ކ. މާލެ
|
16 ޑިސެންބަރ 2018 | އާދީއްތަ 18:51
ބްރޯޑްކޮމްގެ ރައީސް ޝަހީބް (ކ): މިނިވަން މީޑިއާއަށް ހުރަސް އެޅުމަށް ގިނަ ކަންތައްތަކެއް ކުރި
ބްރޯޑްކޮމްގެ ރައީސް ޝަހީބް (ކ): މިނިވަން މީޑިއާއަށް ހުރަސް އެޅުމަށް ގިނަ ކަންތައްތަކެއް ކުރި
ޓްވިޓަރ
މިނިވަން މުއައްސަސާ
މުވައްސަސާތަކުގައި ތިބި މީހުން ބަދަލު ނުކޮށް، މިއެދޭ ބަދަލު ގެނެވޭނެ؟
މިނިވަން މުއައްސަސާތަތައް އޮޕަރޭޓްކުރީ ސަރުކާރުގެ ޕަޕެޓުންގެ ގޮތުގައި
އަދިވެސް މުއައްސަސާތަކުގެ ވެރިން ބަދަލެއް ނުކުރޭ

ސެޕްޓެމްބަރު 23 ވަަނަ ދުވަހު ދިވެހި ރައްޔިތުން ނިކުމެ ވޯޓުލައި، ސަރުކާރު ބަދަލުކުރީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެރިކަމުން ދުރުކޮށް، އެހެން މީހަކު އެމަޤާމަށް ގެންނާކަށް ނޫނެވެ. ދިވެހިން ވޯޓުދިނީ ރައީސް ޔާމީނާއި، އެމަނިކުފާނު ހިންގެވި ވެރިކަން ދިފާޢުކުރުމަށް، ޤާނޫނީ ޒިންމާ މަތިން ހަނދާން ނައްތާލި މުވައްސަސާތަކުގެ ވެރިންނާއި، ސަރުކާރުގެ ކުންފުނިތައް ދަރަނިވެރިކޮށްލި އިސްވެރިންވެސް ބޭރުކުރުމަށެވެ. އެމީހުންނަކީ ފާއިތުވި 5 އަހަރު ދިވެހި ޤައުމު ހަލާކުކޮށް، ކޮރަޕްޝަންގެ ހާއްޔަކަށް ދިވެހި ސަރުކާރާއި ދައުލަތް ހަދާލި މީހުންނެވެ. އައު ވެރިކަމަށް 1 މަސް ވެގެންދާއިރު، ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ކެބިނެޓް ފިޔަވައި ދެން ބަދަލުވީ މަދު ތަނެއްގެ ވެރިންނެވެ. ރައްޔިތުން ވޯޓު ދިންއިރު ކުރި އުއްމީދު ހާސިލްނުވެ މިހާ ދުވަސްވުމުން ރައްޔިތުންނަށް ލިބެނީ މާޔޫސް ކަމެވެ. 

މުވައްސަސާތަކުގެ ވެރިންގެ ވާހަކަ ދައްކާއިރު، އެންމެ ފުރަތަމަ ދައްކާލަން ޖެހެނީ ބްރޯޑްކާސްޓިންގ ކޮމިޝަންގެ ވާހަކައެވެ. ނޫސްވެރިކަމުގެ މާވަރުގަދަ ގަލަމެއް ހޯދައިގެން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ހުއްޓެއްކަމަކު، ދިވެހި ރާއްޖޭގެ މިނިވަން ނޫސްވެރިކަން މަރާލައި، ނޫސްވެރިންނަށް ދުއްތުރާކުރުމަށް އޭނާ ކުރި މަސައްކަތް ދިވެހިން ހަނދާން ނެތޭހާ ގިނަ ދުވަހެއް ނުވެއެވެ. ކޮރަޕްޝަން ފަޅާއަރުވައި، ދައުލަތުގެ ތެރޭގައި ހިންގި ނަހަމަ ކަންކަން ރައްޔިތުންނަށް ކިޔައިދިން މީޑިއާތަކަށް ހުރަސް އަޅައި، އެ ޖަރީމާތައް ހިންގި ފަރާތްތައް ރައްކާތެރިކޮށްދޭން ޝަހީބާއި، ބްރޯޑްކޮމްގެ އެހެން މެމްބަރުން ހިންގި އަމަލުތައް އިއްޔެ ވީ ކަމެއްހެން ދިވެހިންނާއި ދިވެހި މީޑިއާ އަދިވެސް ހަނދާން އެބަހުއްޓެވެ. އެންމެ ހައްސާސީ ދަނޑިވަޅުތަކުގައި ރާއްޖެ ޓީވީ ބަންދުކުރަން ޝަހީބާއި ކޮމިޝަންގެ އެހެން މެމްބަރުން ކުރި މަސައްކަތް ދިވެހިން ހަނދާން އެބަހުއްޓެވެ.

އެންޓިކޮރަޕްޝަން ކޮމިޝަންގެ ވާހަކަ އަކީ ދެން އޮތް ވާހަކައެވެ. ރާއްޖޭގެ ތާރީޚުގައި ހިނގި ކޮރަޕްޝަންގެ އެންމެ ބޮޑެތި ޖަރީމާތައް ސަރުކާރު ތެރެއިން ހިންގަމުން ދިޔައިރު، އެކޮމިޝަނަށް ކުރެވުނު ކަމެއް ނެތެވެ. ކޮރަޕްޝަންގެ ވާހަކަ ފަޅާއަރުވަމުން ދިޔައީ ހާލެއްގައި އުޅެމުން ދިވެހި މީޑިއާއެވެ. އެހާ އުނދަލުން ހޯދާ މައުލޫމާތުވެސް ކަށަވަރުކޮށްނުދީ، އޭސީސީވެސް މަސައްކަތް ކުރަމުން ދިޔައީ ސަރުކާރުގެ ދިފާޢުގައެވެ. އެކޮމިޝަންގެ ރައީސްގެ ގޮތުގައި ހުރި ހަސަން ލުތުފީއަކީ ރައީސް ޔާމީނަކީ މާ ނުރައްކާތެރި މީހެއްކަމަށް ދެކިގެން، އެހެން މީހުން ކައިރީ އެވާހަކަ ދައްކަމުން ހިނގި މީހެއްކަން އަމިއްލަ އިއުތިރާފުން އެއޮތީ ފެންނާށެވެ. ޕަދުމަވާތު ފިލްމު ބެލުމުން ލުތުފީއަށް ހުރިހާ ކަމެއް ހަމަވީއެވެ. ބަޔަކު ނިކުމެ ދައުލަތުގެ ތިޖޫރީ އެއްކޮށް ދޮވެލިއިރުވެސް އެ ކޮމިޝަންގައި ބާކީ ތިބި މެމްބަރުންވެސް އަނގައިން ޗުއްޕުވެސް ނުބުނެ ތިބީއެވެ. ގައިމު އެކި މީސްމީހުން ހުށަހެޅި ޝަކުވާތައް ރަނގަޅަށް ބެލުނުނަމަ ރައީސް ޔާމީންގެ އެކައުންޓުން ސަތޭކަ މިލިއަނަށްވުރެ ގިނަ ރުފިޔާ ހުންނާކަށް ނުޖެހުނީހެވެ. 

ފާއިތުވި 5 އަހަރަކީ ދިވެހިންގެ އިންސާނީ ހައްޤުތަކުގެ ޙާލަތު އެންމެ ދަށު ދަރަޖައަކަށް ވެއްޓުނު 5 އަހަރެވެ. އެންމެ ގިނަ އަދަދެއްގެ ދިވެހިންގެ އިންސާނީ ހައްޤުތަކަށް ސީދާ ސަރުކާރުން އަރައިގަތް 5 އަހަރެވެ. އެހެންނަމަވެސް ގެއްލެމުން ދިޔަ އިންސާނީ ހައްޤުތައް ހޯދައިދިނުމުގައި ރާއްޖޭގެ ހިއުމަންރައިޓްސް ކޮމިޝަން ފެނުނީ ނުކުޅެދުނު ތަނެވެ. އެތައް ބައެއްގެ ހައްޤުތައް ނުގުޅައިގަތް އިރު، އެހައްޤުތަކުގެ ދިފާޢުގައި ދެކެވުނު މާގިނަ ވާހަކަތަކެއް ނެތެވެ. އެހެންނަމަވެސް އެކޮމިޝަންގެ މެމްބަރުން ދިޔައީ ދިވެހި ރައްޔިތުންގެ އިންސާނީ ހައްޤުތައް ކަށަވަރުކުރުމުގެ މަސްއޫލިއްޔަތާއިއެކު ލިބޭ މުސާރައިގެ ހައްޤު ބަރާބަރަށް ލިބިގަންނަމުންނެވެ. 

ނިމިގެން މިދިޔަ 5 އަހަރު، ވަކިން ޚާއްސަކޮށް ފާއިތުވި 3 އަހަރުު، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގި ގިނަ ކަންކަމުގައި އިލެކްޝަންސް ކޮމިޝަންގެ ރޯލު ބޮޑެވެ. ސަރުކާރުން އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ބޭނުންކުރި އެންމެ މުހިއްމު އެއް ހަތިޔާރަކީ އިލެކްޝަންސް ކޮމިޝަނެވެ. ރިޔާސީ އިންތިޚާބުގެ ނަތީޖާ ވަކި ފަރާތަކަށް ބުރަވުމުން، ތިމަންނަމެންނަށް މިނިވަންކަން ލިބުނީކަމަށް ޤަބޫލުކުރެވި، މިނިވަންކަން ދައްކަން ދެން މަސައްކަތްކުރިނަމަވެސް، އިންތިޚާބާއި ހަމަޔަށްވެސް ކަންތައް ކުރިގޮތް ދިވެހިން ހަނދާން ނެތުނީކީ ނޫނެވެ.

ގުޅިފައިވާ ކޯލިޝަނުން ކެމްޕޭނުގައި ދައްކަމުން ދިޔަ ވާހަކައަކީ މިފަދަ ކޮމިޝަންތައް މިނިވަންކުރާނެ ވާހަކައެވެ. އެކޮމިޝަންތަކުގައި ތިބި ފަރާތްތައް ޖަވާބުދާރީކޮށް، ހިންގި ޖަރީމާތަކަށް ޖަވާބުދާރީކުރުވާނެ ކަމަށެވެ. 

ވެރިކަން ބަދަލުވެއްޖެއެވެ. މަޖިލީހުގައި ސަރުކާރަށް މެޖޯރިޓީ ލިބިއްޖެއެވެ. ޖުޑީޝަރީއަށް ނުފޫޒު ނުފޯރުވާނެކަމަށް ބުނެވިއްޖެއެވެ. އެހެންނަމަވެސް އަދިވެސް މުއައްސަސާތަކުގައި ތިބި މީހުން  ބަދަލެއް ނުވެއެވެ. އެމީހުން ޖަވާބުދާރީ ނުކުރެވެއެވެ. އެމީހުން ހަމަ އެހެން ބައިތިއްބައިގެން އެމްޑީޕީއާއި، ކޯލިޝަންގެ ޕާޓީތަކުން ރައްޔިތުންނަށް ވީ ވައުދު ފުއްދޭނެތޯއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
17 ޑިސެންބަރ 2018 | ހޯމަ 11:23
ނުވާނެނުވާނެ
ސިޔާސީ މަގާމުތަކުގަ ތިބި އެންމެން ޖެހޭނީ ބަދަލުކުރަން! ސަފީރުންނާ ސަފާރާ ތަކުގަ ތިބި ސިޔާސީ ގޮތުން އައްޔަން ކުރިމީހުންނާ ޖެހޭނީ ހަމަ ބަދަލުކުރަން! މިނިސްޓްރީ ތަކުގެ ކޯޑިނާޓަރުންނާ ކޮންސަލްޓަންޓުންވެސް....އެހެންނޫނީ އަހަރުން ބުނާނީ މިއެޅުވެނީވެސް އަނދުނެކޭ!