ކ. މާލެ
|
16 ޑިސެންބަރ 2018 | އާދީއްތަ 10:13
ސިޓީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ސިޓީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ޓްވިޓަރ
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ސިޓީ އެއްވަނަ އަށް ޖެހިލިއިރު، ޓޮޓެންހަމް ފަހު ވަގުތު މޮޅުވެއްޖެ
ފަހުވަގުތު ޓޮޓެންހަމް މޮޅުވީ ބާންލީ އަތުން 0-1 އިން
ސިޓީ މޮޅުވީ އެވަޓަންއާ ވާދަކޮށް 1-3 އިން

ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އެއްވަނަ އަށް ޖެހިލިއިރު، ޓޮޓެންހަމް ހޮޓްސްޕާ ފަހުވަގުތު މޮޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ސިޓީ މޮޅުވީ އެވަޓަންއާ ވާދަކޮށް 1-3 ގެ ނަތީޖާއަކުންނެވެ.

ސިޓީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުން ދިޔައީ އެޓީމުންނެވެ. އެގޮތުން އެވަޓަންގެ ހާފަށް ބާރުބޮޑުކޮށް އެޓީމުން ވަނީ ހަމަލާތައް އުފައްދާފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ސިޓީންނެވެ. މި ލަނޑު 22 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ލީރޮއި ސާނޭގެ އެހީތެރިކަމާއެކު ގެބްރިއަލް ޖީސަސްއެވެ.

މި ލަނޑަށްފަހުވެސް ސިޓީން ދިޔައީ އެވަޓަންގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ލީޑު ފުޅާކުރުމަށްވެސް ހުސް ގިނަ ފުރުސަތުތައް އެޓީމަށް ވަނީ ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން އެވަޓަންގެ މައްޗަށް ސިޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުން ދިޔައީ ސިޓީންނެވެ. އެގޮތުން 50 ވަނަ މިނެޓުގައި ސިޓީން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑުވެސް ސާނޭގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ގެބްރިއަލް ޖީސަސްއެވެ.

މެޗުގައި އެވަޓަންގެ ފަރާތުން ފެނިގެންދިޔަ ހަމައެކަނި ލަނޑު 65 ވަނަ މިނެޓުގައި ޑިގްނޭގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ކްލެވާޓްއެވެ. ސިޓީގެ ތިންވަނަ ލަނޑު 69 ވަނަ މިނެޓުގައި ފެނާންޑީނިއޯގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ރަހީމް ސްޓާލިންއެވެ.

މި ނަތީޖާއާއެކު ސިޓީ އޮތީ ކުޅުނު 17 މެޗުން ލިބުނު 44 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި އެވަޓަން އޮތީ ކުޅުނު 17 މެޗުން ލިބުނު 24 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 8 ވަނައިގައެވެ.

އާދީއްތަ ދުވަހުގެ ރޭ ލިވަޕޫލް އާއި މެންޗެސްޓާ ޔުނައިޓެޑު ބައްދަލުކުރާ މެޗުން ލިވަޕޫލް މޮޅުވެއްޖެނަމަ، ސިޓީ އަށް ޕޮއިންޓް ތާވަލުގެ އެއްވަނަ ގެއްލޭނެއެވެ. މި މެޗު ފަށާނީ އާދީއްތަ ދުވަހުގެ ރޭ 9 ޖަހާއިރެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ފަހުވަގުތު ޓޮޓެންހަމް މޮޅުވީ ބާންލީއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ.

ޓޮޓެނަހަމް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް އެޓީމަށް ލިބި ވަނީ ބޭކާރުވެފައެވެ.

މި ހާފްގައި ބާންލީގެ ފަރާތުން މޮޅު ޑިފެންސެއް ފެނިގެން ގޮސްފައިވާއިރު، ޓޮޓެންހަމްގެ ހަމަލާތައް އެޓީމުން ވަނީ ނާކާމިޔާބުކޮށްލާފައެވެ. މި ހާފްގައި ބާންލީ އަށް ލަނޑު ޖެހުމަށް މާ އެދެވޭ ފުރުސަތެއް ނުލިބެއެވެ.

ދެވަނަ ހާފްގައިވެސް ޓޮޓެންހަމްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންގޮސްފައިވާއިރު، އެ ހަމަލާތައް ބާންލީން ވަނީ ހުށިއާރުކަމާއެކު ދިފާއުކޮށްފައެވެ. މި ހާފްގައިވެސް ބާންލީ އަށް ލަނޑު ޖެހުމަށް މާ އެދެވޭ ފުރުސަތެއް ނުލިބެއެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އިތުރުވަގުތުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ހެރީ ކޭންގެ އެހީތެރިކަމާއެކު ކްރިސްޓިއަން އެރިކްސަންއެވެ.

މި ނަތީޖާއާއެކު ޓޮޓެންހަމް އޮތީ ކުޅުނު 17 މެޗުން ލިބުނު 39 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. މެޗުން ބަލިވި ބާންލީ އޮތީ ކުޅުނު 17 މެޗުން ލިބުނު 12 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 17 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް