ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސްގެ ކައިވެނީގެ ފުރަތަމަ ފޮޓޯ ހިއްސާކޮށްފި އެވެ.
ނިކް ޖޯނަސް ޓެގްކޮށް ޕްރިޔަންކާ އޭނާގެ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައިވާ މި ފޮޓޯތަކަކީ ހަލްދީ އަދި މެހެންދީ ހަފުލާ ކުރިއަށް ދިޔައިރު ނަގާފައިވާ ފޮޓޯ ތަކެކެވެ.
މި ހަފްލާގައި ޕްރިޔަންކާ އެކި ކުލަތަކުން ޖަރީކޮށްފައިވާ ހެދުމެއްގައި ހުރިއިރު ނިކް ފެނިގެންދަނީ ހުދުކުލައިގެ ހެދުމެއްގަ އެވެ.
ޖޯދްޕޫރުގެ އުބެއިދް ބާވަން ޕެލަސްގައި ނަގާފައިވާ މި ފޯޓޯތަކުގައި ޕްރިޔަންކާ އާއި ނިކް ފެނިގެން ދަނީ ދެފަރާތުގެ އާއިލާ އާއި އެކު ހިނިތުންވެފައި ތިއްބައެވެ.
ހޮނިހިރު ދުވަހު މި ޖޯޑު ކައިވެނި ކޮށްފައިވާއިރު ދެމީހުންގެ ވެސް ކައިވެނީގެ ހެދުން ފަރުމާ ކޮށްފައިވަނީ ރަލްފް ލޯރެންއެވެ.
މިދެމީހުން ކައިވެނި ކޮށްފައި މިވަނީ އެންގޭޖް ކުރިތާ ހަތަރު މަސް ފަހުންނެވެ.
މި ކައިވެންޏާއި ގުޅޭ ގޮތުން މާބޮޑު ތަފްސީލެއް ހާމަކޮށްފައި ނުވި ނަމަވެސް ވޯގްގައި ރިޕޯޓްކޮށްފައިވާ ގޮތުން މި ޖޯޑުގެ ކައިވެނި ދެގޮތަކަށް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކްރިސްޓިއަން ވެޑިންއެއް ހޮނިހިރު ދުވަހު ބޭއްވުމަށްފަހު ހިންދީ ސަގާފީ ވެޑިންއެއް އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.