ކ. މާލެ
|
12 ޑިސެންބަރ 2018 | ބުދަ 18:16
ބާސާ އަށް ކުޅެމުން އަންނަ އިވާން ރަކިޓިޗް
ބާސާ އަށް ކުޅެމުން އަންނަ އިވާން ރަކިޓިޗް
ގެޓީ އިމޭޖަސް
އިވާން ރަކިޓިޗް
ރަކިޓިޗްގެ ޓްރާންސްފާއާ ގުޅޭގޮތުން ދެކެވޭ ވާހަކަތައް ބާސާ އިން ދޮގުކޮށްފި
ރަކިޓިޗްގެ އެއްބަސްވުން ހަމަވާނީ 2021 ގައި

ބާސެލޯނާ އަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފިލްޑަރު އިވާން ރަކިޓިޗްގެ ޓްރާންސްފާއާ ބެހޭގޮތުން ދެކެވެމުން އަންނަ ވާހަކަތައް އެ ކްލަބުން ދޮގުކޮށްފިއެވެ.

ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ރަކިޓިޗް ބާސާ ދޫކޮށްލާނެ ކަމަށް ރިޕޯޓްތައް ބުނަމުން އަންނަ ދަނޑިވަޅެއްގައި ބާސާއާ ހަވާލާދީ ސްޕެއިންގެ ނޫހެއް ކަމަށްވާ މުންޑޯ ޑިޕޯޓިވޯ އިން ބުނީ، ރަކިޓިޗްގެ ޓްރާންސްފާއާ ގުޅޭގޮތުން މިހާރު ފެތުރެމުން އަންނަ ވާހަކަ އަކީ ހަގީގަތެއް ނޫން ކަމަށާއި، އޭނާއާއެކު ބާސާ އިން ހަދާފައިވާ އެއްބަސްވުމެއް އެބަ އޮތް ކަމަށެވެ.

ރަކިޓިޗް އަށް ގިނަ ކްލަބްތަކުން އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި އޭނާ ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އެވެ.

ބާސާއާއެކު އުމުރުން 30 އަހަރުގެ ރަކިޓިޗް ހަދާފައިވާ އެއްބަސްވުން 2021 ގައި ހަމަވާއިރު، އޭނާގެ ރިލީޒް ފީ އަކީ 125 މިލިއަން ޔޫރޯއެވެ.

ބަސެލް އިން ސީނިއާ ކެރިޔަރު ފެށި ރަކިޓިޗް ވަނީ ޝާލްކޭ އާއި ސެވިއްޔާ އަށް ވެސް ކުޅެފައެވެ. އޭނާ ބާސާ އަށް ބަދަލުވީ 2014 ވަނަ އަހަރުގެ ސީޒަނުގައެވެ.

އެގޮތުން ރަކިޓިޗް ވަނީ މިހާތަނަށް ބާސާ އަށް ކުޅުނު 236 މެޗުގައި 33 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލަލީގާ ތިން ފަހަރު، ކޮޕަޑެލްރޭ ހަތަރު ފަހަރު، ސްޕެނިޝް ސުޕަ ކަޕް ދެފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު އެއްފަހަރު، ޔުއެފާ ސުޕަ ކަޕް އެއްފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް އެއްފަހަރު ކާމިޔާބުކޮށްފައެވެ.

ކްރޮއޭޝިއާ ގައުމީ ޓީމާއެކު މި އަހަރު ނިމުނު ފީފާ ވޯލްޑް ކަޕްގެ ދެވަނަ ހޯދި ރަކިޓިޗް ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 100 މެޗުގައި 15 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް