ކ. މާލެ
|
15 ޑިސެންބަރ 2018 | ހޮނިހިރު 21:29
އެފްއޭއެމްގެ ވިމެންސް ފުޓުބޯޅަ ޑިޕާޓްމަންޓުގެ އެންމެ އިސްވެރިޔާގެ މަގާޟު އަދާކޮށްފައިވާ މާޔަން
އެފްއޭއެމްގެ ވިމެންސް ފުޓުބޯޅަ ޑިޕާޓްމަންޓުގެ އެންމެ އިސްވެރިޔާގެ މަގާޟު އަދާކޮށްފައިވާ މާޔަން
ފޭސްބުކް
ފީފާ ކައުންސިލް
ފީފާ ކައުންސިލްގެ ގޮނޑި ކާމިޔާބުކުރަން އެހީ ބޭނުން: މާޔަން
ކެމްޕޭން ދަތުރުތައް ވަރަށް އަވަހަށް ފަށާނަން

ފީފާ ކައުންސިލްގެ ގޮނޑި ކާމިޔާބުކުރަން އެހީތެރިކަން ބޭނުންވާ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ވިމެންސް ފުޓުބޯޅަ ޑިޕާޓްމަންޓުގެ އެންމެ އިސްވެރިޔާގެ މަގާމު އަދާކޮށްފައިވާ މަރިޔަމް މުހައްމަދު (މާޔަން) ބުނެފިއެވެ.

އަންނަ އަހަރު އޮންނަ އޭއެފްސީ ކޮންގްރެސްގެ އިންތިހާބުގައި ފީފާ ކައުންސިލް އަދި އޭއެފްސީ އެގްޒެކްޓިވް ކޮމިޓީ އަށް އެފްއޭއެމްގެ ފަރާތުން މާޔަންގެ ނަން ފޮނުވަން ނިންމާފައިވާއިރު، ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން މާޔަން ބުނީ، ގޮނޑި ކާމިޔާބުކުރަން ސަރުކާރާއި، އެފްއޭއެމްގެ އެހީ ބޭނުންވާ ކަމަށާއި، އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އެގޮތުން މާޔަން ބުނީ، ތާއީދު ހޯދަން ވަރަށް އަވަހަށް ކެމްޕޭން ފަށާނެ ކަމަށާއި، ވޯޓު ހޯދަން ގައުމުތަކަށް ވެސް ދަތުރުކުރާނެ ކަމަށެވެ. އަދި ކާމިޔާބުވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

"ގޮނޑި ކާމިޔާބުކުރަން އެހީ ބޭނުންވޭ. ސަރުކާރާއި، އެފްއޭއެމްގެ އެހީވެސް ބޭނުން. އެހީ ލިބޭނެ ކަމަށް އުންމީދުކުރަން. ތާއީދު ހޯދަން ބައެއް ގައުމުތަކަށް ދަތުރުވެސް ކުރާނަން" ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން މާޔަން ބުނިއެވެ.

މާޔަން ބުނީ ގޮނޑި ކާމިޔާބު ވެއްޖެނަމަ، ރާއްޖޭގެ ފުޓުބޯޅަ އަށް ގިނަ ކުރިއެރުންތައް ހޯދައިދެވޭނެ ކަމަށާއި، އެގޮތުން ހުއްޓިފައި ހުރި ފީފާގެ ޕްރޮޖެކްޓްތައް އަލުން ފެށުމަށް ވެސް މަސައްކަތް ކުރާނެ ކަމަށެވެ.  

މާޔަން (ކ) އާއި ގައުމީ އަންހެން ކެޕްޓަން ފަދުވާ ޒާހިރު (ވ) - ފޮޓޯ: ފޭސްބުކް

މީގެއިތުރުން މާޔަން ބުނީ، އޭނާގެ ނަން އެފްއޭއެމުން ހުށަހަޅާނެ ކަމަށް އުންމީދު ވެސް ނު ކުރާ ކަމަށާއި، އެހެން ނަމަވެސް ހުށަހެޅުމުން ވަރަށް އުފާވެފައި ހުރި ކަމަށެވެ. އެގޮތުން ގޮނޑި ކާމިޔާބުކުރަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ފީފާ ކައުންސިލް ގޮނޑިއަށް ކުރިމަތިލާފައި ވަނީ ރާއްޖޭގެ އިތުރުން ބަންގްލަދޭޝް އާއި، ނޯތް ކޮރެއާ އާއި، ފަލަސްތީނާއި އަދި ލާއޯސް އިންނެވެ. މި ގޮނޑި މިހާރު ފުރަމުން އަންނަނީ ބަންގްލަދޭޝް އިންނެވެ.

އަންނަ އަހަރު އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު އޮންނަ އިންތިހާބުގައި މާޔަން އަށް ފީފާ ކައުންސިލުން ގޮނޑިއެއް ލިބިއްޖެނަމަ ހަތަރު އަހަރުގެ މުއްދަތަކަށް ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި މަސައްކަތްކުރުމުގެ ފުރުސަތު އޭނާ އަށް ލިބިގެންދާނެ އެވެ.

ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ މާޔަން އަންނަނީ ރާއްޖޭގެ އަންހެން ފުޓުބޯޅަ ކުރިއެރުވުމަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ.

ގައުމީ އަންހެން ފުޓުބޯޅަ ޓީމަށް މީގެކުރިން ކުޅުނު މާޔަން ވަނީ އޭއެފްސީ ވިމެންސް ކޮމެޓީގައި މަސައްކަތް ކުރުމުގެ އިތުރުން އެފްއޭއެމްގައި ވިމެންސް ފުޓުބޯޅަ ޑިވެލޮޕްމެންޓް އޮފިސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައެވެ.

އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީގައި މަސައްކަތްކުރުމުގެ ފުރުސަތު މިހާތަނަށް ލިބިފައިވާ ދިވެހިންނަކީ އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމާއި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް