ކ. މާލެ
|
9 ޑިސެންބަރ 2018 | އާދީއްތަ 18:05
މެސީ އާއި ޑެމްބެލޭ އުފާ ފާޅުކުރަނީ
މެސީ އާއި ޑެމްބެލޭ އުފާ ފާޅުކުރަނީ
ޓްވިޓަރ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ: ބާސާ އާއި އެޓްލެޓިކޯ އަށް މުހިންމު މޮޅެއް
އަލަވޭސްގެ މައްޗަށް އެޓްލެޓިކޯ ކުރިހޯދީ 0-3 ގެ ނަތީޖާއަކުން
އެސްޕަނިއޯލްގެ މައްޗަށް ބާސާ ކުރިހޯދީ 0-4 ގެ ނަތީޖާއަކުން

ސްޕެނިޝް ލަލީގާގައި ބާސެލޯނާ އާއި އެޓްލެޓިކޯ މެޑްރިޑް މުހިންމު މޮޅެއް ހޯދައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން އެސްޕަނިއޯލްއާ ވާދަކޮށް ބާސާ މޮޅުވީ 0-4 ގެ ނަތީޖާއަކުންނެވެ.

އެސްޕަނިއޯލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 17 ވަނަ މިނެޓުގައި ބާސާ އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހިލޭ ޖެހުމަކުން ލިއޮނެލް މެސީއެވެ.

މި ލަނޑަށްފަހުވެސް ރަނގަޅަށް ކުޅެމުން ދިޔައީ ބާސާ އިންނެވެ. އެގޮތުން 26 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ މެސީގެ އެހީތެރިކަމާއެކު އުސްމާނޭ ޑެމްބްލޭއެވެ.

ފުރަތަމަ ހާފްގެ އިތުރުވަގުތުގައި ބާސާގެ ތިންވަނަ ލަނޑު ޑެމްބެލޭގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ލުއިސް ސުއަރޭޒްއެވެ. މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 0-3 ގެ ނަތީޖާއިން އެސްޕަނިއޯލްގެ މައްޗަށް ބާސާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުންދިޔައީ ބާސާ އިންނެވެ. އެގޮތުން އެޓީމުން ދިޔައީ ފުލުފުލުގައި އެސްޕަނިއޯލްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާ އުފައްދަމުންނެވެ.

ބާސާގެ ހަތަރުވަނަ ލަނޑު 67 ވަނަ މިނެޓުގައި ކާމިޔާބުކުރީ މެސީއެވެ. މި ލަނޑަށްފަހުވެސް ބާސާ އަށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ބާސާ އޮތީ ކުޅުނު 15 މެޗުން ލިބުނު 31 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި އެސްޕަނިއޯލް އޮތީ ކުޅުނު 15 މެޗުން ލިބުނު 21 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ނުވަ ވަނައިގައެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން އެޓްލެޓިކޯ މޮޅުވީ ޑިޕޯޓިވޯ އަލަވޭސްއާ ވާދަކޮށް 0-3 ގެ ނަތީޖާއަކުންނެވެ.

އެޓްލެޓިކޯ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުން ދިޔައީ އެޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ އަލަވޭސްގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ހޯދާފައެވެ.

އެޓްލެޓިކޯ އިން މެޗުގެ ލީޑު ނެގީ 25 ވަނަ މިނެޓުގައެވެ. މި ލަނޑު އަރިއަސްގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ ކަލިނިކްއެވެ. މި ލަނޑަށްފަހުވެސް އެޓީމަށް ލީޑު ފުޅާކުރުމަށްވެސް ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން އަލަވޭސްގެ މައްޗަށް އެޓްލެޓިކޯ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުން ދިޔައީ އެޓްލެޓިކޯއެވެ. އެގޮތުން މި ހާފްގައިވެސް އެޓީމަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

އެޓްލެޓިކޯ އިން ލީޑު ފުޅާކުރީ 83 ވަނަ މިނެޓުގައި އެންޓޯނިއޯ ގްރިޒްމަން ކާމިޔާބުކުރި ލަނޑުންނެވެ. އެޓީމުގެ ތިންވަނަ ލަނޑު 87 ވަނަ މިނެޓުގައި ކާމޔާބުކުރީ ރޮޑްރީ ހެނާންޑޭޒްއެވެ.

މި ނަތީޖާއާއެކު އެޓްލެޓިކޯ އޮތީ ކުޅުނު 15 މެޗުން ލިބުނު 28 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. އަލަވޭސް އޮތީ އެޓްލެޓިކޯއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ފަރަގުން ހަތަރުވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް