ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިހާރު ކުޅެވެމުންދާ އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު މޮޅުވެއްޖެ އެވެ.
މާފަންނު ސްޓޭޑިއަމްގެ އެއް ނަމްބަރު ޓާފް ދަނޑުގައި ކުޅުނު މި މެޗު ނިއުއިން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.
ދެޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެންގޮސްފައި ނުވާއިރު، ދެޓީމުން ވެސް ލަނޑުޖެހުމަށް ފުރުސަތުތައް ތަނަވަސް ކޮށްފަ އެވެ.
މެޗުގައި ފުރަތަމަ ލަނޑެއްޖަހައި ލީޑު ނެގީ ނިއު އިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ސުހައިލް (ބަމްޕުޗް) އެވެ. މި ލަނޑަށްފަހު ރަނގަޅަށް ކުޅެމުންދިޔަ ނިއުއަށް އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސްޕެއިންގެ ފޯވާޑް އެޑްރިއަން ގަލާޑޯ ވަލްޑެސް އެވެ.
ނިއުއިން ދެ ލަނޑުގެ ލީޑަކާއެކު މެޗު ޑޮމިނޭޓް ކުރަމުންދަނިކޮށް ވިކްޓްރީން ވަނީ އެޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކެރިކް އަންދްރޭ އެވެ.
އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެކި ޓީމުތައް އެކުވެރިކަމުގެ މެޗުތައް ކުޅެމުންދާ އިރު، ނިއު ވަނީ މިހާތަނަށް ހަތަރު މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން ދެ މެޗުން މޮޅުވި އިރު އެއް މެޗުން އެއްވަރުވެ އަނެއް މެޗުން ވަނީ ބަލިވެފަ އެވެ. އަދި ވިކްޓްރީ ވަނީ މިދިޔަ ހަފްތާގައި މާޒިޔާއާ ވާދަކުރި މެޗުން 0-1 ގެ ނަތީޖާއަކުން ބަލިވެފަ އެވެ.