަ މުބާރާތުގައި 48 ޓީމު ބައިވެރިކުރާނެއެވެ. މި ބަދަލުގައިވާ ގޮތުން ފުރަތަމަ 48 ޓީމް ތިން ގްރޫޕަކަށް ބަހާލައެވެ. އެގޮތުން ކޮންމެ ގްރޫޕެއްގައި 16 ޓީމު ހިމެނޭއިރު އޭގެ ތެރެއިން 32 ނޮކައުޓް ސްޓޭޖަށް ކޮލިފައިވާނެއެވެ.
ޔޫއެފާއިން މަސައްކަތްކުރަމުން އަންނަނީ ޔޫރަޕުން ވޯލްޑްކަޕަށް ކޮލިފައިވާ ޓީމުތައް ފުރަތަމަ ބުރު ނުކުޅެ އަނެއްބުރަށް ގެންދެވޭނެ ގޮތެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.
ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތުގެ ދިގު ތާރީޚުގައި އެންމެ ކާމިޔާބު ގައުމުތައް ނިސްބަތްވަނީ ޔޫރަޕާއި ދެކުނު އެމެރިކާއަށެވެ.
ނިމިގެންދިޔަ 2014 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ޔޫރަޕްގެ 13 ގައުމެއް ކުޅެފައި ވެއެވެ. އަދި މުބާރާތުގެ ތަށި އުފުލާލާފައިވަނީ ޔޫރަޕަށް ނިސްބަތްވާ ޖަރުމަނުންނެވެ.
ޔޫއެފާގެ ރައީސް އެލެކްޒެންޑަރ ވިދާޅުވެފައި ވަނީ ޔޫއެފާއިން ފީފާގައި އެދުނު ކަންކަމަކީ ހަގީގަތް ކަމަށެވެ. އަދި ޔޫއެފާގެ އުއްމީދަކީ ޔޫރަޕަށް ނިސްބަތްވާ ފުރަތަމަ ބުރު ފަހަނައަޅާ ދިޔުން ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
ޔޫރަޕުގެ ފުޓްބޯޅަ އިދާރާއިން 16 ޖާގަ ބޭނުންވިޔަސް ހުރިހާ ބައްރުތަކެއްގެ ފުޓްބޯޅަ ފެޑްރޭޝަންތަކަށް ޖާގަ ދޭނެ މިންވަރާ މެދު ފީފާއިން ގޮތެއް ނިންމާނީ އަންނަ މޭމަހުގެ ތެރޭގައެވެ.
ޔޫއެފާގެ ހުށަހެޅުމާ މެދު އެޖަމިއްޔާގެ އެގްޒެކެޓިވް ކޮޓީގައި ވަނީ މަޝްވަރާ ކުރެވިފައެވެ. އަދި އެ ޕްރޮޕޯސަލްއާ މެދު ކޮމިޓީގެ ހުރިހާ މެންބަރުން ވެސް ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށް އެލެކްޒެންޑަރ ވިދާޅުވެފައި ވެއެވެ.
ވޯލްޑްކަޕްގެ އޮނިގަނޑަށް ބަދަލުގެނައުމަށް ފީފާގެ ގައުމުތަކުން ވޯޓްދީފައިވަނީ ޖެނުއަރީ މަސް ތެރޭގައެވެ. ބަދަލުތަކާ އެކު މުޅި މުބާރާތުގައި 80 މެޗު ފެނިގެންދާނެއެވެ.
ޔޫއެފާގެ ރައީސް އެލެކްޒެންޑަރ ކޮންމެ ގޮތަކަށް ދެކިވަޑައިގެންނެވި ނަމަވެސް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ވާހަކަތައް ހުރި ގޮތުން ޔޫރަޕަށް 16 ޖާގަ ނުލިބިދާނެއެވެ. އިންފަންޓީނޯ ވިދާޅުވެފައި ވަނީ ފުޓްބޯޅައަކީ ހަމައެކަނި ދެކުނު އެމެރިކާގެ ނުވަތަ ޔޫރަޕުގެ އެއްޗަކަށް ވުރެ ބޮޑަށް ހުޅުވާލެވިފައި އެއްޗެއް ކަމަށެވެ.