ގައުމީ ފިރިހެން ވޮލީ ޓީމްގެ ފަރިތަކުރުންތަށް މިއަންނަ ހަފްތާގެ ތެރޭގައި ފެށޭވަރުވާނެ ކަމަށް ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފި އެވެ.
ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ މިއަންނަ މަހުގައި ފެށުމަށް ހަމަޖެހިފައިވާ އެފްއައިވީބީ ވޯލްޑް މެންސް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފިކޭޝަން މުބާރާތަކީ މިހާރު ރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ޓީމް އެންމެ އިސްކަންދޭ މުބާރާތް ކަމަށެވެ.
މިއަންނަ މަހުގައި ފެށުމަށް ހަމަޖެހިފައިވާ ސެންޓަރަލް ޒޯން ކޮލިފިކޭޝަން މުބާރާތަކީ ރާއްޖެއާ ރަހުމަތްތެރި މުބާރާތަކަށްވާ އިރު ކޮންމެ ފަހަރަކުވެސް ރާއްޖެއިން މިމުބާރާތާ ކުރިމަތިލަނީ ރަން މެޑައްޔެއް ހޯދުމުގެ އަޒުމުގަ އެވެ. އެގޮތުން މިފަހަރުގެ މުބާރާތް އަމިއްލަ ގައުމުގައި ކުރިއަށްދާތީ ރަން މެޑައްށް ކުރެވޭ އުއްމީދު ކުރިއަށް ވުރެއް ބޮޑެވެ.
ވީއޭއެމުން ބުނީ މި މުބާރާތުގެ ކުރިން ގައުމީ ޓީމް ކޭމްޕް ކުރުމަށް ވިސްނަމުންދާ ކަމަށާ އަދި ގައުމީ ޓީމްގެ ކޯޗާ ގުޅިގެން ކޭމްޕްގެ ކަންތަށްތަކާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.
އެފްއައިވީބީ ވޯލްޑް މެންސް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފިކޭޝަން މުބާރާތް ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވަނީ މިދިޔަ އަހަރު ރާއްޖޭގައި ބޭއްވުނު ސެންޓަރަލް ޒޯންގެ ބައްދަލުވުމުގަ އެވެ.