ކ. މާލެ
|
13 ޑިސެންބަރ 2018 | ބުރާސްފަތި 23:11
ޔުނައިޓެޑަށް ކުޅެމުން އަންނަ ޕައުލް ޕޮގްބާ
ޔުނައިޓެޑަށް ކުޅެމުން އަންނަ ޕައުލް ޕޮގްބާ
ޓްވިޓަރ
ޕައުލް ޕޮގްބާ
ޔުވަންޓަސް އިން ޕޮގްބާ އަށް 80 މިލިއަން ޔޫރޯ ހުށަހަޅަނީ!
ޕޮގްބާގެ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރު

ޔުވަންޓަސް އިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕައުލް ޕޮގްބާ އަށް 80 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޓުޓޯ ސްޕޯޓްސް އިން ބުނީ ޕޮގްބާ އަށް ޔުވަންޓަސް އިން ޝައުގުވެރިވާ ކަމަށާއި، ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާ އަށް އަމާޒުކޮށް އޭނާ ހޯދަން ޔުވަންޓަސް އިން 80 މިލިއަން ޔޫރޯ ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

ޕޮގްބާ ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޔުވަންޓަސްގެ އިތުރުން އިންޓަމިލާންވެސް ހިމެނެއެވެ.

ޔުނައިޓެޑާ އެކު ޕޮގްބާ ހާދާފައިވާ އެއްބަސްވުން 2021 ވަނަ އަހަރު ހަމަވާ އިރު، އޭނާ އަށް މިހާރު ލިބެނީ ހަފްތާއަކު 290،000 ޕައުންޑެވެ.

އެހެން ނަމަވެސް އެ މުސާރަ 400،000 ޕައުންޑަށް އިތުރު ކުރުމަށް ޕޮގްބާ ބޭނުންވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އެގޮތުން ޕޮގްބާ ކިޔާ މުސާރަ ބޮޑުވުމުން ޔުނައިޓެޑާއެކު ޕޮގްބާ ހަދާފައިވާ އެއްބަސްވުން އާކުރަން ޔުނައިޓެޑުން އަންނަނީ ދެކޮޅު ހަދަމުން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ޔުނައިޓެޑުން 2010 ވަނަ އަހަރު ކެރިޔަރު ފެށި އުމުރުން 25 އަހަރުގެ ޕޮގްބާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 108 މެޗުގައި 20 ލަނޑު ކާމިޔާބުކޮށްފަ އެވެ. އޭނާ ވަނީ އެޓީމާއެކު ލީގް ކަޕް އަދި ޔޫރޮޕާ ލީގު ވެސް ކާމިޔާބުކޮށްފަ އެވެ.

ޕޮގްބާ ވަނީ ޔުވަންޓަސް އަށް ވެސް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. އޭނާ ވަނީ އެޓީމަށް ކުޅުނު 178 މެޗުގައި 34 ލަނޑު ކާމިޔާބުކުރުމުގެ އިތުރުން، އެ ޓީމާއެކު އިޓާލިއަން ލީގު ހަތަރު ފަހަރު، ކޮޕާ އިޓާލިއާ ދެ ފަހަރު އަދި އިޓާލިއަން ސުޕާކަޕް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ.

ފްރާންސާ އެކު 2013 ވަނަ އަހަރު 20 އަހަރުން ދަށުގެ ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ ޕޮގްބާ ވަނީ ސީނިއާ ޓީމުގައި ހިމެނި 64 މެޗު ކުޅެ 10 ލަނޑު ކާމިޔާބުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް