ކ. މާލެ
|
12 ޑިސެންބަރ 2018 | ބުދަ 18:19
ޝަހީބަށް
ޝަހީބަށް
ރައީސް އޮފީސް
މަގޭ ރިޕޯޓް
ނޫސްވެރިކަމަށް އެންމެ ބޮޑު ފުރައްސާރަކުރި، ޝަހީބަށްވެސް އެވޯޑެއް: ލަދުވެތި މަންޒަރެއް!
ރައީސް މައުމޫނަށް އެވޯޑް އެރުވުނުއިރު، ރައީސް ނަޝީދުގެ މަސައްކަތުގެ އަގު ވަޒަނެއް ނުކުރި

ނިމިގެންދިޔަ ފަސް ވަރަކަށް އަހަރަކީ ދިވެހި ނޫސްވެރިކަމަށް އެންމެ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުނު، އެންމެ އަނދިރި ދުވަސްތަކޭ ބުނުމުން އެކަމާއި ދެބަސްވާނެ މީހަކު ނުހުންނާނެ އެވެ. އެ ފަސް އަހަރަކީ ނޫސްވެރިިން ޖަލަށް ލައި، ނޫސްވެރިންގެ މައްޗަށް ހުކުމްތައް އިއްވައި، ނޫސްވެރިންގެ ގައިގަ ތަޅާ އަނިޔާކުރި ފަސް އަހަރެވެ. ލިޔާ ލިޔުމަކުން، ދައްކާ ވާހަކައަކުންވެސް ޖަލަށްދާން ޖެހުނު ކަމުގެ ބިރުވެރި މާހައުލެއްގައި ނޫސްވެރިން މަސައްކަތްކުރަން ޖެހުނު ފަސް އަހަރު އެވެ. ނޫސްވެރިޔަކު ގެއްލުވާލައި، ލިޔުންތެރިޔަކު ކޮށާ ކުދިކޮށްލި ފަސް އަހަރެވެ.

މިގޮތަށްގޮސް ކިތަންމެ ކިތަންމެ ވާހަކައެއް ދެއްކިދާނެ އެވެ. ގެނެސްދިން ޕްރޮގްރާމަކާއި ގުޅިިގެންނާއި، ޕްރޮގްރާމެއްގައި ދެއްކި ވާހަކައަކާއި ގުޅިގެން އަމިއްލަ ޓީވީތައް އެތައް މިލިއަނަކުން ޖޫރިމަނާކޮށް ނެތިކޮށްލުމަށް މަސައްކަތްކުރީވެސް ނިމުނު ފަސް އަހަރުގެ ތެރޭގައެވެ. 

ނިމިގެންދިޔަ ހުުދުމުހުތާރު އަނިޔާވެރި ވެރިކަމަށް، އެ ހުރިހާ ކަމަކަށް މަގު ފަހިކޮށްދީ، ނޫސްވެރިކަން މަރާލުމަށް ފުރުސަތު ދިން ބަޔަކުވެސް އެބަތިއްބެވެ. މިނިވަން މުއައްސަސާތަކުގެ ނަމުގައި ޓެގް އަޅުވައި، މަގާމުގެ ދަހިވެތިކަމުގައި މަސައްކަތްކުރި އެ މީހުން ކުރިހާވެސް ކަމަކީ، އަނިޔާވެރި ނިންމުންތައް ނިންމުމާއި، ހިލާފު ފާޅުކުރުމުގެ މިނިވަންކަމާއި، ބަސްބުނުމުގެ މިނިވަންކަން ނެތިކުރުމުގެ މަސައްކަތްތަކެވެ.

އޭގެތެރެއިން އެއް ބޭފުޅަކީ ބްރޯޑްކާސްޓަރުންްގެ ހައްޤުތައް ހިމާޔަތްކޮށްދީ، ބްރޯޑްކާސްޓަރުން ކުރިއެރުވުމުގެ ޤާނޫނީ ޒިންމާ މަތިކޮށްފައި ހުންނެވި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) ގެ ރައީސްގެ މަޤާމުގައި ހުންނެވި މުހައްމަދު ޝަހީބެވެ. ނޫސްވެރިންނަށް އެތައް އަނިޔާތަކެއް ލިބި، ނޫސްވެރިކަމުގެ ވެށި އެއްކޮށް ކިލަނބު ވެގެންދިޔައިރު، ނޫސްވެރިންގެ ހައްޤުގައި އެއްޗެއް ވިދާޅުނުވެ ހުންނަވާ، ކުރެއްވިހާ މަސައްކަތަކީ ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ކުރެއްވި މަސައްކަތޭ ބުނުމުން އެއީ ދޮގަކަށް ނުވާނެ އެވެ. 

ޓީވީ ސްޓޭޝަންތައް އެތައް މިލިއަނަކުން ޖޫރިމަނާކޮށް، ޓީވީ ސްޓޭޝަންތައް ބަންދުކޮށް، ނެތިކޮށްލުމަށް ހުދުމުޚުތާރު ސަރުކާރަށް ވާގިވެރިވެ، ހުރިހާ ނިންމުމެއް ނިންމިއިރު، ރިޔާސަތުގައި އިންނަވާ ހުރިހާކަމަކަށް ފުރުސަތު ދެއްވި ބޭފުޅަކީ އެއީ އެވެ. މިއީ މިއަދު ކޮންމެ ރައްޔިތަކަށް އިވި ބާވެފައިވާ ވާހަކަތަކަކަށްވާއިރު، އަންގާރަ ދުވަހުގެރޭ، ނޫސްވެރިކަމުގެ އަލިމަސް ޔޫބިލް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުން ފެނިގެންދިޔައީ ހައިރާންކުރުވަނިވި އަދި އެހާމެ ލަދުވެތި މަންޒަރެކެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަތްޕުޅުން ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ޝަހީބަށް އެރުވި މަންޒަރު އެވެ. ޝަހީބު ކުރެއްވި މަސައްކަތްތައް ފާހަގަކޮށް، ޝަހީބަށް ހިތްވަރު ދިނުމުގެ އެވޯޑެއް އެރުވި މަންޒަރު އެވެ. 

މޯލްޑިވްސް މީޑިއާ ކައުންސިލާއި ހޯމް މިނިސްޓްރީ ގުޅިގެން ބޭއްވި އެ ރަސްމިއްޔާތުގައި ޝަހީބަށް ހާއްސަ އެ ވޯޑެއް އެރުވުމަކީ ނޫސްވެރިކަމަށްކުރި ހުތުރު މަލާމާތަކަށް ނޫނީ ނުވާނެ އެވެ. ތެދެކެވެ. އެއް އިރެއްގައި ޝަހީބުވެސް ލިޔުންތައް، ލިޔުއްވައި، ނޫސްވެރިކަންވެސް ކުރެއްވި އެވެ. ނަމަވެސް ނޫސްވެރިކަމަށް ކޮށްދެވި ހިދުމަތަށްވުރެ ބޮޑީ، ނޫސްވެރިކަމަށް ކުރެއްވި ފުރައްސާރަައާއި، ކުރިމަތިކުރުވި ގޮންޖެހުންތަކެވެ. ނޫސްވެރިކަން ނެތިކޮށްލުމަށް ހިންގި ހަޑިމުޑުދާރު އަމަލުތަކެވެ. 

ޝަހީބަށް ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ނުވަތަ ހާއްސަ އެވޯޑް ހައްޤުނަމަ، މި ޤައުމުގައި އެންމެ ބޮޑެތި ކޮރަޕްޝަން ހިންގި ފަރާތްތަކާއި، އެންމެ އަނިޔާވެރި ހުދުމުތާރު ވެރިކަން ކުރެއްވި ބޭފުޅުންނަށްވެސް އެވޯޑްތައް ހައްޤުވާނެ އެވެ. ސަބަބަކީ އެ ބޭފުޅުންނަކީވެސް އެ ބޭފުޅުން ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ކޮންމެވެސް ހިދުމަތެއް ކުރައްވާފައި ތިއްބެވި ބޭފުޅުން ކަމަށްވާތީ އެވެ. 

ހަމައެކަނި ޝަހީބާއި ހިސާބުން މި އެވޯޑް ހަފްލާ ނިންމާލެވޭކަށްވެސް ނެތެވެ. ދިވެހިރާއްޖެއަށް މިނިވަން ނޫސްވެރިކަމުގެ ވެއްޓެއް ހޯދައިދެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި މަސައްކަތާއި، ނޫސްވެރިކަމުގައި އެ މަނިކުފާނު އެތަށް އަހަރެއްގައި ޖަލުގައި ހޭދަކޮށް ކުރެއްވި މަސައްކަތުގެވެސް އެއްވެސް އަގެއް ނެތެވެ. ބަދަލުގައި ނޫސްވެރިކަމުގެ ހާއްސަ އެވޯޑް ލިބިވަޑައިގެންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށެވެ. އެ ދުވަހު، ނޫސްވެރިކަން ކުރެއްވުމުގައި ސަބަބުން ރައީސް ނަޝީދު ޖަލަށްލެވުނީ ރައީސް މައުމޫންގެ ވެރިކަމުގައެވެ.

ކޮންމެއަކަސް އެ އެވޯޑްް ހަފްލާއިން ރައްޔިތުންނަށް ދިނީ ވަރަށް ހުތުރު މެސެޖެކެވެ. އަނިޔާވެރިވެ، ބޭއިންސާފުން ކަންކަން ކުރުމަކީ އެެކަމުގެ ޝަރަފުގައި އެވޯޑް އެރުވޭނެ ކަމެއްކަމެވެ. ބޭއިންސާފާއި، އަނިޔާވެރިކަމުގެ ކުރިމަތީގައި ރައްޔިތުންނަށް އިންސާފު އެހާ އަވަހަށް ލިބެން ނެތްކަމެވެ. 

- ކޮމެންޓް
14 ޑިސެންބަރ 2018 | ހުކުރު 17:11
އަހަރެން
ރާއްޖޭގައި އަބަދުވެސް ނޫސްވެރިކަމުގެ ޚިދުމަތުގެ ނަމުގައި ދެވޭ ޝަރަފަކީ ސަރުކާރުންދޭ ހަދިޔާއެއް. ޚިދުމަތްތެރިން ތިބެނީ އެއްފަރާތްކޮށްފަ. ބޭނުންވާ ވަކި ފަރާތްތަކަކަށް ދޭ އެއްޗެއް އެއީ. ނޫސްވރިކަމުގެ ރިހި ޔޫބީލް ފާހަގަކުރިއިރު ނޫސްވެރިކަމަށް 50 އަހަރު ވެގެން ޝަރަފުލިބުނު މީހުންގެ ތެރެއިން ގިނަބަޔަކު ބާކީކޮށްފަވޭ. ޝަހީބުމެންނަކީ ރާއްޖޭގެ ނޫސްވރިކަން ކިލަނބުކޮށް ނޫސްވރިކަން ހަލާކުކުރި މީހުން. އެމީހުންދޭ އެއްޗެއް އެމީހުންނަށް ނުލިބޭގޮތަށް އެހެންމީހަކަށް ނުދެވޭނެ ދެއްތޮ. ނޫސްވރިކަމުގެ ޝަރަފު ދޭންޖެހޭ އެތައްބަޔަކު ބާކީކޮށްގެން ބޭއްވި ހަފުލާއެް އެއީ. ލަދުވެތިކަމުގެ ކޮޅެއް ނެތް. ހެޔޮވެރިކަމެއް ކުރަން އައި ސަރުކާރަކުން ނޫސްވރިކަމުގައި މިފަދަ އިހުމާލެއް ވުން އެއީ ޤަބޫލުކުރެވޭނެކަމެއްނޫން.
12 ޑިސެންބަރ 2018 | ބުދަ 13:55
ޢަލީ
ވެރިކަން ލިބުމުން ގިނަފަހަރަށް މާޒީ ހަނދާންނެތި އެއަށްދަހިވެތިވެ ގޯސްހެދޭ ތަން މިއަދު މި ފެންނަނީ..
12 ޑިސެންބަރ 2018 | ބުދަ 13:51
ޖިލް
ކީއްކުރަން ތިވާހަކަ ދައްކަނީ؟ ރާއްޖޭގައި ދޭ އެވޯޑަކީ މަލާމާތެއް އަދި ޖޯކެއް ގިނަމީހުން ދެކޭގޮތުގައި