އަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ނިއުރޭޑިއަންޓް ސްޕޯޓް ކުލަބުން ހއ. ކެލާގައި ފަރިތަކުރުންތަކެއް ބޭއްވުމަށް އެރަށް ހިނގެއްޖެއެވެ.
އެންމެ ވަރުގަދަ އެއް ސްކޯޑާއެކު މި ސީޒަނަށް ނުކުންނަ ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބުން ކެލާގައި ފަރިތަކުރުންތައް ބޭއްވުމަށް އެރަށް ގޮސްފައިވަނީ ހުކުރު ދުވަހުގެ ހެނދުނުއެވެ.
މި މަހުގެ 18 ގައި ނިޔަލަށް ކެލާގައި ނިއު ރޭޑިއަންޓުގެ ފަރިތަކުރުންތައް ކުރިއަށް ގެންދާއިރު، އެކުވެރިކަމުގެ ދެ މެޗެއް ކުޅޭނެއެވެ. އެގޮތުން ކެލާ ޓީމާއި މުރައިދޫ ޓީމާ ދެކޮޅަށް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ފުޓްބޯޅަ ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރުމަށް ބޮޑު ޚަރަދުތަކެއް ކުރަމުން އަންނަ ނިއު އިން ވަނީ އެ ކްލަބު ވަރުގަދަ ކުރުމުގެ ގޮތުން ގޯލްކީޕަރ އިމްރާން މުހައްމަދާއި ފޯވާޑް އަލީ ފާސިރު (ސެންޓޭ) އަދި މިޑްފީލްޑަރު އަކްރަމް އަބްދުލްޣަނީ ގެ އިތުރުން ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) ގެނެސްފައެވެ.
ކެލާގައި ނިއުރޭޑިއަންޓުން ހޭދަކުރާ ދުވަސްތަކުގައި އެރަށުގެ ސުކޫލަށް ވެސް ޓީމްގެ ކުޅުންތެރިންނާއި އޮފިޝަލުން ޒިޔާރަތް ކުރާނެއެވެ.
ދިވެހި ކުޅުންތެރިންގެ އިތުރު ނިއުރޭޑިއަންޓުގެ ސްކޮޑް ވަރުގަދަ ކުރުމުގެ ގޮތުން ނިއުއަށް ވަނީ ބިދޭސީ ފަސް ކުޅުންތެރިން ގެނެސްފައެއެވެ. އެގޮތުން ނެދަލެންޑްސް ޖަމެލް ލީފްލޭންގާއި ސްޕެއިންގެ އެޑްރިއަން ގަލާޑޯ ވަލްޑެސް އަދި ޖަޕާނުގެ ކެއިސޫކޭ އޮގާވާގެ އިތުރުން މޮންޓެނީގްރޯގެ ސްޓެފަން މާކޮވިޗް ހިމެނެއެވެ.