ކ. މާލެ
|
16 ޑިސެންބަރ 2018 | އާދީއްތަ 10:40
ރެއާލްގެ ކުޅުންތެރިން އުފާފާޅުކުރަނީ
ރެއާލްގެ ކުޅުންތެރިން އުފާފާޅުކުރަނީ
ޓްވިޓަރ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ: ރެއާލް ތިންވަނަ އަށް، އެޓްލެޓިކޯ އަށް މުހިންމު މޮޅެއް
ރެއާލް މޮޅުވީ ވަލަކާނޯއާ ވާދަކޮށް 0-1 އިން
އެޓްލެޓިކޯ މޮޅުވީ ވަލޮޑޮލިޑްއާ ވާދަކޮށް 2-3 އިން

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލުގެ ތިންވަނަ އަށް ޖެހިލިއިރު، އެޓްލެޓިކޯ މެޑްރިޑް މުހިންމު މޮޅެއް ހޯދައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ރެއާލް މޮޅުވީ ރަޔޯ ވަލަކާނޯއާ ބައްދަލުކޮށް 0-1 ގެ ނަތީޖާއަކުންނެވެ.

ރެއާލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުން ދިޔައީ އެޓީމުންނެވެ. އެގޮތުން އެޓީމުން ދިޔައީ ވަލަކާނޯގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފައްދަމުންނެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ރެއާލުން ކާމިޔާބުކުރީ 13 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކުރީ ލޫކަސް ވަޒްކުއޭޒްގެ އެހީތެރިކަމާއެކު ކަރިމް ބެންޒެމާއެވެ.

މި ލަނޑަށްފަހުވެސް ރެއާލް އަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ. އަދި މި ހާފްގައި ވަލަކާނޯ އަށް ވެސް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ވަލަކާނޯގެ މައްޗަށް ރެއާލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުންދިޔައީ ރެއާލް އިންނެވެ. އެގޮތުން އެޓީމުން ވަނީ ލަނޑު ޖެހުމަށް މި ހާފްގައިވެސް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

މި ހާފްގައިވެސް ވަލަކާނޯ އަށް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

މި ނަތީޖާއާއެކު ރެއާލް އޮތީ ކުޅުނު 16 މެޗުން ލިބުނު 29 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. މެޗުން ބަލިވި ވަލަކާނޯ އޮތީ ކުޅުނު 16 މެޗުން ލިބުނު 10 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 19 ވަނައިގައެވެ.

މި ނަތީޖާއާއެކު ރެއާލް އަށް ތިންވަނަ ލިބުނަސް، އާދީއްތަ ދުވަހު ސެވިއްޔާ އާއި ގިރޯނާ ބައްދަލުކުރާ މެޗުން ސެވިއްޔާ މޮޅުވެއްޖެނަމަ، ރެއާލް ޕޮއިންޓް ތާވަލުގެ ހަތަރުވަނަ އަށް ވެއްޓޭނެ އެވެ. ސެވިއްޔާ އަދި ޖިރޯނާ ބައްދަލުކުރާ މެޗު ފަށަނީ އާދީއްތަ ދުވަހު ހަވީރު 4 ޖަހާއިރެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން އެޓްލެޓިކޯ މޮޅުވީ ރެއާލް ވަލޮޑޮލިޑްއާ ބައްދަލުކޮށް 2-3 ގެ ނަތީޖާއަކުންނެވެ.

ވަލޮޑޮލިޑް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުން ދިޔައީ އެޓްލެޓިކޯ އިންނެވެ. އެގޮތުން އެޓީމުން ދިޔައީ ވަލޮޑޮލިޑްގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތައް އުފައްދަމުންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އެޓްލެޓިކޯ އިންނެވެ. މި ލަނޑު 26 ވަނަ މިނެޓުގައި ކާމިޔާބުކުރީ ކަލިނިޗްއެވެ. މި ލަނޑަށްފަހުވެސް އެޓްލެޓިކޯ އިން ދިޔައީ ވަލޮޑޮލިޑްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.

އެގޮތުން ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އެޓްލެޓިކޯ އިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ އެންޓޯނިއޯ ގްރިޒްމަންއެވެ.

ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ވަލޮޑޮލިޑްގެ މައްޗަށް އެޓްލެޓިކޯ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުން ދިޔައީ އެޓްލެޓިކޯ އިންނެވެ. އެހެންނަމަވެސް އެޓްލެޓިކޯ އިން ރަނގަޅަށް ކުޅެމުން ދަނިކޮށް 57 ވަނަ މިނެޓުގައި ފެނާންޑޯ ކާމިޔާބުކުރި ލަނޑުން ވަލޮޑޮލިޑް އިން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.

ވަލޮޑޮލިޑް އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 63 ވަނަ މިނެޓުގައެވެ. މި ލަނޑަކީ އެޓްލެޓިކޯގެ ސައުލް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

އެހެންނަމަވެސް މެޗު ނިމެން ފަސް މިނެޓަށް ވެފައ ވަނިކޮށް އެޓްލެޓިކޯ އިން ވަނީ ލީޑު އަނބުރާ ހޯދާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގްރިޒްމަންއެވެ.

މި ނަތީޖާއާއެކު އެޓްލެޓިކޯ އޮތީ ކުޅުނު 16 މެޗުން ލިބުނު 31 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ. މެޗުން ބަލިވި ވަލޮޑޮލިޑް އޮތީ ކުޅުނު 17 މެޗުން ލިބުނު 20 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 12 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް