ކ. މާލެ
|
4 ޑިސެންބަރ 2018 | އަންގާރަ 19:00
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓް ބައްދަލުވުމުގެ ތެރެއިން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓް ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
ވަޒީރުންގެ މަޖިލިސް
ސިޓީ ކައުންސިލްތަކަށް ބާރުތައް ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި
މި ނިންމުން ވަޒީރުންގެ މަޖިލީހުން ނިންމީ މިއަދު

ކުރީގެ ސަރުކާރުން ސިޓީ ކައުންސިލްތަކުގެ ބާރުތައް ހަނިކޮށްފައި އޮތް އޮތުމަށް ނިމުމަކަށް ގެނެސް، ސިޓީ ކައުންސިލްތަކަށް ބާރުތައް އަލުން ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.

ވަޒީރުންގެ މަޖިލީހުގެ 3 ވަނަ ބައްދަލުވުމުގައި ނިންމާފައިވަނީ ސަރުކާރުގެ ވުޒާރާތަކަށް ބަދަލުކުރައްވާފައިވާ، ސިޓީ ކައުންސިލުގެ ބާރުތަކާއި، ސިޓީ ކައުންސިލުން ދޭ ޚިދުމަތްތައް، އަލުން ސިޓީ ކައުންސިލުތަކަށް ބަދަލުކުރުމުގައި، އެ ވުޒާރާއަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދެވުމަށެވެ.

އަލުން ސިޓީ ކައުންސިލަށް ބަދަލުކުރުމަށް ނިންމެވި ބާރުތަކުގެ ތެރޭގައި، އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި، ސަރުކާރުގެ ކަމާބެހޭ އިދާރާއިން އަންގާ ގޮތެއްގެމަތިން ތަފާސްހިސާބު ނަގައި ބެލެހެއްޓުމާއި، އެ ސިޓީއެއްގެ ރަޖިސްޓަރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި އެސިޓީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުމާއި، އެކަށީގެންވާ ރައްކާތެރި ގޮތެއްގައި ކުނި ނައްތާލުމާއި، ސިޓީއާއި ސިޓީގައި ހިމެނޭ އަވަށް އަވަށުގެ މަގާއި ޕާކުތަކާއި މައިދާން ފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީގޮތުން ހުޅުވުމާއި ބަންދުކުރުމާއި، ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރަންޓްތަކާއި ކެފޭތަކާއި ޢާންމު މާރުކޭޓުތަކުގެ ކަންކަން ހުރޭތޯ ބެލުން ފަދަ ކަންކަން ހިމެނެއެވެ.

ކައުންސިލްތައް ބަރުވެރިކުރުވުމަކީ ރައީސް ސޯލިހްގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވައުދެކެވެ. އެމަނިކުފާނު ވަނީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުުދުތަކުގެ ތެރޭގައިވެސް ކައުންސިލްތަކަށް ބާރުތައް ދިނުން ހިމަނުއްވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް