ކ. މާލެ
|
3 ޑިސެންބަރ 2018 | ހޯމަ 19:28
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރާއްޖެއެމްވީ
ތެލުގެ ވަގު ވިޔަފާރި
ތަހްގީގު ހުއްޓުވަން ގްރާންޑް ތޯންޓަން އަށް 10 މިލިއަން ޑޮލަރު ދެއްކި މައްސަލަ ފައިލްކޮށްފި
800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރި ކުރި ކަމަށް ތުހްމަތުކުރާ މައްސަލަ ނުނިމި ގިނަ ދުވަސްތަކެއް ވަނީ ވެފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގުޅިވަޑައިގެން 800 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރި ހިންގާފައިވާކަމަށް ތުހްމަތުކުރެވޭ މައްސަލައިގެ ތަހްގީގުކުރުން ހުއްޓުވަން ގްރާންޑް ތޯންޓަންއަށް 10 މިލިއަން ޑޮލަރު ދެއްކި މައްސަލަ ކުރިއަށް ނުގެންދަން ނިންމައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ފައިލްކޮށްފި އެވެ.

ރާއްޖެ އެމްވީ. އަށް އެނގިފައިވާ ގޮތުގައި އޭސީސީގެ އެ ނިންމުމުގައި ބުނެފައި ވަނީ، ގްރާންޑް ތޯންޓަނުން މައްސަލައިގެ ތަހްގީގު ނިންމައި ރިޕޯޓް ދިވެހި ސަރުކާރާ ހަވާލުކޮށްފައި ނުވާ ކަމާއި ގްރާންޑް ތޯންޓަން މެދުވެރިކޮށް އިތުރު މައުލޫމާތެއް ލިބިފައި ނުވާތީ އާއި ކުރީގެ ރައީސް މައުމޫނާއި ރައީސް ޔާމީން ބައިވެރިވެގެން ތެލުގެ ވަގު ވިޔަފާރިއެއް ކޮށްފައިވާކަން ސާބިތުކުރަން އެކަށީގެންވާ މިންވަރަށް ހެކި ލިބިފައި ނެތް ކަމަށެވެ. މައްސަލަ ފައިލްކުރަން ނިންމީ މި ސަބަބުތަކުގެ މައްޗަށް ބެލުމަށް ފަހު އެވެ.

މި މައްސަލަ ފައިލްކުރިކަން އޭސީސީގެ ނާއިބު ރައީސް މުއައްވިޒު ރަޝީދު ކަށަވަރުކޮށް ދެއްވި އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ދިހަ މިލިއަން ޑޮލަރު ދެއްކި މައްސަލަ ނިންމި ނަމަވެސް، ރައީސް މައުމޫނުގެ ވެރިކަމުގައި، އެސްޓީއޯގެ ޗެއާމަނަކަށް ޔާމީން ހުންނެވި ދުވަސްވަރު ހިންގާފައިވާ ކަމަށް ތުހްމަތުކުރެވޭ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ އޭސީސީން ދަނީ ބަލަމުންނެވެ. ނަމަވެސް 10 މިލިއަން ޑޮލަރު ދެއްކި މައްސަލައިގެ ނިންމުމުގައި، ކުރީގެ ރައީސް މައުމޫނާއި ރައީސް ޔާމީން ބައިވެރިވެގެން ތެލުގެ ވަގު ވިޔަފާރިއެއް ކޮށްފައިވާކަން ސާބިތުކުރަން އެކަށީގެންވާ މިންވަރަށް ހެކި ލިބިފައި ނެތް ކަމަށް ނިންމުމުން، މިހާރު ބަލަމުންދާ މައްސަލާ ފުށޫ އަރާނެ އެވެ.

ގްރާންޑް ތޯންޓަންއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ތަހްގީގު ހުއްޓާލަން ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން 10 މިލިއަން ޑޮލަރު ދެއްކި މައްސަލަ ފައިލް ކުރަން ނިންމީ ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކުރިންނެވެ. ނަމަވެސް އެ ނިންމުން އޭސީސީން ހާމަކޮށްފައެއް ނުވެ އެވެ.

ރައީސް ވަހީދުގެ ސަރުކާރުން ގްރާންޑް ތޯންޓަން އަށް ފައިސާ ދެއްކީ، ޔާމީން ބާރު އަޅުއްވައިގެން ކަމަށް ރައީސް ވަހީދުގެ އެޑްވައިޒަރު ޑރ. ހަސަން ސައީދު 2013 ގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ވަނީ ވިދާޅުވެފަ އެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި، ޔާމީން އެސްޓީއޯގެ ޗެއާމަނަކަށް ހުންނެވި ދުވަސްވަރު އެ ކުންފުނީގެ މުވައްޒަފުންތަކެއް ހިއްސާދާރުންނަށް ހަދައި މޯކަމްގެ ނަމުގައި ސިންގަޕޫރުގައި އުފެއްދި ކުންފުނިން ތެޔޮ ވިއްކީ، އޭރު ގިނަ ގައުމުތަކަކުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮތް އަސްކަރީ ވެރިކަމެއް ހިންގަމުން ދިޔަ ބަރުމާއަށެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި އުފެއްދެވި ނެޝަނަލް އިންކްއަރީ ކޮމިޝަނުންނާއި ރައްޔިތުންގެ މަޖިލީހުން ވެސް 800 މިލިއަން ޑޮލަރުގެ ތެލުގެ މައްސަލަ ބަލަމުންދިޔަ އެވެ. އެ މައްސަލައިގައި އޭރު މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރަކަށް ހުންނެވި ޔާމީން ވިދާޅުވެފައި ވަނީ ތެލުގެ ވަގު ވިޔަފާރިކުރިކަން އެ މަނިކުފާނުގެ މައްޗަށް ސާބިތު ނުކުރެވޭނެ ކަމަށެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް