ކ. މާލެ
|
6 ޑިސެންބަރ 2018 | ބުރާސްފަތި 22:29
ސިޓީގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާލުކުރަނީ
ސިޓީގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާލުކުރަނީ
ޓްވިޓަރ
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ވަޓްފޯޑް ބަލިކޮށް ސިޓީން ލީޑު ފުޅާކޮށްފި
ވަޓްފޯޑްގެ މައްޗަށް ސިޓީ ކުރިހޯދީ 1-2 ގެ ނަތީޖާއަކުން

ޕްރިމިއާ ލީގުގައި ވަޓްފޯޑް ބަލިކޮށް މެންޗެސްޓާ ސިޓީން ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފިއެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ވަޓްފޯޑްއާ ބައްދަލުކޮށް ސިޓީން މެޗު ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

ވަޓްފޯޑް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުން ދިޔައީ ސިޓީންނެވެ. އެގޮތުން އެޓީމުން ވަނީ ވަޓްފޯޑްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތަކެއް އުފައްދާފައެވެ. ލަނޑު ޖެހުމަށްވެސް އެޓީމަށް ވަނީ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސިޓީންނެވެ. މި ލަނޑު 40 ވަނަ މިނެޓުގައި ރިޔާދް މަހްރޭޒްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ލީރޯއި ސާނޭއެވެ. މި ހާފްގައި ވަޓްފޯޑަށްވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބިފައެވެ. އެހެންނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ވަޓްފޯޑްގެ މައްޗަށް ސިޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ސިޓީން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ގެބްރިއަލް ޖީސަސްގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ ރިޔާދް މަހްރޭޒްއެވެ.

މެޗު ނިމުމުގެ ކުރިން ވަޓްފޯޑުން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑުކޫރޭއެވެ.

މި ނަތީޖާއާއެކު ސިޓީ އޮތީ ކުޅުނު 15 މެޗުން ލިބުނު 41 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި ވަޓްފޯޑް އޮތީ ކުޅުނު 15 މެޗުން ލިބުނު 20 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 11 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް