ސަރުކާރުން 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންތަކާއި ގުޅޭ މުހިންމު ބިލްތަށް ނުނިންމައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޗުއްޓީއަށް ވަޑައިގެންފިއެވެ.
ހޮނިހިރު ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ މުހިންމު ތިން ބިލަކަށް ވޯޓަށް އެހުމަށް ވަނީ ނިންމާފައެވެ. އެއީ ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި، ބަރ އެސޯސިއޭޝަން އުފައްދަން ހުށަހަޅާފައިވާ ގާނޫނީ ހިދުމަތުގެ ބިލާއި، ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލަށް ވޯޓަށް އެހުމަށްވަނީ އެޖެންޑާކޮށްފައެވެ.
ސަރުކާރުގެ 100 ދުވަހުގެ ވައުދާއި ގުޅޭ މުހިއްމު ތިން ބިލަށް ހޮނިހިރު ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހިފައި ނުވަނީ ،ބިލްތަކަށް ވޯޓަށް އެހޭނެ ގާނޫނުއަސާސީގައި ބުނާ އަދަދު އެ ވަގުތު މަޖިލީހުގެ ތަޅުމުގައި ނެތުމުގެ ސަބަބުންނެވެ.
ބިލްތަކަށް ވޯޓަށް އެހޭނީ ގާނޫނުއަސާސީގައި ބުނާ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގައެވެ. ނަމަވެސް އެ އަދަދަށް މަޖިލީހުގެ ތަޅުމުގައި މެމްބަރުން ވަޑައިގެން ނެތެއެވެ.
ގާނޫނު އަސާސީގައި ބުނާ ގޮތުން ނަމަ ވޯޓަށް އަހާ ވަގުތު މަޖިލީހުގެ ތަޅުމުގައި 43 މެމްބަރުން ތިބެންޖެހެއެވެ. ނަމަވެސް ހޮނިހިރު ދުވަހުގެ ޖަލްސާގައި ވޯޓަށް އަހަން ރިޔާސަތުން ރަނގަބީލު ޖެއްސެވި ވަގުތު މަޖިލީހުގެ ތަޅުމުގައި ތިއްބެވީ 39 މެމްބަރުންނެވެ.
އެއީ، ސަރުކާރު ކޯލިޝަންގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ މެމްބަރުންނެވެ. ނަމަވެސް، ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން މިއަދު ޖަލްސާއަށް ހާޒިރުވެވަޑައެއް ނުގަންނަވަ އެވެ.
ސަރުކާރު 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ މުހިއްމު ކަންތަކާއި ގުޅޭ ބިލްތަކަށް ވޯޓަށް ނާހައި ދިއުމުގެ ޒިންމާ ސަރުކާރުގައި ހިމެނިވަޑައިގަންވާ އެންމެ ބޮޑު ޕާޓީކަމަށްވާ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ މެމްބަރުން ނަންގަވަންޖެހޭ ކަމަށް ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެމްބަރަކުވަނީ ވިދާޅުވެފައެވެ.
ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެމްބަރަކު ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕް ލީޑަރުންގެ ފެއިލިއަރއެއް ކަމަށެވެ.
އިދިކޮޅު ޕާޓީ، ޕީޕީއެމްއިންގެ މެމްބަރުން މަޖިލީހުގެ ތަޅުމުގައި އިހްތިޖާޖް ކުރުމުގެ ސަބަބުން ހޮނިހިރުދުވަހުގެ ޖަލްސާވަނީ ދެ ފަހަރަށް މެދުކަނޑާލާފައެވެ. ޕީޕީއެމްއިން މަޖިލީހުގެ ތަޅުމުގައި އިހްތިޖާޖްކޮށްފައިވަނީ ރިޔާސީ ކޮމިޝަނަށް ބާރުދިނުމުގެ ބިލް މަޖިލީހަށް އެޖެންޑާކޮށްފައި އޮތުމުގެ ސަބަބުން އެކަމާއި ދެކޮޅަށެވެ.
ރިޔާސީ ކޮމިޝަނަށް ބާރުދިނުމުގެ ބިލް މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ދުވަހުވެސް ޕީޕީއެމްއިން ވަނީ މަޖިލީހުގެ ތަޅުމުގައި އިހްތިޖާޖްކޮށްފައެވެ. ޕީޕީއެމްގެ މެމްބަރުން ވަނީ ދުންމާރި އާއި އެކު މަޖިލީހަށް ވަޑައިގެން ދުންމާރި ފުމެ، މަޖިލީހުގެ ނިޒާމް ގެއްލުވާލަން ދެފަހަރަށް މަސައްކަތްކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޗުއްޓީއަށް ވަޑައިގެންފައިވާއިރު، ދެން މަޖިލީހުގެ ޖަލްސާތަށް ފެށޭނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރީ ކޮޅުއެވެ.