މިހާތަނަށް 24 ގަޑިއިރު ތެރޭ އެންމެ ގިނަ ވިއުޒް ލިބުނު ފިލްމު ޓްރެއިލަރގެ ރިކޯޑް "އެވެންޖަރސް: އެންޑްގޭމް" އިން މުގުރާލައިފިއެވެ.
މިއީ މާވެލްއާއި ޑިޒްނީގެ އެވެންޖަރސް ސީރީޒްގެ ހަތަރުވަނަ ފިލްމަށް ވާއިރު، ހުކުރު ދުވަހު ރިލީޒްކޮށްފައިވާ "އެވެންޖަރސް: އެންޑްގޭމް"ގެ ޓްރެއިލަރއަށް 24 ގަޑިއިރު ތެރޭ 289 މިލިއަން ވިއުޒް ލިބިފައިވެއެވެ.
މި ފިލްމް ރިލީޒް ކުރަން ފުރަތަމަ ނިންމާފައިވަނީ 2019 ވަނަ އަހަރުގެ މޭ މަހުއެވެ. ނަމަވެސް ޓްރެއިލަރއާ އެކު ފެނިގެންދިޔައީ ރިލީޒް ޑޭޓް އަވަސްވެފައިވާ ތަނެވެ. މިހާރު "އެވެންޖަރސް: އެންޑްގޭމް" ރިލީޒް ކުރަން ހަމަޖެހިފައިވަނީ 26 އޭޕްރިލް 2019 ގައެވެ.
ޓްރެއިލަރއިން ރިކޯޑް މުގުރާފައިވާކަން ހާމަކުރަމުން މާވެލްއިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ "ފެށުނީއްސުރ ނިމެންދެން" މާވެލް ސްޓޫޑިއޯސްއާއެކު ތިބި "ދުނިޔޭގެ އެންމެ ގަދަ" ފޭނުންނަށް ޝުކުރު އަދާކޮށްފައެވެ.
230 މިލިއަން ވިއުޒްއާއެކު މީގެ ކުރިން މި ރިކޯޑް އޮތީ މީގެ އަހަރެއް ކުރިން ރިލީޒްކޮށްފައިވާ އެވެންޖަރޒްގެ ތިންވަނަ ފިލްމް "އިންފިނިޓީ ވޯރ" ޓްރެއިލަރ އަށެވެ.
224.6 މިލިއަން ވިއުޒްއާއެކު ތިންވަނައިގައި އޮތީ ނޮވެމްބަރު މަހު ރިލީޒްކޮށްފައިވާ ޑިޒްނީގެ "ލަޔަން ކިންގް"ގެ ޓީޒަރއެވެ.
މީގެ އިތުރުން، "އެވެންޖަރސް: އެންޑްގޭމް"އިން ވަނީ ޓްވިޓަރގެ ރިކޯޑްތައްވެސް މުގުރާލާފައެވެ.
އޭގެ ތެރޭގައި 24 ގަޑިއިރު ތެރޭ އެންމެ ގިނަ މެންޝަންސް ލިބުނު ފިލްމެއްގެ ޓެރެއިލަރ އަކަށް މި ޓްރެއިލަރ ވަނީ ވެފައެވެ. އެއީ 546،000 މެންޝަންސްއާއެކުއެވެ. ކުރިން މި ރިކޯޑް އޮތީ، 389،000 މެންޝަންސްއާއެކު އަނެއްކާވެސް "އެވެންޖަރސް: އިންފިނިޓީ ވޯރ" އަށެވެ. އަދި ތިންވަނައިގައި އޮތީވެސް މާވެލްގެ ފިލްމެކެވެ. އެއީ 349،000 މެންޝަންސްއާއެކު "ބްލެކް ޕެންތަރ" އެވެ.
"އެވެންޖަރސް: އެންޑްގޭމް"ގެ ފުރަތަމަ ޓްރެއިލަރއިން ރިކޯޑްތައް މުގުރަމުންދާއިރު، މިއީ އެވެންޖަރސް ސީރީޒްގެ ފަހު ފިލްމްކަމަށް އަޑުތައްވަނީ ފެތުރިފައެވެ. އަދި މާވެލްގެ ޓްވީޓްގައި "ފެށުނީއްސުރެ ނިމެންދެން" ކަމަށް ބުނެފައިވުމުން މިއީ ހަގީގަތެއް ކަމަށް ބެލެވެއެވެ.
މި ފިލްމްގައި ބައެއް ސުޕަރހީރޯޒް މަރުވާނެކަމަށް އަޑު ފެތުރިފައިވާއިރު، މާވެލް ކޮމިކްސްއިން ފިލްމެއް ތައްޔާރުކުރި ފުރަތަމަ ސުޕަރހީރޯ، "އަޔަންމޭން" ނުތަވަ ޓޯނީ ސްޓާކް ދެން ނުފެންނާނެކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
"އެވެންޖަރސް: އެންޑްގޭމް"ގެ ޓްރެއިލަރއިންވެސް މިކަހަލަ އިޝާރާތެއްވަނީ ކޮށްފައެވެ. ނަމަވެސް މި ޓްރެއިލަރއިން ނަން ފިޔަވާ ފިލްމާ ގުޅޭ މާ ބައިވަރު އެއްޗެއް އެނގިގެނެއް ނުދެއެވެ.
"އެވެންޖަރސް: އެންޑްގޭމް" ފެށޭނީ "އިންފިނިޓީ ވޯރ" ނިމުނު ހިސާބުންނެވެ. އެ ފިލްމް ނިމުނު އިރު ތެނޯސްވަނީ އިންފިނިޓީ ގޯންޓްލެޓް ބޭނުންކޮށްގެން ދުނިޔޭގެ ދެބައި ކުޅަ އެއްބައި "ދުއްވާލާފަ"އެވެ. އޭގެ ތެރޭގައި ގިނަ ސުޕަރހީރޯއިންވެސް ހިމެނެއެވެ.
"އެވެންޖަރސް: އެންޑްގޭމް"ގައި އާ ސުޕަރހީރޯއިން ފެނިގެންދާނެކަމަށް ބެލެވެއެވެ. އޭގެ ތެރޭގައި "ކެޕްޓަން މާވެލް"ހިމެނެއެވެ.