ކ. މާލެ
|
3 ޑިސެންބަރ 2018 | ހޯމަ 19:03
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ރާއްޖެއެމްވީ
ފިނޭންސް މިނިސްޓްރީ
ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރު ލިބިއްޖެނަމަ ބޮންޑް ވިއްކަން ނުޖެހޭނެ: ފިނޭންސް މިނިސްޓަރު
2019 އަހަރުގެ ބަޖެޓްގައި 150 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑެއް ވިއްކުމަށް ވަނީ ހިމަނާފައި
ބަޖެޓް ސަޕޯޓަށް ފައިސާ ނުލިބިއްޖެނަމަ ޑިސެންބަރު މަހު ކޭޝް ފްލޯރއަށް ދަތިތަކެއް ކުރިމަތިވާނެ

ބަޖެޓް ސަޕޯޓަށް 200 މިލިއަނެއްހައި ޑޮލަރު ލިބިއްޖެނަމަ ބޮންޑް ވިއްކަން ނުޖެހޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ 2019 އަހަރުގެ ބަޖެޓްގައި 150 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑެއް ވިއްކުމަށް ހިމަނާފައިވާ ކަމަށެވެ. ނަމަވެސް ބޭރު ގައުމުތަކުން ބަޖެޓް ސަޕޯޓަށް އެކަށީގެންވާ ފައިސާ ހަމަޖެހިއްޖެ ނަމަ ބޮންޑް ނުވިއްކާނެ ކަމަށެވެ.

އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށް އަލިއަޅުއްވާލައްވާ މިނިސްޓަރ އަމީރު ވިދާޅުވީ، ބަޖެޓް ސަޕޯޓަށް ފައިސާ ނުލިބިއްޖެނަމަ ޑިސެމްބަރު މަހު ކޭޝް ފްލޯއަށް ދަތިތަކެއް ކުރިމަތިވާނެތީ ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރު ހޯދުމަށް އިންޑިޔާއަށް ޕްރޮޕޯސަލްއެއް ހުށަހެޅިކަމަށެވެ. މިޕްރޮޕޯސަލްއާއެކު ފައިސާގެ އެހީ ލިބޭނެ ކަމުގެ ފެހި ސިގްނަލް އިންޑިއާއިން ދީފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ރައީސްގެ ދަތުރުފުޅާ އެއްކޮށް މިކަންތައްތައް އެގްރިމެންޓަކާއި ހަމައަށް ގޮސްފައި ސޮއިކުރެވޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަނީ. އޭގެ އިތުރުން އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރާއި ވެސް އަޅުގަނޑުމެން ބައްދަލުކުރިން. އަދި ވީހައި ވެސް އަވަހަކަށް 25 މިލިއަން ޑޮލަރުގެ ބަޖެޓް ސަޕޯޓެއް އަޅުގަނޑުމެންނަށް ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ،" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ރިޒާވް މެނޭޖް ކުރުމަށްޓަކައި މިހާރު ސާކް ފައިނޭންސްގެ ދަށުން ކަރެންސީ ސްވެޕް ފެސިލިޓީއެއް އޮންނަކަން ފާހަގަކުރައްވައި މިނިސްޓަރ އަމީރު ވިދާޅުވީ މިހާރު އިންނަނީ 200 މިލިއަން ޑޮލަރު ކަމަށާއި، މިއަދަދަށް އިތުރު ކުރުމަށް އެދިފައިވާ ކަމަށެވެ.

"ދެން އޭގެ އިތުރުން އަޅުގަނޑުމެން އެދުނީ އަޅުގަނޑުމެންގެ ޕީ.އެސް.އައި.ޕީގެ ޕްރޮޖެކްޓަށް ޚާއްސަކޮށް އަޅުގަނޑުމެންގެ ފެނާއި ނަރުދަމާއަށް 2019 ވަނަ އަހަރުގެ ބަޖެޓްގައި އަޅުގަނޑުމެން ހިމަނާފައިވާނެ 72 ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ހިންގުމަށް. އޭގެ ތެރޭގައި ޖުމްލަ އަދަދު ގާތްގަނޑަކަށް 120 މިލިއަން ޑޮލަރު ޕްރޮޖެކްޓް އެއީ،" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ތިން ޓާޝަރީ ހޮސްޕިޓަލް އެޅުމާއި ބެހޭ ގޮތުން މަޝްވާރާ ކުރެވުނު ކަމަށާއި، މާލޭގެ ކޮމާޝަލް ހާބަރު ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި އިންވެސްޓަރ ފައިނޭންސިންގ ހޯދުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށެވެ.

"އެއްބިލިއަން ޑޮލަރުގެ ވާހަކައަކީ ހަގީގަތުގައި އެގޮތަށް އަޅުގަނޑުމެންނާ ދެކެވުނު ވާހަކައެއް ނޫން. އަޅުގަނޑުމެން އިންޑިއަން އެގްޒިމް ބޭންކް މެދުވެރިކޮށް އަޅުގަނޑުމެންނަށް ފީސިބަލް ޕްރޮޖެކެޓްތައް ފްރޮޕޯސަލްތައް ހުށަހެޅީމަ އެއްބިލިއަން ޑޮލަރާ ހަމައަށް އަދި އޭގެ އިތުރުން ވެސް ފަންޑް އެރޭންޖް ކުރެވިދާނެ ވާހަކަ ދެކެވުނީ،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ މިއީ ރާއްޖޭގެ ދަރަންޏަށް އެއްބިލިއަން ޑޮލަރު އިތުރުވުން ނޫން ކަމަށާއި، އިންޑިޔާ އިން އެއްބިލިއަން ޑޮލަރު ހޯދަނީ ނޫން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް