ކ. މާލެ
|
4 ޑިސެންބަރ 2018 | އަންގާރަ 18:20
ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔަތުގައި އެ ޕާޓީގެ މަޖިލިސް މެމްބަރުން
ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔަތުގައި އެ ޕާޓީގެ މަޖިލިސް މެމްބަރުން
ރާއްޖެ އެމްވީ
ޕީޕީއެމް
ޕްރައިމަރީއަކާ ނުލައި 24 މެމްބަރަކަށް ޕީޕީއެމުން ޓިކެޓް ދީފި
ނިހާން ވާދަ ކުރައްވަނީ ތިނަދޫ ދެކުނަށް

އަންނަ އަހަރުގެ މާޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެއްވުމަށް ޕްރައިމަރީއަކާއި ނުލައި، ޕީޕީއެމްގެ 24 މެމްބަރަކަށް އެ ޕާޓީގެ ޓިކެޓް ދީފިއެވެ.

މަޖިލިސް އިންތިހާބުގައި ވާދަ ކުރެއްވުމަށް އެ މެމްބަރުންނަށް ޓިކެޓް ދީފައި ވަނީ ދާއިރާތަކަށް ކުރިމަތިލުމަށް އިއުލާން ކުރުމެއް ވެސް ނެތިއެވެ. ޓިކެޓް ދިން މެމްބަރުންގެ ތެރޭގައި މަޖިލީހަށް އިންތިހާބުވި ދާއިރާ ނޫން، އެހެން ދާއިރާތަކަށް ކުރިމަތިލުމަށް ވެސް ޓިކެޓް ދީފައިވެއެވެ. އެގޮތުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކަށް ތިނަދޫ ދެކުނު ދާއިރާއަށް ވާދަ ކުރެއްވުމަށް ޓިކެޓް ދީފައިވެއެވެ. އަދި ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދަށް ގަލޮޅު ދެކުނު ދާއިރާއަށް ކުރިމަތިލެއްވުމަށް ޕީޕީއެމްގެ ޓިކެޓް ދީފައިވެއެވެ. އަދި އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު މުހައްމަދު އިސްމާއިލް ޕީޕީއެމަށް ސޮއި ކުރެއްވިކަން އިއުލާންކޮށް، އޭނާއަށް ހޯރަފުށީ ދާއިރާގެ ޓިކެޓް ދީފައިވެއެވެ.

ޕްރައިމަރިއަކާ ނުލައި ޓިކެޓް ދީފައިވާ މެމްބަރުން:

1. ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފު

2. ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް

3. ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު

4. ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް

5. މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބްދުލް ގާދިރު

6. ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން

7. އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް

8. ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ

9. އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް 

10. ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް

11. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ

12. މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު (ޓޮމް)

13. ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ހަލީލު

14. ފޮނަދޫ ދާއިރާ އަބްދުއްރަހީމް އަބްދުﷲ

15. ގެމަނަފުށީ ދާއިރާ ޖަމީލު އުސްމާން

16. ގައްދޫ ދާއިރާ އަހުމަދު ރަޝީދު

17. މަޑަވެލި ދާއިރާ މުއާޒު މުހައްމަދު ރަޝީދު

18. ފުވައްމުލަކު ދެކުނު ދާއިރާ އަބްދުﷲ މަސީހު މުހައްމަދު

19. ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު)

20. ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ

21. މާފަންނު ދެކުނު ދާއިރާ އަބްދުﷲ ރިފާއު

22. މާފަންނު މެދު ދާއިރާ އަސްމާ ރަޝީދު

23. ތިނަދޫ ދެކުނު ދާއިރާ އަހުމަދު ނިހާން ހުސައިން މަނިކު

24. ގަލޮޅު ދެކުނު ދާއިރާ އަހުމަދު އައްސަދު

އެ މެމްބަރުންނަށް ޓިކެޓް ދެއްވުމަށްފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ޕްރައިމަރީއަކާ ނުލައި ޕީޕީއެމްގެ މަޖިލިސް މެމްބަރުންނަށް ޕާޓީގެ ޓިކެއް ދިނުމުން ބައެއް ދާއިރާތަކުގައި ހިތް ނުތަނަވަސްކަން ހުރިކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެ މެމްބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދިނީ އެމަނިކުފާނު އަމިއްލަފުޅަށް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ކަމަށް ޔާމީން ވިދާޅުވިއެވެ.

އާ ޕާޓީއެއް ޔާމީން އުފައްދަން އުޅޭ ކަމަށް އަޑުފެތުރިފައި ވަނިކޮށް ރައީސް ޔާމީން ވިދާޅުވީ ޕާޓީއެއް އުފައްދަންޖެހޭ ނަމަ އެއީ ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

"މިރޭ މި ޓިކެޓް އެރުވުނީ ރައީސް ޔާމީންގެ ފަރާތުން. ރައީސް ޔާމީން މިވަގުތު ޕީޕީއެމްގެ ރައީސްއަކަށް މިހުރީ. އެހެންނަމަވެސް ރާއްޖޭގެ ކަންތައްތައް މިދާ ގޮތުން ކޮންމެ ކަހަލަ ކަމެއް ވެސް ނުވާނެ ކަމެކޭ އަޅުގަނޑު ނުދަންނަވާނަން. ޕާޓީއެއް އުފައްދަން ޖެހެންޏާ ޕާޓީއެއް އުފެއްދުމަކީ ކުރަންޖެހޭ ކަމެއް. އެކަމަކު މިހާރު އެއީކީ އެ ފުރުސަތެއް ނޫން،" ޔާމީން ވިދާޅުވިއެވެ.

ޔާމީން އަމިއްލަފުޅަށް ބޭނުންފުޅުވެގެން، 24 މެމްބަރަކަށް ޓިކެޓް ދެއްވާފައި ވަނީ ޕީޕީއެމަކީ އާންމު މެމްބަރުން ބޭނުންވާ ގޮތަށް، ޑިމޮކްރަޓިކް އުސޫލުތަކާ އެއްގޮތަށް ހިނގަމުންދާ ޕާޓީއެއް ކަމަށް އެމަނިކުފާނު އަމިއްލަފުޅަށް ހޯމަ ދުވަހުގެ ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވެފައި ވަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް