ކ. މާލެ
|
10 ފެބްރުއަރީ 2017 | ހުކުރު 14:53
ގދ ތިނަދޫގައި އިމާރާތް ކޮށްފައިވާ ފްލެޓް
ގދ ތިނަދޫގައި އިމާރާތް ކޮށްފައިވާ ފްލެޓް
ގޫގުލް
އަވަހަށް ކުލި ދައްކަން އަންނާށ
ނިމުމެއް ނެތް އަޅުވެތިކަން
މާލެ އާ ރާއްޖެތެރޭގެ ތަފާތު ނެތިގެންދާތަނެއް ނުފެނޭ
މާލެ ތޮއްޖެއްސުމުގެ ސިޔާސަތު ޔަގީން
ރައްޔިތުންނަށް ޖިޒީ ދެއްކުން ނޫން އެހެން ގޮތެއް ނެތް

ދިވެހިރާއްޖޭގެ ވެރިރަށް މާލެ އާއި އަތޮޅު ތެރޭގެ ރަށްތަކުގެ މެދުގައި މައި ސަރުކާރުން ތަފާތު ކުރުންތައް ގެންގުޅޭ ވާހަކަ އަކީ އާ ވާހަކައެއް ނޫނެވެ. އެވާހަކަ ނުދެއްކި ނަމަވެސް އެކަން އިޙްސާސް ނުކުރެވޭ އަދި ތަޖުރިބާ ނުކުރާ މީހަކު ނުހުންނާނެއެވެ. ތިމާއަށް ލިބެން އޮތް މަންފާއަކަށް ޓަކައި ބައެއް މީހުން އެވާހަކަ ދައްކަން ބޭނުން ނުވުމަކީ، މުޅިން ތަފަތު ކަމެކެވެ.

ޤަބޫލުކުރަން ޖެހޭ ހަގީގަތަކީ، މާލެ އާއި ރާއްޖޭގެ އެހެން ރަށްތަކާމެދު ސަރުކާރުން ޒަމާނުއްސުރެ ގެންގުޅެމުން އަންނަ ތަފާތުކުރުންތައް ނައްތާލެވިގެން ނޫނީ ރައްޔިތުން އެދޭ ހަމަޖެހުމެއް ނުގެނެވޭނެ ކަމެވެ.

"ގޫގުލް އަށްވުރެ ބާރު ސްޕީޑްގައި" ތަރައްޤީގެ މަޝްރޫޢުތައް ހިންގާކަމަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވިދާޅުވާއިރު މާލެ އަށް ރައްޔިތުން ހިޖުރަކުރުމާއި އެކި ބޭނުންތަކަށް ދެއިރު ދެދަޅައަށް މާލެ އަށް ނުގޮސް ވާނެ ގޮތެއް އަތޮޅު ތެރޭގެ ރައްޔިތުންނަށް ފަހިކޮށްދޭން މިހާތަނަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކުރި ހެއްޔެވެ؟

މޭލެއާއި އަތޮޅުތަކުގެ ރައްޔިތުންގެ ތަރައްގީ އަށް ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް މާ ފައިދާ ބޮޑު ސިޔާސަތެއް ކުރިއަށް ގެންދާ ވާހަކަ އަބަދުވެސް އަޑުއިވެއެވެ. ރައްޔިތުން ގެދޮރުވެރިކުމުގެ ސިޔާސަތެވެ. ބޯހިޔާވަހި ކަމެއް ހޯދައިދޭ ވާހަކަ އެވެ.

އެ ސިޔާސަތު އިއުލާން ކުރުމާއި އެކު އެއްބަޔަކު އުފަލުން ފޮޅިއްޖެ އެވެ. ލޮލުން ކަރުނަ ހިލިއްޖެ އެވެ. އެ މީހުން ބުނާ ވާހަކައަކީ، "ސަރުކާރުން އަހަރުމެން ގެދޮރުވެރި ކުރުވަނީ" ކަމަށެވެ އަހަރެމެންނަށް ފްލެޓް ދެނީއެވެ. އެހެން ނަމަވެސް ހަޤީޤަތަކީ އެއީ ހެއްޔެވެ؟

ރައްޔިތުން ގެދޮރުވެރިކޮށް ތަރައްގީއާއި ކުރިއެރުން ހޯދައިދޭން ބޭނުންވާނަމަ ޖިޒީ ދައްކަން ޖެހޭ ގޮތަށް ރައްޔިތުން އަލިފާން ފޮށިތަކުގެ ތެރެއަށް ނުވައްދާނެއެވެ. އެއްފަސް ކުރުމުގެ ނަމުގައި ގެންގުޅޭ ސިޔާސަތުގެ ދަށުން ރާއްޖޭގެ ބިން ބޮޑު ސަރަހައްދުތަކުން ރައްޔިތުން ގޯތި ދޫކުރަނީ ކީއްވެގެންތޯއެވެ. ބިން ބޮޑު ބޮޑެތި ރަށްރަށުން ގޯތި ދޫނުކުރާތާ އެތަކެއް އަހަރުތަކެއް ވެއްޖެއެވެ.

އޭގެ ސަބަބުން، އަމިއްލަ ގެދޮރު ބިނާކުރުމުގެ ތަނަވަސްކަން ލިބިފައި ތިބި އެތައް ބަޔަކު، ކަންބޮޑުވުމެއްގެ ތެރޭގައި އެބަ ތިއްބެވެ. އެއް ފުރާޅެއްގެ ދަށުގައި އެތައް އާއިލާއެއް ދިރިއުޅެން ޖެހުމުން ދިމާވާ މައްސަލަތަކަށް ޙައްލެއް ހޯދުމަށް ގިނަ ބަޔަކު ތިބީ ބޭނުންވެފައެވެ.

ހަމަ އެހެންމެ ބިމެއް އޮތަސް ގިނަ ބަޔަކަށް އެ ބިމުގައި ގެއެއް ބިނާ ކުރެވޭނެ ގޮތެއް ނެތް މީހުންގެ އަދަދު ވެސް މަދެއް ނޫނެވެ. ފައިސާގެ ގޮތުން ތަނަވަސް ކަމެއް ނެތް އިރު، ބޭންކު ތަކުން ގެ ބިނާކުރަން ލޯނު ހޯދުމަކީ އަނެއްކާ އަނެއް ހަ ކަންތަކެވެ.

މިފަދަ ޙާލެއްގައި ދިިރިއުޅެމުން އަންނަ ރައްޔިތުންގެ ޓެކްސް ފައިސާއިން "ނާޗަރަންގީ" ކުޅުއްވާ ސަރުކާރުން ގެދޮރުވެރި ކުރުމުގެ ސިޔާސަތުގެ ނަމުގައި ހަގީގަތުގައި މި ގެނެސްދިނީ ކުލި ދެއްކުމުގެ ނިޒާމެކެވެ. ކިތަންމެ ނުރުހުނަސް ހިތްހަމަނުޖެހުނަސް މިއަދު ރައްޔިތުންނަށް އެނޫން ގޮތެއް ނެތެވެ.

ޝަކުވާ ކުރީމާ ސަރުކާރުގެ ވެރިން ރައްޔިތުންނާއި މަލާމާތުގެ ރާގަކަށް ކުރައްވާ ސުވާލަކީ، "ބިމެއް އޮތަސް ކަލޭ މެންނަށް ގެ އެޅޭ ހެއްޔެވެ؟ ޚުދު ރައްޔިތުމީހާ ވެސް މަޖުބޫރީ ޙާލަތުގައި އެއްބަސްވަނީ، ބިމެއް އޮތަސް ގެދޮރު ބިނާ ކުރާނެ ތަނަވަސް ކަމެއް ނެތް ކަމެވެ.

ރައްޔިތުން ގެދޮރުވެރިކުރުމުގެ ނަމުގައި ހުރިހާ ސަރުކާރަކުން ކުރާ ކަމަކީ، ފްލެޓް ތަކަށް ރައްޔިތުން ވައްދައިގެން ކުލި ދެއްކުމަށް މަޖުބޫރުކުރުން ނޫން ކޮން ކަމެއްތޯ އެވެ؟ މަގުމަތީގައި ވެހިކަލް ދުއްވަން ބޭނުން ނަމަ ސަރުކާރަށް، ޖިޒީ ދައްކަން އެބަ ޖެހެ އެވެ. ކަންމަތީ ފިހާރައިން ކުރާ ކޮންމެ ވިޔަފާރިއަކުން ސަރުކާރަށް ޖިޒީ ދެއްކުން މަޖުބޫރެވެ. ސާފު ބޯފެން ބޭނުން ނަމަ އަދި ކަރަންޓުގެ ޚިދުމަތް ހޯދުމަށް ޖިޒީ ދައްކަން ވީއެވެ. އެއީ ވެރިންގެ ޖީބު ފުރާލަން އެމީހުން ބޭނުންވާ މިންވަރަކަށެވެ. ފާޚާނާ ކުރުމަށް ޖިޒީ ދައްކާފައި، ނުވިތާކަށް ދެން މި މަޖުބޫރު ކުރަނީ ދިރިއުޅެން ފޯރުކޮށްދޭ ކުޑަގޮޅި އަށް ވެސް އުމުރު ދުވަހު ޖިޒީ ދެއްކުމަށެވެ.

 

ރައްޔިތުންނަށް ބިން ދޫކޮށްފައި އިންޓްރެސްޓް ފްރީ ލޯނުތަކެއް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށް ނުދެވެން ވީ ސަބަބެއް ނެތެވެ. ދުނިޔޭގެ އެހެން ޤައުމުތައް މިސާލަކަށް ބަލަން ޖެހެނީ ހަމައެކަނި ސަރުކާރުން ބޭނުންވާ ކަންތައް ކުރުމުގައި އެކަނި ކަމަށް ވެދާނެއެވެ.

ނާޗަރަންގީ ކުޅުމަށާއި، ކުޅިވަރު ކުޅުމަށް، މިލިއަނުން ޚަރަދު ކުރުމަށް ފައިސާ ހުންނައިރު، ރައްޔިތުން ގެދޮރުވެރިކުުރުވުމަށް އަމިއްލަ ރަށުގައި އަމިއްލަ ބިމެއްގައި ގެއެއް ބިނާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށް ނުދެވޭނެ ސަބަބެއް ނެތެވެ.

މީގެ 20 އަހަރު ދުވަސް ފަހުން ފްލެޓްގެ އަގު ރައްޔިތު މީހާއަށް ދައްކައި ނިމޭ އިރު، އެ ފްލެޓް އޮންނާނީ ބޮލަށް ވެއްޓޭ ހިސާބުގައެވެ. އެއްމެދު ތަނެއްގެ ގޮތުގައި މިހެން ހުންނަ ތަންތަން ހަދާކަށްވެސް ފަސޭހައެއް ނޫނެވެ. އަނެއްކާވެސް ދާން ޖެހޭނީ، ކުލި ދައްކަން އެހެން ފްލެޓަކަށެވެ. މުޅި އުމުރު ދުވަހު ކުރަން ޖެހޭނެ މަސައްކަތަކީ ކުލި ދެއްކުމެވެ. ލޯން ނުލިބިގެން ގެ ނެހެދިއްޖަނަމަ ކުލި ދައްކަން ދާން ޖެހޭނީ މާލެއަށެވެ. މިއީ އިއްޔެގެ ވެސް އަދި މިއަދުގެ ވެސް ހަގީގަތެވެ.

މިހުރިހައި ކަމެއް މިހެން ހުރިއިއިރު ސަރުކާރުގެ ވެރިން މިނެކިރުއްވާގޮތުގައި ތަރައްޤީ އަކީ ފުޓްސަލް ދަނޑުތަކެވެ. ރަށެއްގެ މަގު ތާރު އަޅައިގެން ހެދުމެވެ. އެސްޓީއޯ މެދުވެރިކޮށް ކޮންމެ ރަށެއްގައި ހުޅުވި ބޭސް ފިހާރަތަކެވެ. ބޭސް ފިހާރައެއް ހުއްޓަސް ޑޮކްޓަރަކު ރަށުގައި ނެތުމުން ޑޮކްޓަރަށް ދައްކަން ދާން ޖެހެނީ މާލެއަށެވެ. ޑޮކްޓަރު ހުރިއްޔާ ބޭސްފިހާރައިން ބޭހެއް ނުލިބޭނެއެވެ. އެކަމަށް ވެސް ދުވަން ޖެހޭނީ މާލެއަށެވެ.

ސަރުކާރުގެ "ހިތް ހެޔޮކަމުން" ތަބަކަށް ލައިގެން ދިން ވަޒީފާ ގެއްލިދާނެތީ ސަރުކާރުގެ "ހަބޭސް" ކަމުގެ ވާހަކަ ދައްކާ ފަރާތްތަކުން ޤަބޫލުކުރަން ބޭނުން ނުވިޔަސް އަަތޮޅުތެރޭގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން އަދިވެސް އޮތީ ހަމަ އެގޮތުގައެވެ. އެބޭފުޅުން ވެސް ހިމެނޭ ގޮތަށް "ރާއްޖެތެރެ" ވީމާ ދިމާވާ ހިތްދަތިކަމާއި ތަދުތަކަށް އެއްވެސް ފަރުވާއެއް ނުލިބެއެވެ. ހަގީގަތަކީ، އެ ތަދު އިތުރަށް ބޮޑުވީއެވެ. އަދިވެސް ބޮޑުވަމުން ދަނީއެވެ.

ސަރުކާރުގެ އޮތީ އެންމެ ސިޔާސަތެކެވެ. އެއީ މާލެ ތޮއްޖެއްސުމުގެ ސިޔާސަތެވެ. އެ ސިޔާސަތު ތަންފީޒުކުރަން ސަރުކާރުން ބޭނުންވާ މިންވަރު ހާމަވާ އެއްކަމަކީ، ދޭތެރެއަކުން "ހުޅުމާލެއަށް އައުމަށް" ޤައުމުގެ ރައީސް އެދިވަޑައިގަތުމެވެ. ހަގީގަތުގައި އެ ގޮވާލައްވަނީ، "ކުލި ދައްކަން އަންނާށެވެ." މިހެން ނޫން ހެއްޔެވެ؟

ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިންގައި އެންމެ ހަރުއަޑުން ވިދާޅުވި ވާހަކައަކީ ރާއްޖޭގެ ދެ ސަރަޙައްދެއް ޙަޤީޤީ ސިޓީއެއްގެ ދަރަޖައަށް ތަރައްޤީކޮށް ސިއްްޙީ ޚިދުމަތާއި ވަޒީފާއާއި ތަޢުލީމަށް މާލެ ހިޖުރަކުރުން ހުއްޓުވާލައްވާނެ ވާހަކައެވެ. އެމަނިކުފާނުގެ ރިޔާސީ ވައުދުތަކުގެ %80 ފުރިހަމަ ކުރެވުނު ކަމަށް ވިދާޅުވި އިރު އަދިވެސް މިފެންނަނީ ރައްޔިތު މީހާ މާލެއަކުން ނުނެއްޓިގެން އުޅޭ މަންޒަރެވެ.

ރާއްޖޭގެ ރަށްތައް ފަޅުކޮށް މާލޭ ސަރަޙައްދު ތޮއްޖެއްސުމުގެ ސިޔާސަތު ސަރުކާރުގެ އޮތްކަން ބުނަން ޖެހެނީ ރަށްތަކުން މީހުން މާލެއަށް ހިޖުރަކޮށް ކުލީގެ އަޅުވެތިކަމުގައި އުމުރު ފަނާކޮށްލަން މަޖުބޫރުކުރުވާ ސަބަބުތައް ނައްތާލުމަށް ސަރުކާރުން އެއްވެސް ކަމެއް ކުރުމެއްނެތި އެ ސަބަބުތައް ދަމަހައްޓަން އެހީތެރިވެދޭތީއެވެ.

އަތޮޅުތެރެއިން ނަރުސް ކޯސް ހެދެއެވެ. އެހެނަސް އެ ކޯސް ހަދައިގެން ވަޒީފާ ހޯދަން މާލެއަށް އަންނަން މަޖުބޫރުކުރުވަނީ ސަރުކާރުގެ ސިޔާސަތެވެ.

ސަރުކާރުގެ ވިސްނުން ހުރީ ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް ހުޅުވުމަށްފަހު ޑޮކްޓަރަށް ދައްކަން ބަލިމީހާ މާލެ ގެނައުންކަމަށް ވެދާނެއެވެ. އެހެން ބުނަން ޖެހެނީ ރަށްރަށުގެ ސިއްޙީ ޙާލަތު އެހާ ދަށުދަރަޖައަކަށް ވެއްޓިފައި އޮތީތީއެވެ. ވިއްސަން ހޭނައްތާ މީހާ ހޭނާރައިގެން ގެންނަން ޖެހެނީ މާލެއަށެވެ. އެކްސިޑެންޓެއް ހިނގައިފިނަމަ އަނިޔާލިބޭ މީހާ ފުރާނަ ނުދާހާ ހިނދަކު މާލެ ނައިސް ފަރުވާއެއް ލިބޭނެ ގޮތެއް ނެތެވެ.

އަތޮޅުތެރޭގެ ރަށްރަށުގެ މީހުން ކުރަންވީ ކަމަކީ "ކުލިދައްކަން" މާލެއައުމެވެ. އެނޫންގޮތެއް ނެތެވެ. ސަރުކާރުގެ ސިޔާސަތުތަކުން އެނޫން މަންޒަރެއް ފެންނާކަށްނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް