ދިވެހިރައްޔިތުންގެ ތެރެއިން ގިނަބަޔަކަށް ތަޅާ އަނިޔާކުރިކުރުން ފާހަގަ ކުރުމެއް ނެތި އެކަން ހަނދާން ނައްތާލުމަށްފަހު 2012 ވަނަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހަކީ "ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ" ގޮތުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފާހަގަ ކޮށްފިއެވެ.
ޑީޖޭއޭއިން އެއޮފީހުގެ ވެބްސައިޓުގައި ޢާއްމުކޮށްފައިވާ ޚަބަރެއްގައި ބުނެފައިވަނީ 2012 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 08 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއަށް ވަރަށް ހިތާމަވެރި ބަނަ ދުވަހެއް ކަމަށާއި އެ ދުވަހު 8 ކޯޓުގައި ހުޅުޖަހައި އެތަންތާގައި ހުރި ރައްޔިތުންގެ ޙައްޤުތަކާ ގުޅޭ ހުރިހާ ލިޔުމެއް ނައްތާލާފައިވާ ކަމަށް ބުނެފައިވެ އެވެ އޭގެ ތެރޭގައި 70 އަހަރު ވަންދެން ރައްކާކުރެވިފައިވާ ޝަރުޢީ ލިޔުންތައް ވަނީ އަބަދަށްޓަކައި ނައްތާލާފައި ކަމަށްވެސް ޑީޖޭއޭއިން ބުނެފައިވެއެވެ
އެ ޙާދިސާއަށް މިއަދަށް (2017 ފެބްރުއަރީ 8 އަށް) 05 އަހަރު ވެފައިވާއިރު އަންދާލި ކޯޓުތަކުގެ ތެރެއިން ބައެއް ތަންތަން އަދިވެސް ވަނީ މަރާމާތު ނުކުރެވިކަމަށާއި މި ޓެރަރިސްޓް ހަމަލާގެ ސަބަބުން ޝަރުޢީ ދާއިރާގެ އުމުރާނީ ތަރައްޤީ ވަނީ އެތަށް އަހަރެއް ފަހަތަށް ޖައްސާލާފައި ކަމަށްވެސް އެޑިޕާޓްމަންޓުން ބުނެފައިވެއެވެ. އަދި މިފަދަ ބަނަ ދުވަހެއް ތަކުރާރު ވިޔަނުދިނުމަކީ ޝަރުޢީ ދާއިރާގެ އިލްތިމާސެއް ކަމަށްވެސް ވަނީ ބުނެފައެވެ.
"އަޅުގަނޑުމެންގެ މިއަދުގެ ދުޢާއަކީ ފަނޑިޔާރުންނާއި، ފަނޑިޔާރުގެތައް އަދުއްވުންގެ ޙަމަލާތަކުން މާތްﷲ ރައްކާތެރިކޮށްދެއްވުން" ކަމަށްވެސް ޑީޖޭއޭއިން ވަނީ ބުނެފައެވެ.
ޑިޖޭއޭއިން 8 ފެބްރުއަރީ އަކީ ކޯޓުތައް އަންދާލި ދުވަހުގެ ގޮތުގައި ފާހަގަކޮށްފައިވާއިރު 2012 ފެބްރުއަރީ 7 ވަނަ ދުވަހު ވަނީ ފުލުހުންގެ އިމާރާތަށާއި ސިފައިންގެ މައި މަރުކަޒަށް ބައެއް ފުލުހުންނާއި ބައެއް ސިފައިން އަދި އޭރުގެ އިދިކޮޅު ފަރާތްތައް ގުޅިގެން ހަމަލާދީ ވަރަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ދުވަހެކެވެ. އެދުވަހު މިހާރުގެ ރައީސް ޢަބްދުﷲ ޔާމީންވެސް ވަނީ އެއްވުން މަނާ ޖުމްހޫރީ މައިދާނަށް ވަޑައިގެން އޭރުގެ ސަރުކާރާ ދެކޮޅަށް ނިކުތް ފަރާތްތަކަށް މުޚާތަބުކޮށް ހިތްވަރު ދެއްވާފައެވެ. މީގެ އިތުރުން އޭރުގެ އިދިކޮޅު ބައެއް ފަރާތްތަކުން ވަނީ ފުލުހުންގެ އިމާރާތްތެރެއަށްވަދެ އޭރުގެ ސަރުކާރު ބަދަލު ކުރުމުގެ މަސައްކަތްކޮށް އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އިސްތިއުފާ ދެއްވަން ނިންމެވުމާއެކު އުފާފާޅުކޮށްފައެވެ.
ފެބްރުއަރީ 8 ވަނަ ދުވަހަކީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ޑީޖޭއޭއިން ފާހަގަ ކުރިއިރު އެދުވަހަކީ ދިވެހިތާރީޚުގައިވެސް ފުލުހުން ނިކުމެ ޢާއްމުރައްޔިތުންގައި ތަޅާ ބޮޑެތި އަނިޔާތައްވެސް ދީފައިވާ ދުވަހެވެ. ނަމަވެސް ފުލުހުން ޒިންމާދާރުވެ، ރައްޔިތުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތަންޖެހޭ ކަމަށް ޑީޖޭއޭއިން ނެރުނު ބަޔާނުގައި ބުނެފައެއް ނެތެވެ.