ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެންނަވާ ނަމަ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުން އެކަން ހުއްޓުވާނެ ކަމަށް އެޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެ ރޭ ޕީޕީއެމް އޮފީސް ހުޅުވުމަށް ބޭއްވި ހަފްލާގައި ރިޔާޒު ވިދާޅުވީ ރައީސް ނަޝީދު ރާއްޖެވަޑައިގަންނަވާނަމަ އެކަން ހުއްޓުވާނެ ކަމަށެވެ. ރައީސް ނަޝީދު ރާއްޖެވަޑައިގެންނަވާ ނަމަ އެކަން ހުއްޓުވުމުގެ ބާރާއި ގާބިލްކަން ރައީސް އަބްދުﷲ ޔާމީންގެ ޓީމްގައި ހުންނާނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.
" އަޅުގަނޑުމެން އޭނާގެ ވެރިކަން ނިމުމަކަށް ގެނައީ، އަދި އަޔަސް އަންނަން އުޅުނަސް އެކަން ހުއްޓުވާނީ އަޅުގަނޑުމެން، އެކަން ކުރުމުގެ ބާރު އޮތް ޓީމެއް މިއީ،" ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު މިގޮތަށް ވިދާޅުވީ ވަގުތު ޖެހުމުން ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަތީ އެމަނިކުފާނަން އިޝާރަތް ކުރައްވާފައެވެ.
ރައީސް ޔާމީން ވެރިކަން ކުރަމުން ގެންދަވަނީ ޚުދުމުހްތާރުކޮށް ކަމަށް މުޅި ދުނިޔެ ގޮވަމުންދާއިރު، ޚުދުމުހުތާރު ވެރިކަމެއް ކަމަށް މެމްބަރު ރިޔާޒަށް ފެނިވަޑައިނަންނަވަނީ ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް އިންތިހާބަކުން ވެރިކަމަށް ވަޑައިގެންނެވި ރައީސް ނަޝީދެވެ. ރައީސް ނަޝީދަށް މި ގައުމުގައި ފުރުސަތެއް ނެތް ކަމަށް ރިޔާޒު ވިދާޅުވިއެވެ.
"ހަގީގަތީ އެމްޑީޕީއަށް ދުވަހަކުވެސް ވެރިކަމަށް ނާދެވޭނެ،" ރިޔާޒު ވިދާޅުވިއެވެ.
ރާއްޖެއަށް ތަރައްގީ އާއި ކުރިއެރުން ބޭނުންވާނަ ރައީސް ޔާމީނަން އިތުރު ދައުރެއް ދޭންޖެހޭނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ ޕީޕީއެމް އުފެއްދުމަށް އެޕާޓީގެ މުސްތަޝާރު ރައީސް ޔާމީން ބުރަ މަސައްކަތް ކުރެއްވިކަމަށް އޭނާ ހެކިވާ ކަމަށެވެ. އެއްވެސް ބޭފުޅަކަށް ޕީޕީއެމަކީ އެބޭފުޅެއްގެ ޕާޓީއެއް ކަމަށް ބުނާ ނަމަ އެބޭފުޅަކީ ރައީސް ޔާމީން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމް އުފެއްދުމަށް އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުކުރުމަށްޓަކައި ދިމާވާ އެންމެ ބޮޑު ދަތިކަމަކީ ފައިސާގެ ދަތިކަން ކަމަށް ރިޔާޒު ވިދާޅުވިއެވެ. އެދުވަހު ރައީސް ޔާމީން އެކި ގޮތްގޮތުން ފައިސާ ހޯދަށްވައިގެން ޕާޓީ އުފެއްދުމަށް ބޮޑަތި ހަރަދުތަކެއް ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ ޕީޕީއެމް އުފެއްދުމަށް އެންމެ ފުރަތަމަ އުފެއްދި ކޮމެޓީގައި ރައީސް ޔާމީނާއި އެޕާޓީގެ މިހާރު އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ އަބްދުއް ރަހީމާއި އަދި އަލީ އަރީފްގެ އިތުރުން އޭނާ ހިމެނިވަޑައިގަންނަވާ ކަމަށެވެ. މިއަދު ޕީޕީއެމްގެ އައު އޮފީހެއް ހުޅުވާއިރު އެ މެމްބަރުން އެކަމަށް ހެކިވާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
ކޮރަޕްޝަންގެ ތުހްމަތު ކުރެވިފައިވާ ރައީސް ޔާމީނަށް ޕީޕީއެމްގެ މަޖިލީހުގެ މެމްބަރުން އިންތިހާއަށް ތައުރީފު ކުރައްވާއިރު، އެ މެމްބަރުން ތިއްބެވީ އެކިއެކި ކަންކަމުގައި ފިތިފައި ކަމަށް ތުހްމަތުކުރެ އެވެ. އަދި ބައެއް މެމްބަރުން އެގޮތަށް ވިދާޅުވެފައިވެ އެވެ.