ކ. މާލެ
|
16 ޑިސެންބަރ 2018 | އާދީއްތަ 14:14
ޔުވަންޓަސްގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ޔުވަންޓަސްގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ޓްވިޓަރ
އިޓާލިއަން ލީގު
އިޓާލިއަން ލީގު: ޔުވަންޓަސް އާއި އިންޓަ އަށް ހަނި މޮޅެއް
އިންޓަ މޮޅުވީ އުދިނޭޒީއާ ވާދަކޮށް 0-1 އިން
ޔުވަންޓަސް މޮޅުވީ ޓޮރީނޯއާ ވާދަކޮށް 0-1 އިން

އިޓާލިއަން ލީގުގައި ޔުވަންޓަސް އާއި އިންޓަ މިލާން ކުޅުނު މެޗުތަކުން ހަނިގޮތަކަށް މޮޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ޔުވަންޓަސް އިން ކާމިޔާބުކުރީ ޓޮރީނޯއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ.

ޓޮރީނޯ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުން ދިޔައީ ޔުވަންޓަސް އިންނެވެ. އެގޮތުން އެޓީމުން ވަނީ ޓޮރީނޯގެ ގޯލަށް ނުރައްކާކޮށް ހަމަލާތަކެއްވެސް އުފައްދާފައެވެ.

މި ހާފްގައި ޓޮރީނޯގެ ފަރާތުންވެސް ހަމަލާތަކެއް ފެނުނު ނަމަވެސް، އެ ހަމަލާތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

ދެވަނަ ހާފް ފެށިގެން ޔުވަންޓަސް އިން އެޓީމުގެ އެޓޭކްތައް ވަރުގަދަކުރިއެވެ. އެގޮތުން ފުލުފުލުގައި އެޓީމުގެ ފަރާތުން ހަމަލާތައް ފެނިގެން ގޮސްފައިވާއިރު، ލީޑު ނެގުމަށްވެސް ރަނގަޅު ފުރުސަތުތައް ލިބި ބޭކާރުވިއެވެ.

ޔުވަންޓަސް އިން މެޗުގެ ލީޑު ނެގީ 70 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ ޔުވަންޓަސް އިން އިޓާލިއަން ލީގުގައި ކާމިޔާބުކުރި 5،000 ވަނަ ލަނޑެވެ.

މި ލަނޑަށްފަހުވެސް ޔުވަންޓަސް އަށް ލީޑު ފުޅާކުރުމަށްވެސް ފުރުސަތުތައް ލިބި ބޭކާރުވިއެވެ. އަދި ޓޮރީނޯއަށްވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ޔުވަންޓަސް އޮތީ ކުޅުނު 16 މެޗުން ލިބުނު 46 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި ޓޮރީނޯ އޮތީ ކުޅުނު 16 މެޗުން ލިބުނު 2 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަވަނައިގައެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން އިންޓަ މޮޅުވީ އުދިނޭޒީއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ.

އިންޓަ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުން ދިޔައީ އެޓީމުންނެވެ. އެގޮތުން ލަނޑު ޖަހަންވެސް ފުރުސަތުތަކެއް އެޓީމުން ވަނީ ތަނަވަސްކޮށްފައެވެ.

މި ހާފްގައި އުދިނޭޒީގެ ފަރާތުންވެސް ހަމަލާތަކެއް ވަނީ ފެނިގެން ގޮސްފައެވެ. އެހެންނަމަވެސް އެ ހަމަލާތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

ދެވަނަ ހާފް ފެށިގެން އުދިނޭޒީން އެޓީމުގެ އެޓޭކްތައް ވަރުގަދަކުރިއެވެ. އެހެންނަމަވެސް އެޓީމުން އުފެއްދި ހަމަލާތައް އިންޓަ އިން ވަނީ ދިފާއުކޮށްފައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 73 ވަނަ މިނެޓުގައި އިންޓަ އަށް ކާމިޔާބުކޮށްދިނީ މައުރޯ އިކާޑީއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ.

މި ނަތީޖާއާއެކު އިންޓަ އޮތީ ކުޅުނު 16 މެޗުން ލިބުނު 32 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. މެޗުން ބަލިވި އުދިނޭޒީ އޮތީ ކުޅުނު 16 މެޗުން ލިބުނު 13 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 17 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް