ކ. މާލެ
|
4 ޑިސެންބަރ 2018 | އަންގާރަ 21:13
ބާސާ އަށް ކުޅެމުން އަންނަ ލުއިސް ސުއަރޭޒް
ބާސާ އަށް ކުޅެމުން އަންނަ ލުއިސް ސުއަރޭޒް
ގެޓީ އިމޭޖަސް
ލުއިސް ސުއަރޭޒް
އޭސީ މިލާނުން ސުއަރޭޒް ހޯދުމަށް މަސައްކަތް ކުރަނީ!
ސުއަރޭޒްގެ އެއްބަސްވުން އަންނަ އަހަރު ހަމަވޭ

އޭސީ މިލާނުން ބާސެލޯނާ އަށް ކުޅެމުން އަންނަ ލުއިސް ސުއަރޭޒް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިޓަލީގެ މީޑިއާތަކުން ބުނީ ލޯން އެއްބަސްވުމެއްގެ ދަށުން ސުއަރޭޒް ހޯދުމަށް އޭސީ މިލާނުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެޓީމުން މަސައްކަތް ކުރަނީ ޖެނުއަރީ ޓްރާންސްފާ އަށް އަމާޒުކޮށްގެން ކަމަށެވެ.

ބާސާއާ އެކު ސުއަރޭޒް ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖުލައި މަހަށް ހަމަވާ އިރު، އޭނާގެ އެއްބަސްވުން އާ ކުރަން އެ ކްލަބުން މަސައްކަތް ކުރަމުން އަންނަ ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ދާދިފަހުން ބާސާގެ ކުރީގެ ރައީސް ޖޯއާން ގަސްޕާޓް ވިދާޅުވީ، ސުއަރޭޒް އަށް އިތުރު ފަސް އަހަރުގެ އެއްބަސްވުމެއް ހައްގު ކަމަށް ވިދާޅުވެފައެވެ.

ލިއޮނެލް މެސީ ބާސާ އަށް ގެނައުމުގައި އެހީތެރިވެ ދެއްވި ގަސްޕާޓް ގޯލްޑޮޓްކޮމް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ސުއަރޭޒް އަކީ ވަރަށް ތަފާތު ކުޅުންތެރި އެއް ކަމަށާއި، ރައީސަކަށް ހުންނެވި ނަމަ ސުއަރޭޒް އަށް ފަސް އަހަރުގެ އާ އެއްބަސްވުމެއް ހުށަހަޅާނެ ކަމަށެވެ.

ގަސްޕާޓް ވިދާޅުވީ، އުމުރުން 31 އަހަރުގެ ސުއަރޭޒް ނުކުޅެން ނިންމި ނަމަވެސް އެއީ މައްސަލަ އެއް ނޫން ކަމަށާއި، އެހެން ނަމަވެސް އާ އެއްބަސްވުމެއް ހުށަހެޅުމަކީ ބުއްދިވެރިކަމެއް ކަމުގައި ދެކޭ ކަމަށެވެ.

މީގެކުރިން ލިވަޕޫލް އަދި އަޔަކްސް އަށް ވެސް ކުޅެފައިވާ ސުއަރޭޒް ބާސާ އަށް ބަދަލުވީ 2014 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ އެ ކްލަބަށް މި ސީޒަނުގައި މިހާތަނަށް ކުޅުނު 15 މެޗުގައި ނުވަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.

މިހާތަނަށް ބާސާ އަށް ޖުމްލަ ކުޅުނު 216 މެޗުގައި 161 ލަނޑު ކާމިޔާބު ކޮށްފައިވާ ސުއަރޭޒް ވަނީ އެ ކްލަބާއެކު ލަލީގާ ތިން ފަހަރު، ކޮޕާޑެލްރޭ ހަތަރު ފަހަރު، ސްޕެނިޝް ސުޕާ ކަޕް ދެ ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު، ޔުއެފާ ސުޕާ ކަޕް އެއް ފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް އެއްފަހަރު ކާމިޔާބު ކޮށްފައެވެ.

އުރުގުއޭ އާ އެކު 2011 ވަނަ އަހަރު ކޮޕާ އެމެރިކާ ކާމިޔާބު ކުރި ސުއަރޭޒް ވަނީ ގައުމީ ޓީމަށް ކުޅުނު 106 މެޗުގައި 55 ލަނޑު ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް