ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިންޑިޔާއާއެކު އޮންނަ ގުޅުން ގޯސްކުރުމުގެ ސަބަބުން އެކަމުގެ ގެއްލުމާއި އުނދަގޫ އެންމެ ބޮޑަށް ކުރިމަތިލާން ޖެހުނީ އާއްމު ދިވެހި ރައްޔިތުންނަށެވެ. ބޭސްފަރުވާކުރުމަށް އިންޑިއާއަށް ދަތުރުކުރުމަށް ދިމާވި ދަތިތަކާއި އިންޑިއާގައި ކިޔަވަން ތިބޭ ދިވެހި ކިޔަވާ ކުދިންނަށް ވިސާގެ ދަތިކަން ފާއިތުވެދިޔަ ދުވަސްތަކުގައި އިންތިހާއަށް ބޮޑުވެފައެވެ. އިންޑިޔާއިން ދިވެހިންނަށް ވިސާ ލިބުމުގައި ގިނަ ދަތިތަކާ ކުރިމަތިވެ އެތައް ޝަކުވާއެއް އެމްބަސީއަށާއި ފޮރިން މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައިވެއެވެ. އެކަންތައްތަކަށް ހައްލު ހޯއްދެވުމަށް މި ސަރުކާރުގެ އަމާޒު ހިފާފައިވާއިރު ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ވަޑައިގަތީވެސް އިންޑިއާއަށެވެ.
" އަޅުގަނޑުމެންގެ އެންމެ އަވައްޓެރިކޮށް އޮތް އިންޑިއާއަށް ދަތުރުތައް ކުރުމުގައި އެތަނުގައި ދިވެހިން އެކިއެކި ބޭނުންތަކަށް ގޮސް ތިބުމުގައި ވަރަށް ބޮޑެތި ދަތިތައް ވަނީ ކުރިމަތިވެފައި. އަޅުގަނޑުގެ ދަތުރުގައި އިރާދަކުރެއްވިއްޔާ އެކަންތައްތަކަށް ހައްލު ހޯއްދެވުމަށް މަސައްކަތް ކުރާނަން" އިންޑިއާއަށް ފުރާވަޑައިގެންނެވުމުގެ ކުރިން ޝާހިދު މީޑިއާއަށް ދެއްވި އިންޓަވިއުގައި ވިދާޅުވިއެވެ.
އިންޑިއާ އަށް ވަޑައިގެންނެވި ދަތުރުފުޅުގައި އެމައްސަލައަށް ހައްލެއް ލިބޭނެކަމުގެ ޔަޤީންކަން ޝާހިދު ވަނީ ދެއްވާފައެވެ.
ރާއްޖެ އާއި އިންޑިއާގެ ރައްޔިތުންނަށް ވިސާގެ ފަސޭހަތައް ހޯދައިދިނުމަށް އާ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މި މަހުގެ 17 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އެކަމަށް ހައްލު ލިބިގެންދާނެ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު ޝާހިދު ވިދާޅުވެފައި ވަނީ ރާއްޖެ އާއި އިންޑިއާއިން ފާއިތުވެދިޔަ އަހަރުތަކުގައި އުނދަގޫ ދުވަސްތަކެއް ތަހައްމަލުކޮށްފައިވާ ކަމަށާއި އެކަންކަން ރަނގަޅުކޮށް ދެ ގައުމުގެ ވިސާގެ ކަންކަން ހަރުދަނާކޮށް ކުރިއަށް އޮތް ދުވަސްތަކުގައި ދެ ގައުމުގެ ރައްޔިތުންނަށް ލުއި ގޮތްތަކެއް ލިބިގެންދާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށެވެ.
India in visa ge bodethi luithakeh Dhivehinnah libey ebbasvumeh gai Raees @ibusolih ge India dhathurufulhugai soi kureveyne! #PresidentSolihVisitsIndia
— Abdulla Shahid (@abdulla_shahid) December 14, 2018
ރާއްޖެ އާއި އިންޑިއާއާ ދެމެދު އާ ވިސާ އެގްރިމެންޓެއް ރާއީސް ސޯލިހުގެ އިންޑިއާ ދަތުރުފުޅުގައި ސޮއި ކުރެވިގެންދާއިރު އެކަމުގެ ފަސޭހަތައް އިންޑިއާގައި ދިރިއުޅެމުންގެންދާ ދިވެހިންނަށާއި ކިޔަވާ ކުދިންގެ އިތުރުން ބޭސްފަރުވާއަށް ދާ ފަރާތްތަކަށް ފަސޭހަތައް ވެގެންދާނެ ކަމަށް ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވެފައި ވަނީ ރާއްޖެ އާއި އިންޑިއާގެ ގުޅުން ހީނަރުވި ނަމަވެސް މިސަރުކާރުން އެންމެ އިސްކަމެއް ދޭނީ ރާއްޖޭގެ އަވައްޓެރި ގައުމުތަކާއިއެކު ގުޅުން ބަދަހި ކުރުމަށް ކަމަށެވެ. އަދި އިންޑިއާއާއި ރާއްޖެ އާއި ދެމެދު އުފެދިފައިވާ އަޑިގުދަންތަކުން އަރައިގަނެ އެކުވެރި ކަމާއި ސުލްހަވެރިކަމާއެކު ކަންކަން ރަނގަޅުކުރުމުގެ އުންމީދު އެބައޮތްކަމަށާއި ރާއްޖެ އިންޑިއާގެ ވިސާގެ ކަންކަން މިހާރަށްވުރެ ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
A new visa agreement between Maldives and India will be signed during the upcoming State visit of President Solih. It will ease the current difficulties faced by parents and guardians of Maldivian students studying in India and Maldivians who travel to India for medical treatment
— Abdulla Shahid (@abdulla_shahid) November 27, 2018
އިތުބާރުހުރި މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ވިސާގެ އެއްބަސްވުމުގައި، ދިވެހިންގެ ގިނަ ކަންބޮޑުވުންތަކަށް ހެއްލެއް ގެނައުމަށް ދާދިފަހުން މާލޭގައި ބޭއްވި ކޮންސިއުލަރ ޓޯކްސްގައި މަޝްވަރާކުރެވި، ދެފަރާތަށް އެއްބަސްވުމަކަށް ވަނީ އާދެވިފައެވެ.
ރާއްޖެ އިންޑިއާއަށްއަށް ދިމާވެފައިވާ ވިސާގެ މައްސަލަތައް ހައްލު ލިބުމަކީ އިންޑިއާގައި ކިޔަވަމުންދާ ކުދިންނަށާއި ބޭސްފަރުވާގެ ކަންތައްތަކަށް ގޮސްއުޅޭ ދިވެހިންނަށް އުއްމީދު ގެނުވާނެ ކަމެކެވެ. އަދި ރައީސް ސޯލިހުގެ ސަރުކާރާ މެދު ދިވެހިންނަށް ކުރެވޭ އުއްމީދު އާ ވެގެންދާނެ ކަމެކެވެ.