އިނގިރޭސި ލަވަކިޔުންތެރިޔާ ޖޯ ޖޯނަސް އާއި ގޭމް އޮފް ތްރޯންސްގެ ތަރި ސޯފީ ޓާރނާ ގެ ކައިވެނި އަންނަ އަހަރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ގާތް މީހަކާއި ހަވާލާދީ ޔޫއެސް ވީކްލީގައި ރިޕޯޓްކޮށްފައިވާގޮތުން މި ދެމީހުން ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ސަމަރ ގައި ފްރާންސްގައެވެ.
މި ޖޯޑު ތިބީ މިވަގުތު ޖޯގެ ކޮއްކޮ ނިކް ޖޯނަސް އާއި ޕްރިޔަންކާގެ ކައިވެނީގައި ބައިވެރި ވުމަށްޓަކައި އިންޑިއާގައެވެ.
މިޖޯޑު ވަނީ މި ހަފްތާ ގެ ކުރީކޮޅު އިންޑިއާއަށް ދިއުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ޕްރިޔަންކާ އާއި ނިކްގެ ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ޖޯދްޕޫރަށް ގޮސްފައެވެ.
މި ޖޯޑުގެ ކައިވެނީގެ ވާހަކަ ފެތުރެން ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހު 24 ގައި ކޮއުޗް މައިކް ބޭޔަރު އޭނާގެ އިންސްޓަގްރާމް ސްޓޯރީއަށް ވީޑިއޯއެއް ޕޯސްޓް ކުރުމުންނެވެ.
އެ ވީޑިއޯގައި ފެނިގެންދަނީ ހުދުކުލައިގެ ބޮކްސް އެއްގައި ރަންކުލައިއިން "ސޯފީ އެންޑް ޖޯ 2019 ޕްރާންސް" ޖަހާފައިވަނިކޮށެވެ.
ނަމަވެސް ފަހުން އޭނާ ވަނީ އެ ވީޑިއޯ ޑީލީޓް ކޮށްފައެވެ.
އުމުރުން 29 އަހަރުގެ ޖޯ އާއި 22 އަހަރުގެ ސޯފީ އެންގޭޖް ކޮށްފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.