ކ. މާލެ
|
3 ޑިސެންބަރ 2018 | ހޯމަ 17:57
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ރާއްޖެއެމްވީ
ފިނޭންސް މިނިސްޓްރީ
ރާއްޖޭގެ ޖުމްލަ ދަރަނީގެ އަދަދަކީ 3.7 ބިލިއަން ޑޮލަރު: މިނިސްޓަރ އަމީރު
ރާއްޖެއިން ޗައިނާއަށް 1.4 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަންޖެހޭ
އެތެރޭގެ ދަރަނި އުޅެނީ 1.9 ބިލިއަން ޑޮލަރު

ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ދައްކަން ޖެހޭ ޖުމްލަ ދަރަނީގެ އަދަދަކީ، 3.7 ބިލިއަން ޑޮލަރު ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރުކަމާއި ހަވާލުވެވަޑައިގަންނަވާ ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ ބޭރުގެ ފަރާތްތަކަށް ދަރަނީގެ ގޮތުގައި 3.7 ބިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށާއި، އެއީ އުފެއްދުންތެރިކަން ނޫނީ ޖީޑީޕީގެ ނިސްބަތުން 53 އިންސައްތަގެ ދަރަންޏެއް ކަމަށެވެ.

ހަމައެކަނި ޗައިނާއަށް ދައްކަންޖެހޭ ދަރަނި ފާހަގަކުރައްވައި މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖެއިން ޗައިނާއަށް 1.4 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަންޖެހޭ ކަމަށެވެ. އެއީ ރާއްޖޭގެ ޖުމްލަ ދަރަނީގެ 38 އިންސައްތަ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ޗައިނާ އިން ދޭން އެއްބަސްވި ލޯނުގެ ތެރެއިން މިހާތަނަށް 857 މިލިއަން ޑޮލަރު ބޭނުންކޮށްފައިވާ ކަމަށެވެ.

މީގެ އިތުރަށް މިނިސްޓަރު ވިދާޅުވީ އެތެރޭގެ ދަރަނި އުޅެނީ 1.9 ބިލިއަން ޑޮލަރު ކަމަށާއި، ބޭރުގެ ދަރަނި އުޅެނީ، 1.8 ބިލިއަން ޑޮލަރުގައި ކަމަށެވެ.

ދައުލަތުގެ ޕޭޔަބަލްސްއަށް އަލިއަޅުއްވާލައްވާ މިނިސްޓަރު އަމީރު ވިދާޅުވީ ދިވެހި ސަރުކާރުން އެހެން ކުންފުނިތަކާއި ޕްރައިވެޓް ސެކްޓަރ އާއި އަދި އެހެނިހެން ފަރާތްތަކަށް ދިވެހި ސަރުކާރުން ދައްކަން ޖެހޭ ފައިސާ ގެ އަދަދު 2.4 ބިލިއަން ރުފިޔާ އަރާ ކަމަށެވެ.

"މިފައިސާގެ އަދަދު އަޅުގަނޑު ހާމަކުރަން މިބޭނުންވަނީ ވީހާވެސް އޯޕަންކޮށް މިމައުލޫމާތު ރައްޔިތުންނަށް އަންގަން ބޭނުންވޭ. އަޅުގަނޑުމެން ސަރުކާރާއި ހަވާލުވެ، މިހާރު ހުރި ހާލަތުގައި ރައްޔިތުންނަށް ނޭނގޭނަމަ ފަހުން މިކަންތައްތައް އަޅުގަނޑުމެންނާއި ދިމާލަށް މިވާހަކަތައް އައިސްދާނެތީ އަޅުގަނޑު ބޭނުންވަނީ މިކަންތައްތައް ވެސް ހާމަކޮށްލަން،" އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ މީގެ ތެރޭގައި ޕާޗޭޒް އޯޑަރގެ އަދަދު 428 މިލިއަން ރުފިޔާ އަރާ ކަމަށާއި، ޕޯސްޓެޑް އިންވޮއިސްގެ އަދަދު 824 މިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ. އަދި އާސަންދަ ކުންފުންޏަށް ސަރުކާރުން 103 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށާއި، އެސްޓީއޯއަށް 786 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށެވެ. ސެޓެލްކޯއަށް 151 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށާއި، ފެނަކަ ކޯޕްރޭޝަނަށް 101 މިލިއަން ރުފިޔާ އަދި އައިލޭންޑް އޭވިއޭޝަނަށް 65 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެކި ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާތަކަށް އަލިއަޅުއްވާލައްވާ މިނިސްޓަރ އަމީރު ވިދާޅުވީ ޖުމްލަ އަދަދު ގާތްގަނޑަކަށް 1.3 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. މީގެ ތެރެއިން އަމިއްލަ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ އަދަދު 30 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އަދި ފިޝަރީޒް މިނިސްޓްރީން ދޯނިތަކަށް 14 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި، އިންޖީނު އެޅުމަށް ލޯނުގެ ގޮތުގައި ދިން ފައިސާ 1.8 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

"އަދި އެގްރިކަލްޗަރ ފަންޑުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނު އެބައަރާ 32 މިލިއަން ރުފިޔާއަށް. އަދި އެކަނިއެކަނި ކުންފުނިތަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދު އެބައަރާ 514 މިލިއަން ރުފިޔާ. ދެން ސިފައިންގެ އަދި ފުލުހުންގެ އިމާރާތްތައް އެޅުމަށްޓަކައި އަޅުގަނޑުމެން ދޫކޮށްފައި އެބަވޭ ގާތްގަނޑަކަށް 391 މިލިއަން ރުފިޔާ. ފުލުހުންނަށް 369 މިލިއަން ރުފިޔާ،" އަމީރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް