ކްލަބް ފްރެންޑްލީއެއްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި އެވެ.
ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު މި ރަހްމަތްތެރިކަމުގެ މެޗު ގްރީން ސްޓްރީޓާ ވާދަކޮށް މާޒިޔާ އިން މެޗު ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ރަނގަޅު ކުޅުމެއް މާޒިޔާގެ ފަރާތުން ފެނިގެންދިޔަ އިރު އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ މުހައްމަދު އުމެއިރު އެވެ. މި ލަނޑަށްފަހުވެސް މާޒިޔާއަށް ވަނީ ލީޑު ފުޅާކުރަންވެސް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
އެހެންނަމަވެސް ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ގްރީން ސްޓްރީޓްގެ މައްޗަށް މާޒިޔާ ކުރިހޯދައިގެންނެވެ.
ދެވަނަ ހާފް ފެށިގެންވެސް މާޒިޔާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. އެގޮތުން އެޓީމުން ވަނީ ދެ ލަނޑު ޖަހައިފައެވެ. މި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ކުރިޔަށް އޮތް ސީޒަނަށް އެޓީމަށް އަލަށް ގެނައި ސާބިއާގެ ފޯވާޑެވެ. އޭނާ ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.
މެޗުގައި ގްރީން ސްޓްރީޓްގެ ފަރާތުންވެސް ވަނީ ރަނގަޅު ކުޅުމެއް ފެނިގެންގޮސްފައެވެ. އެހެންނަމަވެސް މާޒިޔާގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލުމަށްފަހު ލަނޑެއް ކާމިޔާބުކުރަން ގްރީން ސްޓްޓް ވަނީ ނުކުޅެދިފައެވެ.
ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ގިނަ ފްރެންޑްލީތަކެއް ހުރިހާ ކްލަބްތަކުންވެސް ދަނީ ކުޅެމުންނެވެ. އެގޮތުން މާޒިޔާ ވަނީ އެޓީމު ކުޅުނު ހުރިހާ ފްރެންޑްލީއެއް ކާމިޔާބުކޮށްފައެވެ.