ކ. މާލެ
|
5 ޑިސެންބަރ 2018 | ބުދަ 13:42
ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް
ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް
ރައީސް އޮފީސް
ފުޓުބޯޅަ ކްލަބްތައް
ފުޓުބޯޅަ ކްލަބްތަކަށް ދޭ މާލީ އެހީ ކުއްލިއަކަށް ކަނޑާ ނުލާނަން: ޔޫތް މިނިސްޓަރު
ކުންފުނިތަކުން މާލީ އެހީދޭ ގޮތް ބަލާނަން

ރާއްޖޭގެ ފުޓުބޯޅަ ކްލަބްތަކަށް ދޭ މާލީ އެހީ ކުއްލިއަކަށް ކަނޑާނުލާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ޓީސީ ސްޕޯޓްސް ކްލަބަށް ދިރާގު ދިވެހި ޕްރިމިއާ ލީގު ލިބުމުން ބޭއްވި އުފާފާޅުކުރުމުގެ ހަރަކާތުގައި ބައިވެރިވެ، ވާހަކަދައްކަވަމުން މަހުލޫފް ވިދާޅުވީ، ކްލަބްތަކަށް ސަރުކާރުން ދެމުން އަންނަ މާލީ އެހީ ކުއްލިއަކަށް ކަނޑާލުމުގެ ވިސްނުމެއް ނެތް ކަމަށާއި، އެ ފައިސާ ދެވެން އޮތިއްޔާ ދީގެން ކުރިޔަށްދާނެ ކަމަށެވެ.

އެގޮތުން މަހުލޫފް ވިދާޅުވީ، ކަމެއް ނިންމިޔަސް ނިންމާނީ ކްލަބްތަކާ މަޝްވަރާ ކުރުމަށްފަހު ކަމަށާއި، ކްލަބްތަކަށް ގެއްލުންވާ ގޮތަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި ކްލަބްތަކާ ބައްދަލުކުރައްވާނެ ކަމަށްވެސް މަހުލޫފް ވަނީ ވިދާޅުވެފައެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ފެއްޓެވި އެއްވެސް ކަމެއް ހުއްޓުވުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ފާހަގަކުރައްވަމުން މަހުލޫފް ވިދާޅުވީ، ކުންފުނިތަކުން ކްލަބްތަކަށް ފައިސާ ދޫކުރަމުން އައި ގޮތާއި، އެ ފައިސާ އޮތީ ދޫކުރެވޭގޮތަށްތޯ ބަލަންޖެހޭ ކަމަށެވެ.

މީގެއިތުރުން މަހުލޫފް ވިދާޅުވީ، ޓްރާންސިޝަން ދުވަސްވަރު އެސޯސިއޭޝަންތަކާއެކު ކުރިޔަށް ދިޔަ ބައްދަލުވުންތަކުގައި ފުޓުބޯޅަ އެސޯސިއޭޝަން ފިޔަވައި އެހެން ހުރިހާ އެސޯސިއޭޝަންތަކުން އައި އެންމެ ބޮޑު ޝަކުވާއަކީ ފުޓުބޯޅަ ކްލަބްތަކަށްދޭ މާލީ އެހީގެ ވާހަކަ ކަމަށެވެ.

އެގޮތުން މާލީ އެހީ ހޯދަން ކުންފުނިތަކަށް ދިޔުމުން ފުޓުބޯޅަ އަށް ކުރާ ހޭދަ ބޮޑުކަމަށް ބުނެ، އެހެން އެސޯސިއޭޝަންތަކަށް ފައިސާދޭން ކުންފުނިތަކުން ފަސްޖެހޭ ކަމަށްވެސް މަހުލޫފް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ސަރުކާރުން ފުރަތަމަ ޑިވިޝަންގެ ކޮންމެ ކްލަބަކަށް ތިން މިލިއަން ރުފިޔާ ދެމުން އަންނަތާ މިއީ ދެވަނަ އަހަރެވެ. އެހެންނަމަވެސް އެ ފައިސާ ހަރަދުކުރާ ގޮތް ރަނގަޅަށް ބެލިފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް