ބ. ކެންދޫ ފަޅުތެރޭގައި އޮތް ތިން ދޯންޏަކާއި ލޯންޗެއްގައި އަލިފާން ރޯކޮށްލި މައްސަލައިގައި، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފްގެ ބޭބެ، އަބްދުއްސަލާމް ޔޫސުފަށް ކުރާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުން ސިއްރުކޮށްފިއެވެ.
ދައުލަތުގެ ހެކިބަސް ނެގުމަށް ބުދަ ދުވަހު ތާވަލްކުރި އަޑުއެހުން ސިއްރުކުރި ސަބަބެއް ސާފެއް ނުވެ އެވެ. މީގެ ކުރިން މި މައްސަލާގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައި ވަނީ ހުޅުވާލައިގެނެވެ. ޖެނުއަރީ 9 ވަނަ ދުވަހު އަބްދުއްސަލާމްގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް ބާއްވާފައިވަނީ ހެކިން ހުށަހެޅުމަށެވެ.
ދައުލަތުން ވަނީ އަބްދުއްސަލާމްގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ޖުމްލަ 25 ހެއްކަކާއި ގަރީނާއެއް ހުށަހަޅާފަ އެވެ. އެހެން ނަމަވެސް ސަލާމްގެ ފަރާތުން ދިފާއުގައި ހެއްކެއް ހުށައެއް ނާޅައެވެ.
ދައުލަތުން ހުށައަޅާފައިވާ ހެކިންގެ ތެރޭގައި ހިމެނެނީ ސިއްރު ހަ ހެއްކަކާއި، ފާޅުގައި ހެކި ބަސްދޭ 16 ހެއްކެއްގެ އިތުރުން، ދެ ރިޕޯޓެކެވެ.
ދައުލަތުން ސިއްރު ހެކި، އެކެއް ހުށަހަޅާފައިވަނީ 2015 ވަނަ އަހަރުގެ އޭޕްރީލް 24 ވަނަ ދުވަހު ޖަރީމާއެއް ހިންގާނެ ކަމަށް އަބްދުއްސަލާމް ބުނެފައިވާކަން ސާބިތުކޮށް ދިނުމަށެވެ. އަދި ދެން ތިބި ސިއްރު ހެކިން ހުށަހަޅާފައިވަނީ އެ ދުވަހުގެ ދަންވަރު 00:45 ހާއިރު ކެންދޫ ބަނދަރު މަތިން އޭނާ ފެނުނުކަން ސާބިތުކޮށްދިނުމަށެވެ.
ގާޒީ ބާރީގެ ބޭބެ، ބ. ކެންދޫ، މޯނިންހައުސް، އަބްދުއްސަލާމް ޔޫސުފްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ ކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 20 ވަނަ ދުވަހު އެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ ނޮވެމްބަރު 23 ވަނަ ދުވަހު އެވެ.
އަބްދުއްސަލާމްގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ 2015 ވަނަ އަހަރުގެ އޭޕްރީލް 24 ވަނަ ދުވަހު ކެންދޫ ފަޅުތެރޭގައި އަޅާފައި އޮތް "މާހޯރަ" ކިޔާ ދޯނީގައި އޭނާ އަލިފާން ރޯކޮށްލުމުން އަލިފާންގަނޑު ފެތުރި "ސަރަކަ 2" ކިޔާ ދޯންޏަކާއި "ފެހިވިނަ" ކިޔާ ލޯންޗެއްގެ އިތުރުން "އަރާމަ 2" ކިޔާ ދޯންޏެއްގައި އަލިފާން ރޯވެފައި ވާތީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދެ ވަނަ މާއްދާގެ (ޅ) އާ ހަވާލާދީ އެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ށ) ގެ ދަށުން ޓެރަރިޒަމުގެ ދައުވާ ކުރާ ކަމަށެވެ.