ކޮޕާޑެލްރޭގައި އެޓްލެޓިކޯ މެޑްރިޑާ އެއްވަރުކޮށް، އެގްރިގޭޓް ނަތީޖާއިން ބާސެލޯނާ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ބުދަ ދުވަހުގެ ރޭ ކުޅުނު މި މެޗުން އެޓްލެޓިކޯއާ ވާދަކޮށް ބާސާ އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ.
ބާސާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ވަނީ ފެނިގެންގޮސްފައެވެ. އެގޮތުން ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ދެޓީމަށްވެސް ވަނީ ލިބި ބޭކާރުވެފައެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބާސާ އިންނެވެ. މި ލަނޑު 43 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލުއިސް ސުއަރޭޒް އެވެ.
މި ލަނޑާއެކު ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން އެޓްލެޓިކޯގެ މައްޗަށް ބާސާ ކުރިހޯދައިގެންނެވެ.
ދެވަނަ ހާފް ފެށިގެން އެޓްލެޓިކޯ އިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށްފައެވެ. އެގޮތުން އެޓީމުން ވަނީ ބާސާގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ.
މެޗުގައި ބާސާ އަށް ހުރަސްތަކާ ކުރިމަތިވީ 57 ވަނަ މިނެޓުގައި އެޓީމުގެ ސާޖިއޯ ރޮބާޓޯ އަށް ރެފްރީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ. އެގޮތުން އެޓްލެޓިކޯ އިން ވަނީ އޭގެ ފައިދާ ނަގާ ބާސާގެ ގޯލަށް ފުލުފުލުގައި ހަމަލާ އުފައްދާފައެވެ.
އެހެންނަމަވެސް 69 ވަނަ މިނެޓުގައި އެޓްލެޓިކޯގެ ޔަނިކް ފެރެއިރާ ކަރަސްކޯ އަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ. އެގޮތުން މެޗުގެ ބޮޑުބައި ދެޓީމުންވެސް ކުޅުނީ 10 ކުޅުންތެރިންނާއެކުގައެވެ.
މެޗުގެ 80 ވަނަ މިނެޓުގައި އެޓްލެޓިކޯ އަށް ވަނީ ޕެނަލްޓީއެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އެޓްލެޓިކޯގެ ކެވިން ގަމީރޯ ފޮނޮވާލި ޕެނަލްޓީ ދިޔައީ ދަނޑިމަތިން ބޭރަށެވެ. އެހެންނަމަވެސް އޭގެ ތިން މިނެޓު ފަހުން އޭނާ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓްލެޓިކޯ އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މެޗުގެ އިތުރުވަގުތުގައި ބާސާގެ ލުއިސް ސުއަރޭޒް އަށް ރެފްރީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކިއިރު، މެޗުގެ ފަހު މިނެޓުތައް އެޓީމު ނިންމާލީ ނުވަ ކުޅުންތެރިންނާއެކުގައެވެ.
މި ނަތީޖާއާއެކު 2-3 ގެ އެގްރިގޭޓް ނަތީޖާއަކާއެކު ބާސާ ފައިނަލަށް ދަތުރުކޮށްފައިވާއިރު، އެޓީމާ ދެކޮޅަށް ކޫޅޭ ޓީމެއް ކަށަވަރުވާނީ ބުރާސްފަތި ދުވަހުގެ ރޭ އަލަވޭސް އަދި ސެލްޓަވިގޯ ބައްދަލުކުރާ މެޗަށްފަހު އެވެ.