އަފްޣާނިސްތާނުގައި އެހީފޯރުކޮށް ދިނުމުގައި ހަރާކަތްތެރިވާ މީހުންގެ ތެރެއަށް ބަޑި ޖަހާ ހަ މީހަކު މަރާލުމާ ގުޅިގެން އެޤައުމުގައި އެހީ ދިނުމުގެ މަސައްކަތުގައި އުޅޭ ދަ އިންޓަރނޭޝަނަލް ކޮމެޓީ އޮފް ދަ ރެޑް ކްރެސެންޓް (އައިސީއާރުސީ)ގެ މަސައްކަތް ވަގުތީ ގޮތުން ބުރާސްފަތި ދުވަހު ހުއްޓާލައިފިއެވެ.
އެމީހުންނަކީ ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އަފްޣާންގެ އުތުރު ސަރަހައްދުގައި ތިބި ބަޔަކަށް އެހީތެރިވަމުން ދިޔަ ބައެކެވެ.
އެހީ ފޯރުކޮށްދޭ ރެޑް ކޮރެސެންޓުން މަސައްކަތް ހުއްޓާލީ ބުދަ ދުވަހު ބަޑި ހިފައިގެން ހުރި މީހަކު ބަޑި ޖެހުމުގެ ސަބަބުން އޭގެތެރެއިން ހަ މީހަކު މަރުވެ ދެމީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާތީއެވެ. އެމީހުން ހޯދުމުގެ މަސައްކަތް ކުރިނަމަވެސް އަދިވެސް އެދެމީހުންގެ ޚަބަރެއް ވެފައެއް ނުވެއެވެ.
އައިސީއާރުސީގެ ވެރިޔާ ބުނެފައިވާ ގޮތުގައި އެ ހަމަލާއަކީ މީގެ 20 އަހަރު ފަހުން ހިނގި އެފަދަ އެންމެ ނުރައްކާތެރި ހާދިސާ ކަމަށެވެ. އަދި އެއީ ކޮންބަޔަކު ކުރިކަމެއްކަން އަދި އެނގިފައި ނުވާކަމަށެވެ.
އައިސީއާރުސީން ބުނީ މަދުވެގެން ހަފްތާއެއް ވަންދެން އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ނުގެންގޮސް މަޑުޖައްސާލާނެ ކަމަށެވެ.
މިހަމަލާއާ ގުޅިގެން ތޯލިބާނުންގެ ތަރުޖަމާން ޒަބީއުއްﷲ މުޖާޖިދު ބުނެފައިވަނީ އެޖަމާއަތުގެ ދައުރެއް އެހަމަލާގައި ނުވާ ކަމަށެވެ.
ޖޮވްޒްޖާން ޕްރޮވިންސްގެ ގަވަރނަރ ލޮތުފުﷲ އަޒީޒީ ވިދާޅުވީ އެހަމަލާ ދިން ކަމަށް ތުހުމަތު ކުރެވެނީ އައިސިސްއަށް ކަމަށެވެ.
ޖޮވްޒާން ޕޮލިސް ޗީފް ރަހުމަތުﷲ ޓަރކިސްތާނީ ވިދާޅުވީ މަރުވި އައިސީއާރުސީ މީހުންގެ ހަށިތައް މިހާރު ޕްރޮވިންޝަލް ކެޕިޓަލްއަށް ގެންދެވިފައިވާ ކަމަށެވެ.