ކ. މާލެ
|
4 ޑިސެންބަރ 2018 | އަންގާރަ 19:06
ހދ. ކޭލަކުނު
ހދ. ކޭލަކުނު
ރާއްޖެ އެމްވީ
ވަޒީރުުންގެ މަޖިލިސް
ތިން ރަށެއް ހިމާޔަތްކުރުމުގެ މަޝްވަރާ ވަޒީރުންގެ މަޖިލީހުގައި ފަށައިފި
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި، 1 ފަރާއި، 1 ކަނޑޫފާ ރައްކާތެރިކުރުމަކީ ވައުދެއް

ހދ. ކޭލަކުނާއި، ހދ. ނޭކުރެންދޫގެ ކުޅި ހިމެނޭ ސަރަހައްދާއި، ހއ. ބާރަށުގެ ކުޅިހިމެނޭ ސަރަހައްދަކީ ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަމުގައި ކަނޑައެޅުމަށްޓަކައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ފަށައިފި އެވެ.

ވަޒީރުންގެ މަޖިލީހުގެ 3 ވަނަ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމާއި ގުޅޭގޮތުން ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ކޭލަކުނުގެ އިތުރުން ނޭކުރެންދޫއާއި ބާރަށު ކުޅި ހިމެނޭ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަމުގައި ކަނޑައެޅުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ހުށަހެޅުއްވި ކަރުދާހާ ބެހޭގޮތުން މަޝްވަރާތައް ކުރެވުނު ކަމަށެވެ. އެގޮތުން، ތިލަދުންމަތީ ދެކުނުބުރީ ކޭލަކުނާއި އެރަށުގެ ވަށައިގެންވާ ފަރާއި ފަޅުގެ ސަރަހައްދާއި، ހަމަ އެއަތޮޅު ނޭކުރެންދޫގެ ކުޅި، ފާ އަދި ޗަސްބިން ސަރަހައްދާއި، ތިލަދުންމަތީ އުތުރުބުރީ ބާރަށުގެ ކުޅި، ފާ އަދި ޗަސްބިން ސަރަހައްދަކީ ޙިމާޔަތްކުރެވިފައިވާ ސަރަހައްދުތަކެއް ކަމުގައި ކަނޑައެޅުމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވިކަމަށް ރައީސް އޮފީހުން ބުންޏެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި މި މައްސަލައިގެ މުހިންމުކަން ފާހަގަ ކުރައްވަމުން، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ތަންފީޛުކުރާ ޙިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި، 1 ފަރާއި، 1 ކަނޑޫފާ ރައްކާތެރިކުރުމަކީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ ވައުދެއްކަން ވަޒީރުން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، އިޤްތިޞާދީ ތަރައްޤީއަށް ރަށްތައް ކަނޑައެޅިގެންދާއިރު، ތިމާވެށީގެ ޚާއްޞަ މާޙައުލުތައް އެކުލެވޭ މިފަދަ ބައެއް ރަށްރަށާއި ސަރަހައްދުތައް، އަންނަން އޮތް ޖީލުތަކަށްޓަކައި ޙިމާޔަތްކުރެވި ފޯރުކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެއްކަން ވަޒީރުން ފާހަގަ ކުރެއްވިކަމަށް ރައީސް އޮފީހުން ބުނެެ އެވެ. އަދި ތިލަދުންމައްޗަކީ ތިމާވެށީގެ ގޮތުން މުއްސަނދި މާޙައުލުތަކެއް އެކުލެވިގެންވާ ސަރަހައްދެއް ކަމަށާއި، ތިމާވެށި ޤާނޫނުގެ ދަށުން މި ދެ އަތޮޅުގައި މިހާތަނަށް އެއްވެސް ސަރަހައްދެއް ނުވަތަ ތަނެއް ޙިމާޔަތް ކުރެވިފައި ނުވާކަންވެސް ވަޒީރުން ފާހަގަ ކުރެއްވިއެވެ.

ހދ. ކޭލަކުނާއި، ހދ. ނޭކުރެންދޫގެ ކުޅިހިމެނޭ ސަރަހައްދާއި، ހއ. ބާރަށުގެ ކުޅިހިމެނޭ ސަރަހައްދަކީ ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަމަށް ކަނޑައެޅުމަކީ، ދިވެހިރާއްޖޭގެ ތިމާވެށީގެ ތަރިކަ ރައްކާތެރި ކުރުމަށްޓަކައި، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ މުހިންމު ވައުދެކެވެ. އަދި، މިހިނގާ ޑިސެންބަރު މަހުގެ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިފްތިތާހުކޮށްދެއްވި، އެއްފަހަރު ބޭނުންކޮށްފައި އެއްލައިލާ ޕްލާސްޓިކް މަދު ކުރުމުގެ ކެމްޕެއިނަކީވެސް މި މުހިންމު ސިޔާސަތުގެ ދަށުން ފައްޓަވައިދެއްވި ޕްރޮގްރާމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް