އޭރު އެންމެ ގަދައަށް އަޑުއުފުލީ މަޖިލީހުގެ ނިޒާމު، އެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު ގަޑުބަޑުކޮށްލެއްވި ވާހަކައެވެ. ގަވާއިދެއް ގާނޫނެއް ދުސްތޫރެއް ބެލުމެއް ނެތި ހިތުހުރި ގޮތަކަށް އަމަލު ކުރާ ވާހަކައެވެ. މަޝްވަރާ ކުރުމެއް ނެތި، މަޖިލީހުގެ އާންމު އުސޫލު ގެއްލުވާލި ވާހަކައެވެ. ސަރުކާރުން ރަބަރު ތަތްގަނޑަކަށް މަޖިލިސް ހެދި ވާހަކައަކީ އޭރުގެ އިދިކޮޅުގައި ތިބެގެން ގުޅިފައިވާ ޕާޓީތަކުން އެންމެ ބޮޑަށް ދެއްކި ވާހަކައެވެ.
އެ ވާހަކަތަކުން ރެކެން ވެގެން، މަޖިލީހުގެ ގަވާއިދު ވެސް ހިތުހުރި ގޮތަކަށް އަމަލު ކުރެވޭ ގޮތަށް ޕީޕީއެމުން އޭރު ވަނީ ބަދަލުކޮށްފައެވެ. އެ ގަވާއިދު އަދިވެސް އޮތީ ބިލުގެ މަރުހަލާތައް ފުރިހަމަ ނުކޮށް، މެމްބަރުންނަށް ބިލު ކިޔާލަން ވަގުތު ވެސް ނުދީ ބިލެއް މަޖިލީހަށް ބަލައިގަނެވޭ ގޮތަށެވެ. ބަހުސް ކުރަން ވެސް ފުރުސަތު ނުދީ ވެސް އެކަން ކުރެވޭ ގޮތަށެވެ. މަޖިލީހުގެ ރިޔާސަތުގައި ކުރިން އިންނެވި މަސީހުގެ މުށުތެރެއަށް ހެޔޮވަރުކޮށްފައިވާ އެ ގަވާއިދަށް ބަދަލުތަކެއް ނުގެނެސް، މަޖިލީހުގެ މިހާރުގެ ރައީސް ގާސިމް އިބްރާހިމް ދަނީ އެ ގަވާއިދަށް އަމަލު ކުރައްވަމުންނެވެ.
ބިލެއް މަޖިލީހަށް ވެއްދުމާ އެކު ފުރިހަމަ ކުރަންޖެހޭ ތިން މަރުހަލާ ގާސިމް އަވަސް އަރުވާލައިގެން މަޖިލީހުގައި ކުރިއަށް ގެންދާތީ، އެކަމުގެ ކަންބޮޑުވުން ސަރުކާރަށް ތާއިދު ކުރާ މެމްބަރުން ވެސް ގެންދަވަނީ ފާޅު ކުރައްވަމުންނެވެ.
އެ އުދާސްތައް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މެންދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް މަޖިލީހަށް ބަންޑުންކޮށްލައްވާފައެވެ.
"ކޮންމެ ވެސް ކަހަލަ ތަރުތީބަކުން ރަނގަޅު އުސޫލަކުން ރައްޔިތުންގެ މަޖިލީހުގެ ހަގީގީ އަސްލު ގަވާއިދާ އެއްގޮތަށް ކަންކަން ކުރުން. މަސީހުގެ ގަވާއިދަށް ކަންކަން ދިއުމެއް ނޫން،" ގާސިމް އިބްރާހިމަށް ރައްދު ކުރައްވައި މިދިޔަ މަހުގެ 27 ވަނަ ދުވަހު އީވާ މަޖިލީހުގައި ވިދާޅުވިއެވެ.
އެ ކަންބޮޑުވުން ފުރަތަމަ މަޖިލީހުގެ ތަޅުމުގައި ގާސިމަށް އަމާޒުވީ އެމަނިކުފާނަށް ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް އޮތް އޮތުން، ނިމުމަކަށް ގެންނެވުމަށް ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހަށް ގާސިމް ހެއްދެވި ގޮތުންނެވެ. ބިލުގެ މަރުހަލާތައް ފުރިހަމަ ނުކޮށް އަވަސް އަރުވާލައިގެން ތަޅުމުން ފާސްކުރަން އުޅުމުންނެވެ. އެއީ އެމަނިކުފާނާ ގުޅުންހުރި ބިލަކަށް ވީތީ، ގާސިމް އެ ދުވަހު އަމަލު ކުރެއްވި ގޮތް ކަމަށް ބައެއް މެމްބަރުން ބުނެއެވެ.
ނަމަވެސް ސަރުކާރުން ހޯމަ ދުވަހު މަޖިލީހަށް ހުށަހެޅި 6 ބިލަށް ވެސް ވެގެންދިޔައީ އެކަހަލަ ގޮތެކެވެ. މެމްބަރުންނަށް ކިޔާލަން ވެސް ވަގުތު ނުދީ، ތަޅުމަށް ބަހުސަށް ހުޅުވާލީއެވެ. އެކަން އެގޮތަށް ކުރީ ބަހުސް ހުޅުވާލުމުގެ ކުރިން ނެގި ވޯޓުގައި 25 މެމްބަރުން އެކަން އެގޮތަށް ކުރިއަށް ގެންދިއުމަށް ވޯޓު ދެއްވުމުންނެވެ. ވަރިހަމަ ކުރުމުންނެވެ.
ގާސިމް ނިސްބަތްވެވަޑައިގަންނަވާ ޕާޓީން މައިނޯރިޓީ ޕާޓީގެ މަގާމު ވެސް ހޯދާފައިވާ ދަނޑިވަޅެއްގައި މަސީހު ހިންގާފައިވާ ގޯސްތައް ރަނގަޅު ނުކޮށް ގާސިމް އެ ވަޑައިގަންނަވަނީ ކުރިއަށެވެ. ކިޔާ އެއްޗަކަށް ފަރުވާލެއް ނުބަހައްޓަވައެވެ.
އެކަމާ ގުޅޭ ގޮތުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަލީ އާރިފު ވަނީ ފާޑުވިދާޅުވެފައެވެ.
"އެކްސްޕްރެސް ސާވިސްއަކީ [އަވަހަށް ބިލު ފާސްކުރުން] އިއްޔެ ގޯސްވެއްޖެ ކަމެއް ވެއްޖެއްޔާ، މިއަދު ވެސް ގޯސްވާންވާނެ. އަޅުގަނޑުމެންނަށް އިއްޔެ ކަމެއް ގޯސްވަންޏާ މިއަދުވެސް އެކަން ގޯސްވާންވާނެ،" ސަރުކާރުން ހުށަހެޅި ބިލުތައް އަވަސް އަރުވާލައިގެން ފާސްކުރަން އުޅޭތީ ހޯމަ ދުވަހުގެ ޖަލްސާގައި އާރިފު ވިދާޅުވިއެވެ.
މަޝްވަރާތަކާއި ބަހުސްތަކާއި ހިޔާލުތަކަށް ފުރުސަތު ނުލިބޭ ގޮތަށް ހަދާފައިވާ ގަވާއިދު ގުޅިފައިވާ ޕާޓީތަކުން ބަދަލު ކުރަންޖެހެއެވެ. ބަޔަކު ގޯސްކޮށް ކަމެއް ކުރީތީ، ދެން އަންނަ ބަޔަކު އެގޮތަށް އަމަލު ކުރުމަކީ މާ ބޮޑު ގޯހެވެ. ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ އެ ގޯސްތައް ރަނގަޅު ކުރާށެވެ. އެމަނިކުފާނުގެ އަބަދުވެސް އިސްކުރެއްވީ މަޑުމައިތިރިކަމާއެކު ކަންކަން ހައްލު ހޯދުމެެވެ. ސަރުކާރުން އެކަންކަމަށް ވަރިހަމަކޮށްގެން ނުވާނެއެވެ.