މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ތިންވަނަ އެމްބީއޭ ކަޕްގެ ފެށުން އެލްޓީ ސްޕޯޓްސް އަދި ސްޓްރިންޖާސް ބާސްކެޓް ބޯލް ކްލަބުން ރަނގަޅުކޮށްފި އެވެ.
ބުދަ ދުވަހު ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އެލްޓީ އާއި ޔޫއެން ފްރެންޑްސް އެވެ. މި މެޗު 37-55 ޕޮއިންޓުން މެޗު ކާމިޔާބުކުރީ އެލްޓީންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެލްޓީގެ މުހައްމަދު އީވާން ޒާހިރު އެވެ.
މެޗުގައި އެންމެ ގިނަ ޕޮއިންޓް ހޯދާފައިވަނީ އެލްޓީގެ މުހައްމަދު އީވާން އެވެ. އޭނާ 15 ޕޮއިންޓް ހަމަކުރިއިރު، ޔޫއެން ފްރެންޑްސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ ޝިހާމް އިސްމާއިލް އެވެ. އޭނާ ވަނީ 8 ޕޮއިންޓް އެޓީމަށް ހޯދައިދީފައެވެ.
ދެވަނަ މެޗުގައި ބައްދަލުކުރީ ސްޓްރިންޖާސް އާއި ރެޑް ވިންގްސް އެވެ. މި މެޗު 50-75 ޕޮއިންޓުން ކާމިޔާބުކުރީ ސްޓްރިންޖާސް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސްޓްރިންޖާސްގެ މުހައްމަދު ޒަބީރު އެވެ.
މެޗުގައި ސްޓްރިންޖާސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދީފައިވަނީ ޒަބީރު އެވެ. އޭނާ 27 ޕޮއިންޓް ހަމަކުރިއިރު، ރެޑްވިންގްސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދީފައިވަނީ 14 ޕޮއިންޓް ހަމަކުރި ޔާފިއު އިބްރާހިމް އާދަމް އެވެ.
މިމުބާރާތުގެ ދެ ވަނަ ޑިވިޝަންގައި 6 ޓީމް ވާދަކުރެއެވެ. އަދި ފުރަތަމަ ޑިވިޝަންގެ ފިރިހެންބައިގައި 4 ޓީމް ވާދަކުރުމަށް ހަމަޖެހިފައިވާއިރު އަންހެން ބައިގައި ވާދަކުރާނީ 3 ޓީމެވެ.