ކ. މާލެ
|
4 ޑިސެންބަރ 2018 | އަންގާރަ 19:33
ކެންޓާރޯ ސެނައުރާ (ވ) ރައީސް ސޯލިހާއި ބައްދަލުކުރައްވަނީ
ކެންޓާރޯ ސެނައުރާ (ވ) ރައީސް ސޯލިހާއި ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ރާއްޖެ - ޖަޕާން
ޖަޕާނުގެ ބޮޑުވަޒީރުގެ މުޝީރު، ރައީސް ސޯލިހާއި ޚާރިޖީ ވަޒީރު ޝާހިދާއި ބައްދަލުކުރައްވައިފި
ޚާރިޖިއްޔާގެ އިސް ބޭފުޅުންނާއި ބައްދަލުކުރެއްވި

ޖަޕާނުގެ ބޮޑުވަޒީރުގެ ޚާއްސަ މުޝީރު ކެންޓާރޯ ސެނައުރާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި ބައްދަލުކުރައްވައިފިއެވެ. 

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކެންޓާރޯ ސޮނޮއުރާ ރާއްޖެ ވަޑައިގެންވެވިކަމަށްޓަކައި ޝުކުރުއަދާކުރައްވައި، މަރުހަބާ ވިދާޅުވެފައެވެ.

ރާއްޖެއާއި ޖަޕާނާ ދެމެދުގައި 1967 ވަނަ އަހަރު ދޭދޭ ގުޅުން ޤާއިމުކުރީއްސުރެ، ދެޤައުމުގެ ދެމެދުގައި ވަރަށް ގާތް އެކުވެރި ގުޅުމެއް އުފެދިފައިވާކަމަށާއި މިގުޅުމަކީ އިތުބާރާއި، އެއްބަޔަކު އަނެއްބަޔަކު ދެނެގަތުމުގެ މައްޗަށް ބަރޯސާވެފައިވާ ގުޅުމެއްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިކުރަން ބޭނުންފުޅުވާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. ރާއްޖެއިން އިރުމަތީ އޭޝިޔާ ސަރަޙައްދުގައި ޤާއިމު ކުރި ފުރަތަމަ އެމްބަސީ ޤާއިމުކޮށްފައިވަނީ ޖާޕާނުގައިކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ވިދާޅުވީ މިކަމުން އެކަނިވެސް ރާއްޖެއިން ޖަޕާނަށް ދޭ އަހައްމިއްޔަތު އެނގިގެންދާކަމުގައެވެ. މީގެ އިތުރުން ޖަޕާނުން އަބަދުވެސް ރާއްޖެއަށް ވެދެއްވާ އެހީތެރިކަމަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ. 

މިބައްދަލުކުރެއްވުމުގައި، ވާހަކަފުޅުދައްކަވަމުން ކެންޓަރޯ ސޮނޮއުރާ ވަނީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމާއި ގުޅިގެން ރައީސް ޞޯލިޙަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި، ރާއްޖެއާއި ޖަޕާނަކީ ގިނަ ކަންކަމުގައި ޚާއްޞަކޮށް ބައިނަލްއަޤްވާމީ ކަންކަމުގައި އެއްގޮތް ވިސްނުންގެންގުޅޭ ދެ ޤައުމުކަން ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ދެބޭފުޅުން ވަނީ ރާއްޖެއާއި ޖަޕާނާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ. މިގޮތުން، ޞިއްޙީ ދާއިރާއާއި، އަސްކަރީ ގުޅުން ބަދަހިކުރުމާއި ޢުމްރާނީ ވަޞީލަތްތައް ތަރައްޤީކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ބެހޭގޮތުން ރައީސް ސޯލިހާއި ކެންޓަރޯ ސޮނޮއުރާ ވަނީ މަޝްވަރާކުރައްވާފައެވެ.

ހޯމަ ދުވަހުގެރޭ ކެންޓާރޯ ސެނައުރާ ރާއްޖެ ވަޑައިގެންފައިވަނީ އެއް ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައެވެ. ސެނައުރާއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ވެރިކަމާއި ހަވާލުވެވަޑައިގަތްފަހުން ޖަޕާނުން ރާއްޖެއަށް ވަޑައިގެންނެވި އެންމެ އިސް ބޭފުޅާއެވެ. ސެނައުރާ ވަނީ އަންގާރަ ދުވަހުގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި ޚާރިޖިއްޔާގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ. 

އެގޮތުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއިއެކު އަންގާރަ ދުވަހު ޚާރިޖީ ވުޒާރާގައި ބައްދަލުކުރައްވާފައިވާއިރު އެކި ރޮނގުރޮނގުން، ޚާއްސަކޮށް އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ދެޤައުމުގެ ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވާރާކުރެއްވިއެވެ. 

ކެންޓާރޯ ސެނައުރާ (މ) ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި (ކ) އެކު

ސެނައުރާ ދަތުރުފުޅާއި ދިމާކޮށް ޖަޕާނު ސަރުކާރުން ވަނީ 41 މިލިއަން ރުފިޔާގެ އެހީއެއް ދިވެހި ސަރުކާރަށް ދީފައެވެ. މި އެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއެކުރެއްވީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ. ޖަޕާނުގެ ފަރާތުން ސޮއެކުރެއްވީ އެޤައުމަށް ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަޒޫމީ އެންޑޯއެވެ. 

ކެންޓާރޯ ސެނައުރާގެ ޝަރަފުގައި ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޚަލީލު ވަނީ މެންދުރުގެ ފަރިއްކޮޅެއްވެސް ބާއްވާފައެވެ. މި ފަރިއްކޮޅުގައި ޚާރިޖީ ވުޒާރާގެ އިސް ބޭފުޅުންގެ އިތުރުން ސެނޯރާގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް